ތިމާވެއްޓާ ރައްޓެހި "ސްޕިއަރ ފިޝިންގ" ގާނޫނީ އޮނިގަޑެއްގެ ތެރެއިން ރާއްޖޭގަ ހުއްދަކުރަންޖެހޭ!

  • މަސްވެރިކަމުގެ ގާނޫނުގެ ތެރެއިން 'ސްޕިއާ ފިޝިން' ހުއްދަކުރުމުގެ ބާރު މަޖްލިސް މެންބަރުން އަތުގަ އެބައޮތް
  • މިހާރުވެސް މި މަސްވެރިކަން ކުރާ އެތައް ހާސް ޒުވާނުނެއް އެބަތިބި
  • ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ އޮނިގަނޑެއް މުހިންމު

"ސްޕިއަރފިޝިންގ" ނުވަތަ މަސް ހިފާ ބަޑި ޖަހައިގެން މަސް ހިފުމަކީ ދިވެހިރާއްޖޭގައި ހުއްދަކުރަން ޖެހޭ މަސްވެރިކަމެއް ނުވަތަ އެކަން ކުރާނެ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭނެ ކަމަށް މިއަދު ޤަބޫލުކުރަން ޖެހެއެވެ.

ސަބަބަކީ އެތައް ޒުވާނުންނެއް މިއަދު "ސިއްރުން" މިކަން ކުރަމުން އަންނައިރު، އެކަން ބަލަހައްޓާނެ ހަރުދަނާ ގާނޫނީ ނިޒާމެއް ނެތުމަކީ ހިތާމަވެރިކަމެކެވެ.

ރައްކާތެރިކަމުގެ ގޮތުން ވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރު އެޅޭނީ ގާނޫނުގެ ތެރެއަށް މިކަން ގެނެސްގެނެވެ.

"މިހާރުވެސް ކުރާ މަސްވެރިކަމުގެ ތެރޭގަ އެންމެ ތިމާވެއްޓާ ރައްޓެހީ ބަޑިން ކުރާ މަސްވެރިކަން. މަނާ ޒާތެއްގެ މަހެއް ނުހިފާނެ. ކާން ބޭނުންވާ މަހަށް ސީދާ އަމާޒުކޮށްގެން ކުރާ މަސްވެރިކަމެއް މިއީ. ނަގާ ކޮންމެ މަހަކީ ކާނެމަހެއް،" ސްޕިއާ ފިޝިން މަސްވެރިއަކު ބުންޏެވެ.

ދިވެހި ރާއްޖެ، މިއަދު ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ މިންވަރަކީ ފަތުރުވެރިކަމާއި ގުޅުން ހުރި މިފަދަ ކުޅިވަރުތައް ރާއްޖޭގެ ފަތުރުވެރިކަމަށް ގެނެސް ފަތުރުވެރިކަން ފުޅާ ކުރުމަށް ކޮންމެހެންވެސް މުހިންމު ކަންކަމެވެ. މިފަދަ ކަންކަން ތައާރަފް ކުރުމުގެ ބަދަލުގައި ޤާނުނީ ގޮތުން މިކަންކަން މަނާ ކުރުމަށް ބަޔަކު ބުރަވަނީ ކޮން ސަބަބުތަކާއި ހުރެތޯ ސުވާލު އުފެދެއެވެ.

ތިމާވެއްޓާއި ގުޅުންހުރި މަައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ ތިމާވެއްޓާއި ގުޅުން ހުރި ކަންކަން ދިރުވައި އާލާ ކުރުމަކީ މިއަދުގެ ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އަހައްމިޔަތުކަން ދެމުން އަންނަ ކަމެއް ކަމުގައި ބެލެވެއެވެ. އޭގެ ތެރޭގައި ފަރުތަކާއި މަސްމަހާމެހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަސާސެކެވެ.

ހަރުދަނާ ޤާނޫނަކާއެކު ސްޕިއަރ ފިޝިން ހުއްދަކުރުން މަޖްލިސް މެންބަރުންގެ އަތްމަތީގަ: 

"މަސްވެރިކަމުގެ ގާނޫނު" މިހާރު ކޮމެޓީ މަރުހަލާގައި އޮތްއިރު  ބިލުގައި މަނާ ކޮށްފައިވަނީ ބަޑި ޖަހައިގެން ނުވަތަ "ސްޕިއަރ ފިޝިން" މަނާ ކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

"ދޫކުރާ ދަގަނޑު" ކަމަށް ގާނޫނުގައި ބުނެފައިވަނީ، މަސް މެރުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް ރަބަރު، ސާޅަނގަ، ވައި، ނުވަތަ ކެމިކަލެއް ބޭނުންކުރާ ކޮޅު ތޫނުކޮށްފައިވާ އާލާތްތަކެވެ. އެއީ ބާރު ދުވެއްޔެއްގައި ފޮނުވާލުމަށް ބޭނުންކުރާ އާލާތްތައްކަމަށް ބިލުގައި ބުނެފައިވެއެވެ.

"މަސް ހިފާ ބަޑިއަކީ ހަތިޔާރެއްކަމަށް ދިވެހިރާއްޖޭގަ ސިފަކުރާއިރު، މަސް ކަނޑާ ވަޅި ހަތިޔާރަކަށް ނުވާނެތޯ؟ މިއީ ވެސް އުފެދޭ ސުވާލެކެވެ. ކޮންމެ ވަސީލަތެއްގެ ވެސް ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އޮންނާނެ،"

މިހާރުވެސް އެތައް ޒުވާނުންނެއް ސްޕިއާ ފިޝިންގަ އުޅޭއިރު، ކޮންމެ މީހަކީ ރެޖިސްޓާރ ކުރެވިގެން އެކަން ކުރާ މީހެއް ކަމަށްވާނަމަ އެކަން މޮނިޓާކޮށް ބަލަހައްޓައި، ރައްޔިތުންގެވެސް ސަލާމަތާ ރައްކާތެރިކަން ޔަގީންކުރަން މާފަސޭހަވާނެއެވެ.

ސަރުކާރުން ބޭނުންވާނަމަ "ސްޕިއަރފިޝިންގ" ގެ މައިގަނޑު މަނާ އެއްޗެއް ކަމުގައި ކަނޑައަޅާ "ބަޑި" ބެލެހެއްޓޭނޭ ހަރުދަނާ ޤަވާއިދުތައް އެކުލަވާލައި އޭގެ ދަފްތަރެއްވެސް ހެދިދާނެ ކަމަށާއި، އަދި މިކަންކަން ކުރަން ބޭނުންވާނެ ހުރިހާ މައުލޫމާތާއި އެއްބާރުލުންވެސް ސަރުކާރަށް ދޭން ތައްޔާރަށް ތިބި ކަމަށް ރާއްޖޭގައި އުފެދިފައިވާ "ސްޕިއަރފިޝިންގ" ކޮމިއުނިޓީން ބުނެއެވެ.

މިކަންކުރާނެ ގޮތުގެ ހުރިހާ މައުލޫމާތްތައް މިހާރުވެސް އެބަހުރި ކަމަށާއި، ދުނިޔޭގެ ފެންވަރުގައި މިކަންކުރަމުން އަންނަ ގޮތް ސަރުކާރުންވެސް ބަލައި މިކަން މަނާކުރުމަށް މަސައްކަތް ކުރުން ހުއްޓާލައި މިކަން ދިވެހިރާއްޖޭގައި ދިރުވަން މަސައްކަތް ކުރުން ބުއްދިވެރިކަމަށްވެސް "ސްޕިއަރފިޝިންގ" ކޮމިއުނިޓީން ބުނެއެވެ.

މަސްހިފާ ބަޑި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާ ނަމަ ހަތިޔާރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން މަނާ ކިތަންމެ އެއްޗެއް ޓޫރިޒަމްގެ ބޭނުންމަށް މިހާރުވެސް ހުއްދަ ކުރެވިފައި އެބަހުއްޓެވެ.

ފަރުތަކާއި، އެފަރުތަކާއި ގުޅުންހރި ފަޅުތަކާއި، ކަނޑުތައް ރައްކާތެރިކޮށް އެތަންތަނުގެ ބޭނުން ނަހަމަގޮތުގައި ހިފައި އެތަންތަނަށް ގެއްލުންދޭ ކަންކަން ސަރުކާރުން އަބަދުވެސް މަނާކޮށް އެފަދަކަން ކަން ކުރާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން ހަރުކަށި އަދަބު ދެއެވެ. ފަރުތަކާއި އެފަރުތަކުގެ ދިރުންތަކާއި، ކަނޑުތަކަށް ރައްކާތެރި މަސްވެރިކަން ރާއްޖެއަށް މިހާރު މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ކަންވާރުގެ އެހީގައި ކުރާ ފަރުމަސްވެރިކަމަކީ،  އެމަސްވެރިކަމުގެ ސަބަބުން ފަރުތަކަށް ނުހަނު ބޮޑެތި ގެއްލުންވާ ކަމެއް ކަމަށް ދިވެހި ޑައިވަރުން އަބަދުވެސް ބުނެއެވެ. އަދި މަސްވެރިކަމުގައި ފަރުތަކަށް ރައްކާތެރި ބާވަތުގެ މަސްވެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށްވެސް ޑައިވަރުން ބުނެއެވެ.

ރާއްޖޭގައި މަސް ހިފާ ބަޑީ ގެންގުޅުމަކީ މަނާ ކަމެކެވެ. މިކަން މަނާކުރަނީ މަސްހިފާ ބަޑި އަކީ ހަތިޔާރެއްގެ ގޮތުގައި ކަނޑައަޅައިގެން ހަތިޔާރު ގެންގުޅުން މަނާ ކުރާ ޤާނޫނުގެ ދަށުންބާ؟ މިއީ އުފެދޭ ސުވާލެކެވެ.

އެތަށް ޒުވާނުންނެއް ސްޕިއާރ ފިޝިންގަަ:

ހަތިޔާރުގެ ގޮތުގައި މަސް ހިފަން ގެންގުޅޭ ބަޑި މަނާ ކުރެވިފައިވާއިރު މިކަން ރާއްޖޭގައި ކުރާ މީހުންގެ އަދަދު، ހާއްސަކޮށް ޒުވާނުން އިތުރުވަމުން އަންނަނީ ވަރަށް މަތީ އަދަދަކަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިބާވަތުގެ މަސްވެރިކަން ކުރާ ފަރާތްތައް 10،000 އަށްވުރެ މަދު ނުވާނެ ކަމަށް މިމަސްވެރިކަން ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.

"ސްޕިއަރފިޝިންގ" ނުވަތަ ބަޑި ޖަހައިގެން މަސްހިފުމަކީ ރާއްޖޭގައި ފަހަކަށް އައިސް ޒުވާނުންގެ މަގުބޫލުކަން ހޯދަމުން އަންނަ މަސްވެރިކަމުގެ ބާވަތެކެވެ. ދިވެހިރާއްޖޭގައި ދިގު ތާރީހެއްވެސް އޮތް މިމަސްވެރިކަމަކީ އަގުބޮޑު އަދި ފަތުރުވެރިން ގަޔާވާ ތިމާވެއްޓާއިވެސް އެންމެ ރަހުމަތްތެރި މަސްވެރިކަމުގެ ބާވަތް ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތް ފެށިފައިވަނީ "ސްޕިއަރފިޝިންގ" ގެ ތެރެއިން ކަމަށް ބުނެވިދާނެއެވެ. މިހާރު ދިވެހި ޒުވާޏުންގެ ތެރޭގައި މަޝްހޫރި "ބިގް ގޭމް ފިޝިންގ" އާއި އެނޫންވެސް ބާތްތަކުގެ މަސްވެރިކަމަށްވުރެ "ސްޕެއަރފިޝިންގ" ތިމާވެއްޓާއި ރައްޓެހިވަނީ މިމަސްވެރިކަމަކީ ފަރުތަކަށް ރައްކާތެރި މަސްތަކަށްވެސް އެންމެ ރައްކާތެރި މަސްވެރިކަމަށްވުމެވެ. މިމަސްވެރިކަމުގައި ފަރުތަކަށް ގެއްލުންދޭ އެއްވެސް ކަމެއް ނުހިމެނޭ އިރު، މިކަމަކީ ހާއްސަ ތަމްރީން ތަކެއް ލިބިގެން މިކަމަށް ބޭނުންކުރާ އާލާތްތައް ބޭނުންކުރާނެ ރަނގަޅު މައުލޫމާތު ލިބިގެން ނޫނީ ނުކުރާ މަސްވެރިކަމަކަށް ވުމެވެ.

