ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނަށް އިންޑިއާއިން ސިއްރުން އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ތަފްސީލީ މައުލޫމާތުތަކެއް ވޮޝިންޓަން ޕޯސްޓުން ހާމަކޮށްފިއެވެ. .
ރާއްޖޭގެ ސަލާމަތީ އިދާރާއެއްގެ އިސް ވެރިންގެ އިންޓަވިއުގެ މައްޗަށް ބިނާކޮށް އެ ނޫހުގައި ޝާއިއުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ 12 މީހުންގެ ޓީމެއް މާލޭގެ މޫކައި ހޮޓަލުގެ އެއް ފަންގިފިލާއެއް ފުލްކޮށް ތިބެ، ސޯލިހުގެ ކެމްޕޭނަށް ޕޯލިންގ އެނަލިސިސް ހަދައިދީފައިވެއެވެ. މީގެ އިތުރުން، އިންޑިއާގެ މިލިޓަރީ މަތިންދާބޯޓެއްގައި ޓްރާންސްޕޮންޑަރު ނިއްވާލައިގެން އިންޑިއާގެ އިސް ވެރިން ކުރުންބާ ރިސޯޓަށް އައިސް، ނަޝީދާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައިވެއެވެ.
އިންޑިއާއިން މި މަސައްކަތްތައް ކުރީ ނަޝީދާއި ސޯލިހުގެ ދެމެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތައް ހައްލުކޮށް، ސޯލިހުގެ ކެމްޕޭނަށް ނަޝީދުގެ ތާއީދު ހޯދުމަށެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބު ނުވެ، އެމްޑީޕީގެ ވޯޓު ބައިބައިވެ، މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއެވެ.
ސޯލިހުގެ ވެރިކަމުގައި އިންޑިއާއަށް ގިނަ އިމްތިޔާޒުތަކެއް ދެވުނެވެ. މީގެ ތެރޭގައި ރާއްޖޭގައި އިންޑިއާގެ ހެލިކޮޕްޓަރުތައް ބޭއްވުމާއި، ރާއްޖޭގެ ފުރަތަމަ ނޭވަލް ހާބަރު އިންޑިއާއާ ގުޅިގެން ތަރައްގީކުރުމުގެ އެއްބަސްވުން ހިމެނެއެވެ. އަދި އިންޑިއާއިން 800 މިލިއަން ޑޮލަރުގެ ލޯނަކާއި 400 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ.: