މިސައިލު ފޮނުވޭ މަނަވަރު ގެންނަނީ އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް: ޑިފެންސް

Manavaru

ތުރުކީ ވިލާތުން ރާއްޖެއަށް ހަދިޔާކުރާ މިސައިލު ފޮނުވުމުގެ ގާބިލުކަން ހުރި މަނަވަރު ދިވެހި ސިފައިންގެ ހިދުމަތަށް ތައާރަފުކުރަނީ، އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ދަމަހައްޓައި، މެންބަރު ގައުމެއްގެ ހައިސިއްޔަތުން އޮތް ދައުރު އަދާކުރުމުގައި ޒިންމާދާރު ބަޔަކަށްވުމަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. މިއީ ރަހުމަތްތެރި ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ނަތީޖާއެއްގެ ގޮތުން ލިބޭ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޓީސީޖީ ވޮލްކަން (P-343) ކިޔާ އެ މަނަވަރަކީ 1981 ވަނަ އަހަރުން ފެށިގެން ތުރުކީ ވިލާތުން ބޭނުންކުރި އަސްކަރީ އުޅަނދެކެވެ. މި އުޅަނދު ރާއްޖެ ގެނެސް އޮޕަރޭޓް ކުރުމަށް، ދިވެހި ސިފައިން މިހާރު ތުރުކީގައި ތަމްރީނުވަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ތުރުކީ ނޫހެއްކަމަށްވާ “ޓާކިޔޭ ޓުޑޭ” ގައި ބުނެފައިވަނީ އެ ގައުމުން މި މަނަވަރު ރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ދެ ގައުމު ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބައަކަށް ސިފައިން ހެދުމާއި ކޯސްޓްގާޑުގެ ގާބިލުކަން ދެގުނަކުރުން ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ، ގާނޫނު އަސާސީއާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ދިވެހި އަސްކަރިއްޔާގެ ވައިގެ ހިދުމަތަށް ވެސް ތުރުކީވިލާތުން ވަނީ މިދިޔަ އަހަރު ދެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ގެނެސްފައިވާކަމެވެ.

ފަހުގެ