ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އެމަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން، ކޮމިޝަނަށް އާ މެންބަރަކު ހޯދުމަށް އިއުލާން ކޮށްފިއެވެ. އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.
ކޮމިޓީން މިފަދަ މަސައްކަތެއް ފެށުމަށް ނިންމީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާ ގުޅިގެންނެވެ. މި ތުހުމަތުތަކާ ގުޅިގެން ކޮމިޓީން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އިބްރާހިމް ރަޝީދު އަމިއްލައަށް އިސްތިއުފާ ދިނުމަށް ނިންމެވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ހުސްވެފައިވާ މެންބަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން އިތުރަށް ބުނެފައިވެއެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 13:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިގްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ބުނީއެވެ.