ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ނަމުގައި ވަގު ވައިބާ އެކައުންޓެއް ހުޅުވައިގެން ހިންގާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަހުމަދު ޝިފާން ވަނީ އޭނާގެ ނަމުގައި ހިންގާ ވަގު ވައިބާ އެކައުންޓްގެ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. އެ އެކައުންޓްގެ ޕްރޮފައިލް ފޮޓޯއަކަށް އޭނާގެ ފޮޓޯއެއް ލާފައިވާއިރު، އޭގެ ނަންބަރެއްގެ ގޮތުގައި ވަނީ 7854084 އެވެ.
އެކްސްގައި ޝިފާން ވިދާޅުވެފައިވަނީ، އެއީ އޭނާ ނޫން ކަމަށާއި ސަމާލުވާން އެދޭ ކަމަށެވެ. “އެއްވެސް މުއާމަލާތެއް ހިންގެވުމުގެ ކުރިން ނަންބަރު ޔަގީން ކުރެއްވުން އެދެން،” ޝިފާން ވިދާޅުވިއެވެ.
މިހާރުވެސް ވައިބާ އެކައުންޓުތައް ހެކްކޮށްގެން މީހުންގެ އަތުން ފައިސާ ހޯދައި ސްކޭމްތައް ހިންގަމުންދާ މައްސަލަތަކެއްވެސް ދަނީ ފެންމަތިވަމުންނެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް “ވަގުތު”އަށް ވިދާޅުވެފައިވާ ގޮތުގައި ވައިބާ އެކައުންޓުތައް ހެކްކޮށްގެން އާއިލާ މީހުންނަށް ގުޅައިގެންނާއި މެސެޖުކޮށްގެން ފައިސާ ހޯދަމުންދާ ކަމުގެ ރިޕޯޓްތައް ފުލުހުންނަށް އަދި ރަށްރަށުގައި ޤާއިމުކުރެވިފައިވާ ސްކޭމް ސެންޓަރުތަކަށް ލިބެމުންދެއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުން ސަމާލުވުމަށާއި، ޝައްކުކުރެވޭ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.