އެންމެން “ސިޔާސަ”ވެ އަހަރެންގެ މަސްގަނޑު މުޅަކޮށްފިއެވެ.

އަހަރެން ދުނިޔޭގެ އަލިކަން ދެކުނީ މީގެ އެތައް މިލިޔަން އަހަރެއް ކުރިންނެވެ. އަހަރެންގެ ނަމަކީ “ދިވެހިރާއްޖެ”އެވެ. ކަލޯމެން އިނގިރޭސިން ކިޔާނަމުންނަމަ “މޯލްޑިވްސް” އެވެ.

އެތައް ގަރުނެއް ވަންދެން އަހަރެންމިއީ ދުނިޔެ މަތީގެ ސުވަރުގެ ކަމުގައި އަވަށްޓެރިންނާއި އަހަރެންގެ ރަހުމަތްތެރިން ދުށުނެވެ. އަހަރެންވާނީ އެތައް ދަރިންނެއް ބަލާބޮޑުކޮށްފައެވެ. އެދަރިންނަށްޓަކައި އަހަރެން ފަޚުރުވެރިވާ އެތައް ދަރިންނެކެވެ. ދޮން ބަންޑާރައިންނެވެ. އުތީމު ތިން ބެއިންނާއި ދަންޑަލުމެން ފަދަ އެތައް ސަތޭކަ ދަރިންނެވެ. އަހަރެންނަށްޓަކައި ޖާނުދިން އެތައް ދަރިންނެއް އަހަރެންގެ ދިގު އުމުރުގައި ދުށީމެވެ. އެހެނަސް މިއަދު މިވަނީ މަންޒަރު މުޅިން ބަދަލުވެފައެވެ.

އަހަރެންގެ ދަރިން އަހަރެން ބަލާ ބޮޑު ކުރީ ނުހަނު ލޯބި ދީގެންނެވެ. ކާފިރުކަންމަތީގައި ތިއްބައި މަތިވެރިވެގެންވާ އިސްލާމްދީން އަހަރެންގެ ދަރިންނަށް އުނގަންނައި ދިނީމެވެ. އަހަރެންގެ ހުރިހާ ދަރިންނަކީވެސް ސައްތައިން ސައްތަ މުސްލިމުންނޭ ބުނެ އަވަށްޓެރިންނާއި ރަހުމަތްތެރިންނަށް އަހަރެން ފަޚުރުވެރިވީމެވެ. އަހަރެންގެ ދަރިންނަކީ އަޚުލާޤު ރަގަޅު ކިޔަމަންތެރި ބޭރު ކަރަ ތަކުން އަންނަ މެހެމާނުންނަށް ކަމޭހިތާ ދަރިންތަކެއްގެ ގޮތުގައި އަހަރެން އެކުދިން ބަލާބޮޑު ކުރީމެވެ. ނަމަވެސް އެމަންޒަރުވެސް މިއަދު މިވަނީ ބަދަލުވެފައެވެ.

ނަވާރަވަނަ ގަރުނާ ޖެހެންދެން އަހަރެންގެ ހަޔާތުގެ ހުރިހާ ދުވަހެއްވެސް ގުނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމާއިއެކެވެ. ކޮންމެ އާއިލާއަކުވެސް “ކަޅު ކަންބަޅި”އެއް އުޅޭ ބީދައިން ކުރިންވެސް މަގު ގެއްލުނު ދަރިންތަކެއް ތިއްބެވެ. މިއަދު އަހަރެންގެ ހުރިހާ ދަރިންނަކީވެސް “ކަޅު ކަންބަޅި”ންނަށް ވެއްޖެއެވެ. މަސްތުވާތަކެތި އަހަރެންގެ އުނގުތެރެޔަށް އޮއްސާލީ ބޭރު ކަރަ ތަކުން އައި އަހަރެންގެ ދުޝްމިނުންނެއް ނޫނެވެ. ހުދު އަހަރެންގެ އުފަން ދަރިންނެވެ. އަހަރެންގެ ލޯކުރިމަތީގައި އަހަރެންގެ އުފަން ދަރިންތައް ކަތިލަނީ “ޕޯޗުގީޒުން”ނެއް ނޫނެވެ. ފާޑުފާޑުގެ ޖާހިލު ނަންތައް ދީގެން “ޕާޓީ” ހަދައިގެން އަހަރެންގެ ދަރިންތައް ހެއްލުމުގެ ތެރެޔަށް ވައްޓާލަމުން ދަނީ ހުދު އަހަރެންގެ އުފަން ދަރިންނެވެ. އަހަރެންގެ އުނގަންނައިދިން ދީން ހަތިޔާރަކަށް ހަދައިގެން ތިބެ ދޮގު ވާހަކަތައް ފަތުރަމުން ދަނީވެސް އަހަރެންގެ އަމިއްލަ ދަރިންނެވެ.

އަހަރެންގެ ދިރިއުޅުމުގައި މިއަދު ގުނަމުން މިދަނީ ކަޅު ސަފްހާތަކެވެ. މިއަދު އަހަރެންގެ އަމިއްލަ ދަރިން އަހަރެންނަށް ހަރާންކޯރުވެ، އަހަރެންގެ އަގުވައްޓާލައިފިއެވެ. އަހަރެންގެ “އުނގު” ތެރޭގައި ބޮޑެތި ޖަރީމާތައް ހިންގަން ފަށައިފިއެވެ. ކާބަފައިން އުޅެމުން ދިޔަ ދިރިއުޅުން އަހަރެންގެ ދަރިން ދޫކޮށްލައިފިއެވެ. ދަސްކޮށްދިން ރިވެތި އަޚުލާޤާއި އުނގަންނައިދިން އިސްލާމްދީނުގެ ހަމަތައް ދޫކޮށްލައިފިއެވެ. އަހަރެންގެ އަންހެން ދަރިން އަމިއްލަޔަށް އިއްފަތްތެރިކަން ނަގާލައިފިއެވެ. ދެޖިންސުއެއްކޮށްހެން މަސްތުވެއްޖެއެވެ. ވެރީންގެ ގޮތުގައި އަހަރެން އައްޔަންކުރި މީހުންތައް އެމީހުންގެ ޒިންމާތައް ހަނދާން ނައްތާލައިފިއެވެ. އެންމެން “ސިޔާސަ”ވެ އަހަރެންގެ މަސްގަނޑު މުޅަކޮށްފިއެވެ.

ތިރީސް އަހަރުގެ ދިގުވެރިކަމެއް އަހަރެންގެ ދަރިޔަކަށް ދިނީމެވެ. އެއީ އަހަރެންގެ އެހެން އެއްވެސް ދަރިޔަކަށް އަހަރެން މިހާތަނަށް ދީފައިނުވާ ޒިންމާއެކެވެ. އެހެނަސް އޭނަގެ ވެރިކަމުގައި އަހަރެންގެ ދަރިން މަގުފުރެދެން ފެށިއެވެ. މަސްތުވާ އެތައްބާވަތެއް އޭނަގެ އިހުމާލުން އަހަރެންގެ އުނގުތެރެޔަށް ގިނަވެގެން ދިޔައެވެ. ތަންދޮރު އޮޅުނުފިލާ ބޮޑުވަމުން ދިޔަ އަހަރެންގެ ދަރިން އެވަބާގައި ޖެހުނެވެ. އަހަރެންގެ އެންމެ މުހިންމު ގުނަވަން ކަމަށްވާ “މާލެ” ތެރޭގައި “ބްލެކް ޝީޕް” ތައް އިތުރުވެގެން ދިޔައެވެ. މާރާމާރީއާއި މީހުން މެރުން ފެށިގެން ދިޔައެވެ. ދީން އުނގަންނައި ދިނުމުގައި ހުރި އިހުމާލުތަކުގެ ސަބަބުން އަހަރެންގެ ދަރިންނަށް ދީން އޮޅި މަތިވެރި އިސްލާމްދީން ހަތިޔާރަކަށް ހެދިއެވެ. އަނެއްބަޔަކު އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިޔައެވެ. އަވަށްޓެރި ޤައުމުތަކުން މީހުންތައް ގެނެސް އަހަރެންގެ އުނގަށް އޮއްސާލިއެވެ. މިކަމުގެ ޒިންމާ ނަގާނީ ފަހެ ކާކު ހެއްޔެވެ؟ އަހަރެން ހެއްޔެވެ؟ ނުވަތަ ވެރިކަން ކުރި އަހަރެންގެ ދަރި ހެއްޔެވެ؟

ތިރީސް އަހަރުގެ ވެރިކަމަށްފަހު އަހަރެންގެ ދަރިންގެ މައްޗައް އަހަރެން އައްޔަން ކުރީ ރީނދޫ ކުލަޔަށް ވަރަށް ލޯބިކުރާ އަހަރެންގެ ދަރިއެކެވެ. އޭނާއަށް ވެރިކަމުގައި ހުރެވުނީ ވަރަށް ކުޑަ ދުވަސްކޮޅަކުއެވެ. ވީ ވަޢުދެއް ފުއްދީއެއް ނޫނެވެ. ކުރާނަމޭ ބުނި އެއްވެސް ކަމެއް ފުރިހަމަޔަށް ކުރެވުނީއެއް ނޫނެވެ. ތިރީސް އަހަރުގައި އަހަރެންގެ ބޮޑު ދަރީގެ އިހުމާލުންވި ހުރިހާ ކަމެއް ރަގަޅު ކުރާނަމޭ ބުނެ ޤައުމު “ވޯރާ”އިންނަށް ވިއްކާލީއެވެ. ލޯމައްޗައް ދަޅަ ދައްކައިގެން ކުރީ އެއްކަމެއް ދެކަމެއް ނޫނެވެ. ފާޑުފާޑުގެ މޮޅެތި މީހުން ގެނެސްގެން އަހަރެންގެ ދަރިންނަށް އުނގަންނައި ދިން މަތިވެރި އިސްލާމްދީންވެސް ބަދަލުކޮށްލަން މަސައްކަތްކުރީއެވެ. ފިލްމު ސްޓާރުންނާއި ގުޅިގެން މޮޅެތި އާރޓުވެސް ދައްކަން ފެށީއެވެ. ނުވިތާކަށް އަހަރެންގެ އުސޫލާއި ޤާނޫނުތަކާއި ދެކޮޅަށްވެސް ތެދުވީއެވެ. މިކަމަށްވެސް ޒިންމާ ނަގަންވީ އަހަރެން ހެއްޔެވެ؟

