ސްޕީކާސް ސަމިޓު ކާމިޔާބު ވާނެ: ރައްޔިތުން މަޖްލިސްގެ ރައީސް

މިހާރު ރާއްޖޭގަ ކުރިއަށްދާ ހަތަރުވަނަ ސައުތް އޭޝިއަން ސްޕީކާސް ސަމިޓު ކާމިޔާބު ވާނެ ރައްޔިތުންގެ މަޖްލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަމިޓު ނިމޭއިރު "ހެޔޮ ވެރިކަމެއް ކުރާނެ އޮނިގަނޑެއް" ގާއިމްވާނެކަށެވެ. އަދި ސައުތް އޭޝިއާގެ ގައުމުތައް އެކުގައި ގުޅިގެން އަދި ވަކިންވެް އދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓުގެ ލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތް ސަމިޓު ނިމޭއިރު ދަސްވާނެކަމަށެވެ.

"މިސާލަކަށް ބަޖެޓް އެކުލަވާލާއިރުވެސް މަޖިލީހަށް ބަޖެޓް ހުށައަޅާއިރު އެ ލަނޑުދަނޑިތައް ހާސިލްވާނެގޮތަށް ހުށަހެޅުމަށް ބާރުއެޅޭނެ. އެޖެންޑާ 19 ގެ އަމާޒުތަކަކީވެސް އެ ލަނޑުދަނޑިތައް ހާސިލްކުރުން. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްގެ ސަރުކާރުގެ ވަޢުދުތަކަކީވެސް ހަމަ އެ އަމާޒުވުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަމިޓު މިއަދު މެންދުރު ނާސްްތާއަށް ދިއުމުގެ ސަމިޓުގެ ބައްދަލުވުން ވަރަށް ހޫނު ވެސް ވިއެވެ. އެއީ ޕާކިސްތާނުން އިންޑިއާ ކަޝްމީރުގެ ވާހަކަ ދެއްކުމުން އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަގައި އިންޑިއާގެ ދާހިލީ ކަންކަމުގެ ވާހަކަ ދައްކާކަމަށް ބުނުމުންނެވެ.

ޕާކިސްތާނުން ވަނީ އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަކަމަށާއި، އިންސާނީ ހައްގުނެތި ތަރައްގީވާނެގޮތެއް ނޭގޭ ކަމަށް ބުނެފައެވެ.

ރައްދުގައި އިންޑިއާއިން ބުނެފައިވަނީ، ޕާކިސްތާނުން އިންޑިއާއިން ވަކިވާން އެތައް ލާއިންސާނީ އަމަލެއް ހިންގިކަމަށެވެ. އަދި އިންސާނީ ހަގުތަކަށް ރައިގަންނަނީ ޕާކިސްތާނުންކަމަށެވެ.

މައްސަލަ ހޫނުވުމުން ރައީސް ނަޝީދު ވަނީ ދެ ގައުމުގެ މަޖްލިސް ރައީސް އަދި ނައިބު ރައީސްގެ ޒުވާބު ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު