ދިވެހިން އަލަށް ލިބިގަތް ޑިމޮކްރަސީގެ ކުރު ހަޔާތުގައި 2023ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު، މިއަހަރުގެ އިންތިހާބަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑުތަނުން ދަށްވެފައިވާކަމަކީ ޝައްކެއް އޮތަ ކަމެއް ނޫނެވެ. މިހެން ދިމާވި ސަބަބުތައްވެސް ވަރަށް ގިނައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާރޓީއެއްގެ ގޮތުގައި އޮތް މައި ޕާޓީގެ ފަރާތުން އެޕާޓީގެ ކެންޑިޑޭޓްގެ ޖަލު ހުކުމަށް ވާނެ ގޮތަކާއި މެދު ކަންބޮޑުވުމެއްގައި ތިބެން ޖެހުމުގެ ސަބަބުން ސަރުކާރުގެ ކަންކަމާއި ބެހޭ ގޮތުން މާބޮޑު އެއްވެސް ހަރަކާތެއް ނުފެނުން ހިމެނެއެވެ. އެގޮތހުން ސަރުކާރު ޒިންމާދާރު ކުރުވުމަކަށް ހިންގުނު އެއްވެސް ހަރަކާތެއް ފެނިފައެއް ނެތެވެ.
ދިވެހިންގެ ސިޔާސީ ޝައުގުވެރިކަން އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި ހިސާބުން ވަނީ ގެއްލެން ފަށާފައެވެ. އެގޮތުން ސިޔާސީ ވާހަކައާއި އެނޫންވެސް ސަރުކާރު ޒިންމާދާރުކުރުވުމަށް ފާރަވެރިވާ އެންމެ އަސާސީ އެއްފަރާތް ކަމުގައިވާ ނޫސްވެރިންވެސް ސަރުކާރުގެ އަތްދަށުވެފައިވާލެއް ވަރަށް ބޮޑެވެ. ދިވެހި ނޫސްވެރިކަން ވެފައިވަނީ ސަރުކާރު ރުހޭ ގޮތަކަށް ނޫނީ ހަބަރާއި މައުލޫމާތު ނުގެނެސްދޭ ބަޔަކަށެވެ.
ދިވެހިންގެ ވެރިކަމާއި 2018 ވަނަަ އަހަރު އިބްރާހިމް މުޙައްމަދު ސޯލިހު ހަވާލުވީ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ކޯލިޝަނަކުންނެވެ. އެކޯލިޝަން އެކުގައި ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރިމަތި ލައްވަން ނިންމެވި ހިސާބުން ކޯލިޝަންގެ ގިނަ ބައިވެރިންނަށް އެކަމަށް އެއްބަސް ނުވެވުނެވެ. ކޯލިޝަންގައި ތިއްބަވައި އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ކަންކަން ހިންގަވާފައިވާ ގޮތް ހިތްހަމަ ނުޖެހި، އިތުރަށް ކޯލިޝަން ހައްދަވައިގެން އިބްރާހިމް މުޙައްމަދު ސޯލިހަށް ވެރިކަން ހޯއްދަވަން މަސައްކަތް ނުކުރައްވާނެ ކަމަށް އެކޯލިޝަންގެ އެމްޑީޕީގެ އިތުރުން އޮތް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީން އިއުލާންކޮށް، އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމިއެވެ.
ސިޔާސީ ފަރާތްތަކުން އިންތިހާބުތަކަށް ވާދަކުރަށްވަނީ ހިސާބު ޖައްސަވައިގެންނެވެ. އެހިސާބު ޖެއްސެވުމުގައި އެކި މީހުން ގެންގުޅޭ އުސޫލުތަކާއި ވިސްނުން ވަރަށްވެސް ތަފާތެވެ. ގޯސް ހިސާބު ޖައްސަވައިގެން އިންތިހާބުތަކަށް ވާދަ ކުރެއްވުުގެ ނަތީޖާއަކީ ގިނަ ފަހަރަށް ފެއިލްވުމެވެ. އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރައި ދެކޮޅަށް އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީ ތެރެއިން ބަޔަކު ނުކުމެ ވަކި ޕާޓީއެއް އުފަންކުރުވީ ސިޔާސީ ކޮން ކަހަލަ ހިސާބެއް ޖައްސަވައިގެންތޯ މިއަދު ގިނަ ބަޔަކު ސުވާލެއް ނުކުރެެެވެ. އެކަމުގެ ސަބަބުތައް ފެންނާން ހުރު ކަމުގައި ވެދާނެވެ.
މިހިނގާ 2023 ވަނަ އަހަރުގައި އޮންނަ ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ސަރުކާރުގެ ފަރާތުން އިންތިހާބަށް ނުކުންނައިރު އެންމެ ވާދަވެރި ކެންޑިޑޭޓެއްގެ ގޮތހުގައި އަދި ފެންނަނީ، ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ހިންގަވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެވެ. ކިތަންމެ ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިބްރާހިމް މުޙައްމަދު ސޯލިހަށް އެންމެ އުނދަގޫވާނީ ޑިމެކްރެޓުންނާއި ވާދަކުރެއްވުން ކަމުގައި ނޫނީ ނުވާނެއެވެ. ޑިމޮރެޓްސް އަށް ނަޝީދު ގުޅިވަޑައިގަތް ޖަލްސާގައި އެމަނިކުފާނު ދެއްވި މެސެޖެއް އޮވެއެވެ.
ނަޝީދުގެ ސިޔާސީ ހަޔާތް ފުޅާކުރެއްވި އެންމެ ބޮޑު ޕްލެޓްފޯރމް، އެމްޑީޕީގެ ތިއްބެވި ގާތް މެމަބަރުންނަށް މުހާތަބު ކުރައްވައި ދެއްވީ ވަރަށްވެސް ވަރުގަދަ މެސެޖެކެވެ. އެމަނިކުފާނު ތަކުރާރުކުރެއްވީ އުސޫލެއްގައި ގޮތެއްގައި ނެތްނަމަ އަގުވެއްޓި ގެއލި ހަލާކުވެގެންދާ ދިވިހިންގެ ވާހަކައެވެ. ޖުމްލަކޮށް އިންސާނާގެ ވާހަކައެވެ.
“އެސްއެމްއީ ބޭންކަކުން ނުލިބޭނެ ތިމާގެ އުސޫލެއް، އެކަމަކު ލޯނެއް ލިބިދާނެ. ދަރަންޏެއްް ބޮލުގައި އެޅިދާނެ. ތެދުވެރި ދިރިއުޅުމެއް އެއީއަކީއެއް ބޭންކަކުން އަދި ތިނެންންގެވި ލޯނަކުން ވާކަމެއް ނޫން.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެން ބޭއްވި ބައްދަލުވުމުގައި ތަކުރާރުކޮށް ވިދާޅުވީ އެޕާޓީއަކަށް ނިސްބަތްވާ ގިނަ ރަހުމަތްތެރިން ތަކެއް ތިބި އެމްޑީޕީ ރޫޅާލާނެކަމަށެވެ. ނަޝީދަކީ ސިޔާސީގޮތުން ވަރަށް ދުރަށް ހިސާބު ޖައްސަވައިގެން މަސައްކަތްކުރަށްވާ ސިޔާސީ ގޮތުން ދިވެހިން ދަންނަަ ފުންނާބު އުސް ފަރާތެކެވެ. އިނދިކޮޅު ފަރާތްތަކުން އަބަދުވެސް ނަޝީދު ޖައްސަވާފާނެ މަޅިޔަކަށް ސަމާލުވެ ތިބެއެވެ.
މިއަހަރުގެ އިންތިހާބަށް ވަގުތުކުޑަވަމުން އަންނައިރު، ސަރުކާރުގެ ފަރާތުން އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް ނިންމާލެވޭނެ ކަމަށް އެވެރިކަމުގެ އެކިފަރާތްތަކުން ވަރަށް ގިނަ ޕޯޑިއަމްތަކުގައި އަންނަނީ ތަކުރާރުކުރައްވަމުންނެވެ. އެހެން ނަމަވެސް އެއީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކަވާ ވާހަކައެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ސިޔާސީ މީހުން އަޑުހަރުކޮށް ވާހަކަދެއްކުމަކީ ސިޔާސީ ވާދަވެރިން ބަލިކަށިކުރުމަށް ދައްކަވާ ވާހަކަތައް ކަމަށް ބުރަވެެވެއެވެ. ހިނގަމުންދާ ސަރުކާރުގެ ވެރިން ޖައްސަވާ ހިސާބުގައި އެފަރާތުން އިންތިހާބުގެ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވަރަށް އަޑުފުޅަށް ބާރުލައްވައި އެކި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެން ނަމަވެސް ސުވާލަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް އެބުނާ ނަތީޖާ ނެރެން ޖައްސަވާހިސާބު ދިމާވޭތޯއެވެ.
ރިޔަސީ ޕްރައިމަރީ ޓިކެޓްއަށް ވާދަކުރަށްވައި އިބްރާހިމް މުޙައްމަދު ސޯލިހަށް ލިބިލެއްވީ 24566 ވޯޓެވެ. ރައީސް ނަޝީދަށް ލިބިލެއްވީ 15641 ވޯޓެވެ. މިއިންތިހާބުގައި އެމްޑީޕީގެ ވޯޓްލެވޭ ދަފްތަރުގައި 57255 މެމްބަރުން ތިބި އިރު ވެރިކަމުގެ ހުރިހާ ނުފޫޒެއްގެ ތެރެއިންވެސް ދެބައިކުޅައެއްބަޔަށް ސޯލިހަށް ވޯޓު ނުހޯދުނު ކަމީ ސޯލިހުއަށް ތާއީދު ޕާޓީގެ ތެރެއިންވެސް ނެތްކަމުގެ އިންޒާރެެކެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ނުކުމެ ވަޑައިގެންނެވީ ކޯލިޝަން ހެއްދަވަން ބޭނުން ކޮންމެ ފަރާތަކަށް ފުރުޞަތު އޮތްކަމަށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ދަފްތަރުން 39000 އަށްވުރެ ގިނަ މެމްބަރުން އުނިކުރުމަށްފަހު ބޭއްވި އިންތިހާބުގެ ނަތީޖާއަށް ބަލައި، ދަފްތަރުން އުނިކުރި މެމްބަރުންގެ ތެރެއިން “ބެސްޓްސިނާރިއޯ” ގައިވެސް ސޯލިހަށް ހޯދިދާނެ ކަމަށް 15000 ވޯޓް ނެގިދާނެ ކަމަށް ސިޔާސީ ހިސާބުކުރައްވާ ފަރާތްތަކުން އެއްބަސްވެއެވެ. ކޯލިޝަން ޕާރޓަނަރގެ ގޮތހުގައި ތިއްބެވި ކިރިޔާ 3000 މީހުން ހަމަވާ 2 ޕާޓީން 10000 ވޯޓް ބެސްޓް ސިނާރިއޯގައި ލިބިދާނެ ކަމަށް ބަލައި، އަދި ސަރުކާރުގެ ނުފޫޒާއި ބާރުތަކުގެ ބޭނުންކޮށް ކޮންޓްރެކްޓް އުސޫލުން އުފައްދާފައިވާ އެތައް ހާސް ވަޒީފާއާއި، ޕްރެޖެކްޓްތައް ދީގެން ގެންގުޅޭ މެމްބަރުން މެދުވެރިވެގެން އެމްޑީޕީގެ ބޭރުން އެހެން ސިޔާސީ ޕާޓީ ތަކުގެ ވޯޓްކޮޅެއް އެންމެ ބެސްޓްސިނާރިއޯގައި ނެންގެވިދާނެ ކަމަށް 35000 ވޯޓް ކަމުގައި ބެލިޔަސް ސޯލިހު ހޮވޭނެ އެއްވެސް ގޮތެއް ނުފެނެއެވެ. އޭރުވެސް ލިބެނީ 84566 ވޯޓެވެ. ދެން އޮތީ ފައިސާއިން ވޯޓް ގަނެގެން ހޯދާ ވޯޓްގެ ވާހަކައެވެ. ވޯޓް ގަންނަން ޖެހުނަސް ދިވެހިންގެ ތެރޭގައި ވޯޓް ގަތުމުގެ ކަންކަން މިހާރުހުރީ އެބުނާހާ ފަސޭހަކޮށް ނޫނެވެ. އެހެން ކަމުން ވޯޓް ގަނެގެން އިންތިހާބަށް އަންނަން ވިސްނަވާ ނަމަވެސް އިތުރު 60000 ވޯޓް ގަންނަން ޖެހިވަޑައިގަންނަވާނެއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އެއްބުރުން އިންތިހާބު ނެގުމަށް ޖައްސަވާ ހިސާބުގައި ޤަބޫލުކުރައްވަން ބޭނުން ނުވާ ހަޤީގަތެއް އެބަ އޮތެވެ. ރައްޔިތުން މިވެރިކަމަށް ތިބީ ރުހިގެން ނޫންކަމެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާ އާބަދީ 280000 ވުރެ ގިނަވާނެއެވެ. އެހެން ކަމުން އިންތިހާބު އެއްބުރުން ކާމިޔާބުކުރައްވާނަމަ އެންމެ މަދުވިޔަސް 135000 ވުރެ މަދުނޫން އަދަދެއްގެ ވޯޓް ހޯއްދަވްނަ ޖެހޭނެއެވެ. ސުވާލަކީ ސޯލިހު ޖައްސަވަނީ ކޮން ގޮތަކަށް ޖައްސަވާ ހިސާބެއްތޯއެވެ.
އިންތިހާބުތަކަށް ސިޔާސަތުތަަކެއް ހިފައިގެން ފުރަތަމަވެސް ދިވެހިންގެ ތެރެއަށް ނުކުންނެވި ފަރަތާކަށް ވާނީ ހަމަ ކަށަވަރުންވެސް ރައީސް ނަޝީދު ކަމާމެދު ދިވެހިން ސުވާލެއް ނުއުފައްދާނެއެވެ. އެހެނީ ނަޝީދުވަނީ ދިވެހިންގެ ކެމްޕޭނު ކުރުމުގެ ސަގާފަތަށް ވެސް ބޮޑު ބަދަލެއް ގެންނަވާފައެވެ.
މިއަދު ދިވެހިންގެ ތެރޭގައި ސިޔާސީ ކަންކަމަށް ދުވަހަކުވެސް ނެތްވަރުގެ ޝައުގެއް އުފައްދަވަން ނަޝީދު ކުރެްވި ކަމަކީ، ސީދާ ރައްޔިތު މީހާ ކައިރިޔަށް ގޮސް، ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައިި، އެކަންކަމުގެ މައްޗަށް ސިޔާސަތު ތަކެއް އެކުލަވާލައި ރައްޔިތުންގެ ގާތަށް ކެމްޕޭނަށް ވަޑައިގަންނަވަން ފެށުމެވެ. މިކަން ވެގެން ދިޔައީ ދިވެހިންގެ އިންތިހާބީ ފަރާތްތަކަށް އުނދަގޫ ނަމަވެސް މިއަދު ކުރަން މަޖުބޫރު ކަމަކަށް ނަޝީދު މިވަނީ ބަދަލު ކުރަށްވާފައެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ރަނގަޅު ބަދަލަކަށް ވެގެން ދިޔައެވެ.
ސިޔާސަތެއް ނެތް ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށާއި، އަބަދުވެސް ސިޔާސަތެއް ހިފައިގެން އަންނަ ބަޔަކު އެގެންނަވަނީ ރައްޔިތު މީހާއަށް އެކަމުން މަންފާ ކުރުވާނެ ސިޔާސަތު ތަކެއް ކަމަށް ޤަބޫލުކުރެވޭ ނަމަ އެސިޔާސަތުތަކަށް ވޯޓް ދެއްވުމަށާއި، މީހާގެ ހައިބަތަށް އާއިލާއަށް ބަލައި ދޭނެ ވޯޓް ހުއްޓުވަން ޖެހޭ ކަމަށް ނަޝީދު އަބަދުވެސް ވަކާލާތު ކުރަށްވައެވެ.
ދުވަހަކުވެސް އެޕާޓީ ނޫން ޕާޓީއަކުން ނުފެންނާނެ ކަމަށް ވިދާޅުވިޔަސް މިއަދު ނަޝީދުވެސް އެޕާޓީއަކަށް ލޯބިކުރެއްވި އެމްޑީޕީން ނުކުމެ ފެޔަށް ޖެހިވަޑައިގެންފިއެވެ.
އަޅުގަނޑުމެން ޕާޓީއެއް އުފެއްދީ ފިކުރެއް ދިރުވަން، އުސޫލްތަކެއް ޤަބޫލުކުރެވޭތީ، މުޅި ހަޔާތުގެ ގިނަ ދުވަސް ހޭދަކުރަމުން ގެންދިޔައީ އަނިޔާގައި،ވޭނުގައި، ހިތާމަޔާއި އެކަނިވެރިކަމުގައި، އަބަދުވެސް އަމާޒަކަށްވީ އުސޫލެއް ހޯދަން، ގޮތެއް ހޯދަން، ދިވެހިންނަށް މިއަދު ލިބޭ މިންވަރަށްވުރެ ރަަނގަޅު މިންވަރެއް ދިވެހިންނަށް ލިބޭނޭ ހަމަތަކެއް އުސޫލުތަކެއް މިރާއްޖޭގައި ތައާރަފް ކުރުމަށް. ނަޝީދު ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވިރޭ ދެއްކެވެި ވާހަކަފުޅުގައި ވިދާޅުވިއެވެ.
އދިވެހި ސިޔާސީ މައިދާނުގައި ނަޝީދު އަކީ އަބަދުވެސް ތާހިރު ދިރިއުޅުމެއް ދިވެހިންނަށް ހޯދައި ދިނުމުގެ ވާހަކަ ދައްކަވާ ހަމައެކިނި ފަރާތެވެ. ސިޔަސީ މަސަްއކަތުގައި ދިވެހިން ނަޝީދު ދަންނަން ފެށީއްސުރެވެސް އެވާހަކަ އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުނެ ގެންވައެވެ.
މިއަދު ދިވެހިން މިދެކޭ ޑިމޮކްރަސީ ހަޔާތުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ވަރަށްބޮޑެވެ. ސިޔާސީ މަސްރަހުގައި ލީޑަރުން އަދިވެސް މަދު ކަމުގައި ދެންނެވިދާނެއެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ޤަބޫލުކުރަން ޖެހެނީ، ދުވަސްވީ ލީޑަރުން، ނުވަތަ ޙުދުމުހުތާރު ވެރިން ޤައުމަށް ބޭނުންވާ މިފަދަ ލީޑަރުން އުފައްދަން ބޭނުން ނުވުމެވެ.
މިއަދު ރާއްޖޭގައި ކުރެވެމުންދާ ވެރިކަމަކީ އަމާން ވެރިކަމެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރަށް ނިސްބަތްވާ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކޮން ކަހަލަ “އާމާން” ކަމެއް އޮވެގެން ކަމެއް ނޭނގެއެވެ. ވަޒީފާގެ ބިރާއި، ޤާނޫނުގެ ކުރިމަތީގައި ކުށްވެރިވާ ފަރާތްތައް މިނިވަންވެ، ކުށްނުކުރާ އެތައްބަޔަކަށް ދަނީ އަދަބު ލިބެމުންނެވެ. ރައްޔިތުންގެ ފައިސާއަށް ރޯމާ ދުވާލު ހިޔާނަތްތެރިވެ އެކަންކަން ލޮލަށް ފެންނަންހުރި އިރު އެފަދަ ފަރާތްތަކަށް މާފް ދެއްވަމުން ގެންދަވާކަމީ އަމާން ކަމަށްވާނަމަ، މިދެން ވަރަށްވެސް ރަނގަޅުވެރިކަމެއްތާއެވެ؟