ދުނިޔޭގައި ޕްރީކާސްޓުކޮށް ބެހެއްޓި އެންމެ އުސް ތަނބު ތިލަމާލެ ބްރިޖުގައި ބަހައްޓައިފިއެވެ. އިންޑިއާ ހައި ކޮމިޝަނުން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި މި ތަނބުގެ އުސްމިނުގައި 8.2 މީޓަރު ހުރެ، ފުޅާމިނުގައި 25.3 މީޓަރު ހުރެއެވެ. މާލެއިން ފެށިގެން ތިލަފުއްޓާ ދޭތެރޭގައި ހުރި ރަށްތަކަށް އެއްގަމުން ދަތުރުކުރެވޭ ގޮތް ހެދުމަށް ކުރިއަށްދާ މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ޕައިލް ކެޕް ޖެހުމާއި ޕިއާ ކޮލަމްސް އެޅުމުގެ މަސައްކަތުގެ އިތުރުން ސުޕަ ސްޓްރަކްޗާގެ ބައިތައް ގުޅާލުމުގެ މަސައްކަތްތަކެވެ. މި ބްރިޖުގެ ގިނަ ބައިތަކަކީ ޕްރީކާސްޓު ކޮށްގެން ގެނެސް ގުޅާލާ ބައިތަކެކެވެ. ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނަ މި ބްރިޖު ތަރައްގީކުރަން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ތަރައްގީކުރާ މި ބްރިޖުގެ މަސައްކަތް ކުރަނީ އެފްކޮންސް ކުންފުނިންނެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެ އަމަލީ މަސައްކަތް ފެށި މި މަޝްރޫއު، އެކި ސަބަބުތަކާ ހުރެ ލަސްވެފައިވާއިރު، ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރަށެވެ.