އޮޕަރޭޝަން ފޭކް ސްލިޕް ފަށައިފި

Screenshot 2024 10 11 At 02.51.41

ދިވެހި ފުލުހުންގެ ޚިދުމަތުން އައު ހަރަކާތެއް ފަށައިފިއެވެ. “އޮޕަރޭޝަން ފޭކް ސްލިޕް” ގެ ނަމުގައި ފެށި މި ހަރަކާތުގެ މަޤްޞަދަކީ ނުރަނގަޅު ގޮތުގައި ބޭނުންކުރެވޭ ބޭންކު ސްލިޕްތަކާ ގުޅޭ މައްސަލަތައް ހުއްޓުވުމާއި، ވިޔަފާރިވެރިންނަށް އެކަށީގެންވާ މުޢާމަލާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި، ސެންޓްރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ހިމެނެއެވެ. އަދި މީގެ އިތުރުން، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ މުވައްޒަފުންނާއި، މާލެ ސަރަޙައްދުގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުން އަދި ކޮލެޖް ދަރިވަރުންވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހިންގާ މި ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ޕްރޮގްރާމެއްގެ ފެށުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އޮކްޓޯބަރު މަހު، ޚާއްޞަކޮށް ސައްޙަނޫން ބޭންކު ސްލިޕްތައް ދެނެގަތުމަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި، މާލޭ ސަރަޙައްދުގެ ހުރިހާ ވިޔަފާރިތަކަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

މި ހަރަކާތުގެ ދަށުން، ވިޔަފާރިތަކުގައި ބޭންކު ޓްރާންސްފަރ ބޭނުންކުރާ މިންވަރު ދެނެގަތުމާއި، ސައްޙަނޫން ސްލިޕް ހުށަހަޅާ ފަރާތްތައް އިތުރުވެފައިވޭތޯ ބެލުމަށް މަސައްކަތްކުރެވޭނެއެވެ. އަދި ސައްޙަ ސްލިޕްތަކާއި ޝައްކުކުރެވޭ ސްލިޕްތައް ވަކިކުރާނެ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދެވޭނެއެވެ.

މީގެ އިތުރުން، ބޭންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފައިސާ ލިބުނުކަން ޔަޤީންކުރުމުގެ މުހިންމުކަން އޮޅުންފިލުވައިދެވޭނެއެވެ. އަދި ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ދިމާވެފައިވާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު އެއްކުރެވި، މަކަރާއި ހީލަތުގެ ޢަމަލުތަކާ ކުރިމަތިވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ފުލުހުންގެ މި މަސައްކަތުން، ވިޔަފާރިތަކުގައި ހިނގާ މާލީ މުޢާމަލާތްތަކުގެ ރައްކާތެރިކަން އިތުރުވެ، މަކަރާއި ހީލަތުގެ ޢަމަލުތައް މަދުވާނެކަމަށް އުންމީދުކުރެވެއެވެ.

ފަހުގެ