ރިޔާސީ އިންތިހާބުގައި ބަލިވި އެމްޑީޕީއަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑިއެއް ލިބުންވެސް ޝައްކު ކަމަށް ޑިމޮކްރެޓްސްގެ ނައިބު ރައީސްކަމަށް ކުރިމަތި ލައްވާފައިވާ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.
މިރޭ ޑިމޮކްރެޓްސް އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވަނީ އެމްޑީޕީއަށާއި އެޕާޓީގެ ލީޑާރޝިޕަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަކީ އެޕާޓީގެ ލީޑަރޝިޕްގެ ނާގާބިލިއްޔަތު ކަމުން ލިބުނު ނާކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
“އެ ޕާޓީ މިހާރު އެއޮތް ދަރަޖައިން ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑިއެއް ނެގުމާ ދޭތެރޭވެސް ޝައްކު” ރޭގެ ޖަލްސާގައި އެމްޑީޕީއަށް ފާޑުވިދާޅުވަމުން އަމްރު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އަމްރު ވަނީ، އެމަނިކުފާނު އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމުގައި ހުންނެވިނަމަ ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލަށް ފާޑުވިދާޅުވެފައެވެ.