ދެން އަހަރެންނަށް ޖެހުނީ ތަޖުރިބާގެ އަލީގައި ރީނދޫކުލަޔަށް ލޯބިކުރާ ދަރިޔަށް ހަވާލުކުރި ޒިންމާ އަތުލާ އޭނާޔާ ޖެހިގެން ދަށްހުރި ސޮރަށް ވެރިކަން ހަވާލުކުރާށެވެ. އެއީ އަހަރެން ދަރިންތަކުގެ ތެރިން ޕީއެޗްޑީ ނަގައި ޑޮކްޓަރ އަކަށްވި ދަރިއެވެ. މިދަރިފުޅުގެ ބޮލަށް ސިޔާސަ ވެގެން އުޅޭ ބަޔަކު ވަދެ ދުވަހަކުވެސް އަހަރެންގެ ހާލަތު ދަށަށްނުދާވަރަށް ވައްޓާލައިފިއެވެ. އިރުގެ އަލިކަން ހުރިއްޔާ ގިނަ ފަހަރު ބައްތީގެ އަލިކަމެއް ނުހުރެއެވެ. ގިނަފަހަރު މިސޮރުގެ ޒިންމާތައް އަދާކުރަނީ އޭނަގެ ރައްޓެހި ރަހުމަތްތެރިން ބުނާ ގޮތަށެވެ. މަހުޖަނުންނާއި ވިޔަފާރި ވެރިންގެ ނުފޫޒުމި ސޮރުގެ ވެރިކަމުގައި ވަނީ ވަރަށް ގަދަވެފައެވެ. އަހަރެން ދަރިންނަށްޓަކައި އަޅައިދީފައިހުރި ތަންތަނުގެ ދަރަނިތައް ދަނީ ބޮޑުވަމުންނެވެ. ނުވިތާކަށް ބިލެއްހާ ހިސާބުވެސް ދައްކައެއް ނުލައެވެ. ހުދު އަހަރެންވެސް މިހާރު މިވަނީ ރައްޓެރި ރަހުމަތްތެރިންނާއި އަވަށްޓެރިންނަށް ދަރަނިވެރި ވެފައެވެ. މީނާގެ ކަންތަކަށްވެސް ޖަވާބުދާރީވާންވީ އަހަރެން ހެއްޔެވެ؟

މިކިޔައި ދެވުނީ އަހަރެންގެ އަމިއްލަ ދަރިން އަހަރެންނާމެދު ކަންތައްކުރާގޮތެވެ. އަހަރެންގެ ބާކީ ތިބި ތިން ލައްކައެއްހާ ދަރިންނަށް ދޭން އޮތް ނަސޭހަތަކީ އަހަރެންގެ ތިރީސް އަހަރުގެ ވެރިކަން ކުރި ދަރިފުޅާއި، ރީނދޫކުލަޔަށް ލޯބި ކުރާ ދަރިފުޅާއި ޑޮކްޓަރު ދަރިފުޅާއި މި ތިން މީހުންގެ ރަހުމަތްތެރިންނާއި މި މީހުންނާއި ބައިއަތު ހިފައިގެން ތިބިހާ ބަޔަކާ ދުރަށް ދިއުމަށެވެ. އަހަރެން ދަސްކޮށްދިން ރިވެތި އަޚުލާގުގައި އެންމެން ހިފާށެވެ. ފާޑުފާޑުގެ ނުބައި ވަބާތަކާއި މަސްތުވުންތަކާއި ދުރަށްދާށެވެ. ޖާހިލު ނަންތައް ކިޔައިގެން ޕާޓީ ހަދައިގެން ދޮގު ހަދަމުންދާ ފަރާތްތަކާއި ދުރައްދާށެވެ. ކޮއްކޮމެންނާއި ބޭބެމެންގެ ލޭ އޮހޮރުވުން ހުއްޓާލާށެވެ. ދައްތައިންނާއި ކޮއްކޮމެންގެ އިއްފަތްތެރިކަން ރައްކާކުރާށެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ރިވެތި ގޮތްތަކުގައި ހިފާށެވެ. ހައްދުފަހަނަ އަޅައި ނުދާށެވެ. މިއީ އަހަރެންގެ އެންމެ ފަހުބަހެވެ.

ފަހުގެ