ރައީސް އަބްދުالله ޔާމިންގެ ބަހުގެ ހަމަލާތައް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަމަޒުކުރަން ފައްޓަވައިފިއެވެ.
މިގޮތުން ރޭ ހުޅުމޭލޭ ސަޕޯޓަރުން އެރުވި ފަރިވަޅަކަށް ފަހު, އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގެ ކުޑަދޮރުން ބޯ ދިއްކުރައްވައި ރައީސް ޔާމިން ދެއްވި މެސެޖުގަ ވިދާޅުވީ, މަގާމުތައް ލިބުނީމާ ފިނި ކޮޓަރި އަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށެވެ. ނަމަވެސް، އެ މަނިކުފާނު ދެކެމިި ލޯބިވާ އާންމު ރައްޔިތުން ތިބޭނީ ގައުމުގެ ހައްގުގައި މަގުމަތީގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން، އިންތިހާބީ ރައީސް ޑރ. މުއިއްޒުއަށް ނުރުހުމުގެ ބަސްތަކެއް އަމާޒު ކުރެއްވުމަށްފަހު ވަނީ މަގުމަތީގެ ހަރަކާތްތައް ވެސް އިތުރުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ އެ މަނިކުފާނުގެ ހައްގުގައި އެންމެ ބުރަ މަސައްކަތެއް ކުރީ އާންމު ސަޕޯޓަރުންގެ ތެރެއިން އަންހެނުން ކަމަށާއި އެ މީހުން މަގުމަތީ އިހުތިޖާޖުގައި އުޅުނީ މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ފަހު ކަމަށެވެ. ނަމަވެސް މިހާރު މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށްވެސް ރައީސް ޔާމިން ނުރުހުން ފާޅުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ..
“އެކަމަކު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަތައް ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި ތި ރައްޔިތުން ކުރި މަސައްކަތުން. އެހެންވީމާ އިންސާނީ ތޮބިއްޔަތަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ އެ ކަންކަން ހަނދާން ނެތުން، އެހެން ނަމަވެސް، ރައްޔިތުންގެ ލޯތްބަކީ އަދި ޖަލު ގޮޅީގައި އޮތަސް އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން.” ރައީސް ޔާމިން-
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ހުވާ ވެސް ކުރެއްވުމުގެ ކުރިން, ރައީސް ޔާމިން މުއިއްޒުއަށް ފާޑު ވިދާޅުވާން ފަށާފައިވާއިރު, ޑރ. މުއިއްޒުއަށް ރައީސް ޔާމިންގެ ހަގީގީ ތާއީދެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު ރިޔާސީ އިންތިހާބުގެ ތެރެގަ ވެސް ވާހަކަ ދެއްކިއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޕީއެންސީގެ ތެރެއިން ކެނޑިޑޭޓަކު ނެރެން ރައީސް ޔާމިން އެންގެވުމުން, ޑރ. މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތުމުން ވެސް އެއީ ރައީސް ޔާމިން ބޭނުންފުޅުވާ ގޮތެއް ނޫންކަމަށް ވެސް އެމަނިކުފާނުގެ ބައެއްސަޕޯޓަރުން ދިޔައީ ބުނަމުންނެވެ.
ރައީސް ޔާމިންގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން, އެ ނިންމުން ރަނގަޅުކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުން ރައީސް ޔާމިން އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ބޮއިކޮޓްކުރާށެވެ. ނަމަވެސް ޕީޕީއެމް/ޕީއްސީ ކޯލިޝަނުގެ ސެނެޓުގެ ތެރެއަށް ޑރ. މުއިއްޒު ނުފޫޒު ފޯރުއްވައި, އިންތިހާބު ބޮއިކޮޓުކުރުން ހުއްޓުވިއެވެ.