އެސްކްރޯ އެކައުންޓަށް ރައީސް ޔާމިން ޖަމާކުރީ ވޮޑަމުލާގެ ފައިސާތޯ ބެލޭނެ ގޮތެއް ނެތް: ދައުލަތް

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓުން އެސްކުރޯ އެކައުންޓަށް ޖަމާކުރީ ވޮޑަމުލާގެ ފައިސާތޯ ބެލޭނެ ގާނޫނީ ގޮތެއް ނެތްކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.

ދައުލަތުގެ ފަރާތުން މިހެން ކްރިމިނަލް ކޯޓުގައި ބުނީ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި އާޒިމާ ހުށަހެޅުއްވި އިޖްރާއީ ނުކުތާއަކާ ގުޅޭގޮތުން ގާޒީ އަހުމަދު ހައިލަމް ސުވާލުކުރެއްވުމުން އެކަމަށް ޖަވާބު ދެމުންނެވެ.

އާޒިމާގެ ނުކުތާގައި ބުނެފައިވަނީ  ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދޫކުރި ވޮޑަމުލާގެ ފައިސާކަން އެނގެން ނެތް ކަމަށެވެ. އެސްއޯއެފްއިން ސައްހަ މުއާމަލާތްތައް ކޮށްފައިވާކަން އެނގެން އޮންނަ އިރު، ވޮޑަމުލާގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމުގެ ކުރިންވެސް އެސްއޯއެފްގެ އެކައުންޓުގައި އަށް ލައްކަ ޑޮލަރު ހުރިކަމަށެވެ.

"އެސްއޯއެފްގެ އެކައުންޓަށް ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި ފަހުން އެ އެކައުންޓުން އެހެން މީހަކަށް 2000 ޑޮލަރު ޖަމާވެފައިވޭ. އަދި ފުރަތަމަ ފަސް ލައްކަ ޑޮލަރު ޖަމާކޮށްފައި ދެވަނަ ފަސްލައްކަ ޑޮލަރު ޖަމާ ކުރުމާ ދެމެދު އެސްއޯއެފްގެ އެކައުންޓުން 18 ޓްރާންސެކްޝަނެއް ހިނގާފައިވޭ. ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ސީދާ ވޮޑަމުލާގެ ފައިސާތޯ ބެލޭނީ ކިހިނެއްތޯ ސުވާލު އުފެދޭ؟" އާޒިމާ މިއަދު ކޯޓުގަ ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޔާމީން އެމަނިކުފާނުގެ ފައިސާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފައިވަނީ 3.4 މިލިއަން ޑޮލަރު ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

"ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ސީދާ ވޮޑަމުލާގެ ފައިސާ ނަގައި އެސްކްރޯ އެކައުންޓަށް ޖަމާ ކުރާނީ ކިހިނެއްތޯ؟ސީދާ ވޮޑަމުލާގެ ފައިސާ ނަގައި އެސްކްރޯ އެކައުންޓަށް ޖަމާ ކުރާނީ ކިހިނެއްތޯ؟ އަދި އެފަދައިން ފައިސާ ވަކި ކުރާނެ ގޮތެއް ގާނޫނުގައި ކަނޑައަޅާފައިވޭތޯ؟" ރައީސް ޔާމިންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލަވެސް ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ސުވާލުކުރެއްވިއެވެ.

ދައުލަތުން ބުނީ އެއީ ސީދާ އެ ފައިސާކަން ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު