ފިތުރު އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު 4 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމައަށް ގްރޭޓާ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފިއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ހަވީރު 4 އިން 6 އަށް ހުރިހާ އިންޖީނުލީ އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރުމުގެ އިތުރުން، ހަވީރު 4 އިން ރޭގަނޑު 11:30 އާ ހަމައަށް ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ކުރިން ނެރުނު އިއުލާނަށް ބަދަލު ގެނެސްގެންނެވެ. ސިޓީ ކައުންސިލުން ކުރިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ހަވީރު 4 އިން 6 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރާ ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބަރު އުޅަނދުތަކަށް މަނާ ވަގުތު އިތުރުކޮށްފައިވެއެވެ.
މަނާ ވަގުތުގައި ދުއްވުމުގެ ހުއްދަ ލިބިފައިވަނީ ހަ ކެޓަގަރީއެއްގެ އުޅަނދުތަކަށެވެ. އެއީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލެންސް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް، ފުރާ މީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް، އަދި ފިތުރު އީދު ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތަކެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިންޒާރު ދީފައިވަނީ މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. މި ގާނޫނުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނުގައި ކުށަކަށް ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ 750 ރުފިޔާއިން ޖޫރިމަނާކުރުމެވެ.