އިންޑިއާގެ އެހީގައި ފެށި އައްޑޫ ސިޓީގެ ބޮޑެތި މަޝްރޫޢުތައް ނިންމާލައިފި

Screenshot 2024 08 11 At 15.04.18
މިނިސްޓަރ މޫސާ ޒަމީރު އަދި ޑރ. ޢަބްދުﷲ މުއްޠަލިބު، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއެކު، އައްޑޫ ސިޓީގެ 4 ލޭނުގެ ޑިޓުއަރ ލިންކް ރޯޑް އިފްތިތާޙުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢު ނިމުނުކަން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން

އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދިޔަ އައްޑޫ ސިޓީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ހަންކެޑެ ބްރިޖު މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ނިމުން އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ހަންކެޑެ ބްރިޖަކީ 1.463 ކިލޯމީޓަރުގެ ދިގުމިނުގެ 4 ލޭނަށް ތަރައްޤީކުރެވުނު ބްރިޖެކެވެ. މި ބްރިޖުގެ މަސައްކަތް ފެށުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ބްރިޖު މުހިންމުވަނީ ހަންކެޑެ ސަރަޙައްދު ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް މަގުފަހިކޮށްދޭތީއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 184.3 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މީގެ ތެރޭގައި ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫގެ އިތުރުން ފަތުރުވެރިކަމަށް ޚާއްޞަކޮށް ހިއްކި 3 ރަށް ހިމެނެއެވެ. އަދި 7 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި ގޮނޑުދޮށް ހިމާޔަތްކޮށްފައިވެއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއަރައި، ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލެއް ލިބޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މި މަޝްރޫޢުތަކަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫޢުތަކެއް ކަމުގައި ބެލެވެއެވެ.

ފަހުގެ