އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ޖައިޝަންކަރަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓަރު ޒަމީރުގެ ދައުވަތަކަށެވެ. މި ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ދަތުރުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތައް ދެނެގަނެ މަޝްވަރާކުރުމެވެ.
މި ދަތުރުގައި ޖައިޝަންކަރު، އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައިލައްވާނެއެވެ. އަދި އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް އައްޑޫއަށް ވެސް ވަޑައިގަންނަވާނެއެވެ.
މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖައިޝަންކަރު ވަނީ ތިން ފަހަރު ރާއްޖެ ވަޑައިގެންފައެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު ޖައިޝަންކަރު އިންޑިއާއަށް ފުރާވަޑައިގަންނަވާނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.