ދިވެހިރާއްޖޭގައި "ސްޕިއަރފިޝިންގ" މަނާ ކުރުމަށް ބަޔަކު މަސައްކަތް ކުރަނީ މިބާވަތުގެ މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ ގޮތް ނޭނގޭތީ ކަމަށް ބެލެވިދާނެއެވެ. މިމަސްވެރިކަމަށް ބޭނުންކުރާ "މަސްހިފާ ބަޑި" އަކީ ހަތިޔާރެއް ކަމަށް ކަނޑައަޅާ ނަމަ އެއީ ވަރަށް ނާތަހުޒީބު ޢަމަލެއް ކަމަށް ބުނެވިދާނެއެވެ. ޒުވާނުންނަށް މިފަދަ ފުރުޞަތްތައް ފަހި ކުރުމުގެ ބަދަލުގައި މިކަން ޤާނޫނީ ގޮތުން މަނާ ކުރަން ބޭނުންވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނުވިސްނެއެވެ.

ދިވެހި ރާއްޖޭގައި އުފެދިފައިވާ "ސްޕިއަރފިޝިންގ" ކޮމިއުނިޓީ އަކީ ބޮޑު ކޮމިއުނިޓީއެކެވެ. އެފަރާތްތަކުން ގެންދަނީ މިމަސްވެރިކަން ރާއްޖެއަށް ހުއްދަކޮށް މިމަސްވެރިކަން ރާއްޖޭގައި ފުޅާ ކުރުމަށް ސަރުކާރާއި އެކު މަސައްކަތް ކުރާނެ ކަމަށް ބުނަމުންނެވެ. މިކަން ހުއްދަ ކުރެވިޖެ ނަމަ މިއީ އަލަށް ތައާރަފް ކުރެވޭ ރަނގަޅު މާކެޓެއް އޮތް ވިޔަފާރި އަކަށްވެސް ވެގެން ދާނެއެވެ.

ފަތުރުވެރިކަމުގެ ނަފާ ވެއްދުމަށްް ހުޅުވޭނެ އިތުރު ދޮރެއް:

ރާއްޖޭގައި މިމަސްވެރިކަން ހުއްދަ ކުރެވިއްޖެ ނަމަ، މިއީ ފަތުރުވެރިކަމަށް ހުޅުވެގިންދާނެ ވަރަށް ރަނގަޅު މާކެޓަކަށް ވެގެންދާނެ ކަމަށާއި، ބައިނަލް އަޤުވާމީ "ސްޕިއަރފިޝިންގ" މުބާރާތްތައް ރާއްޖޭގައި ބޭއްވިގެން ދާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ދިވެހި ޒުވާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ. އަދި މިއީ ފަތުރުވެރިކަމަށް ވަންނަ އާމްދަނީ ބޮޑު ތަނުން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މުޅި ދުނިޔޭގައި "ސްޕިއަރފިޝިންގ" އަކީ މަޝްހޫރު އަދި ކާމިޔާބު ކަމާއި އެކު ކުރަމުން އަންނަ މަސްވެރި ކަމެކެވެ. "ފްރީ ޑައިވް" ގައި ކުރާ މިމަސްވެރިކަން ރާއްޖޭގެ ޒުވާނުންގެ މަޤުބޫލުކަން ހޯދާފައިވާ އިރު އެފަރާތްތަކުން ގެންދަނީ މިމަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކަމާއިބެހޭ ފަރާތްތަކާއި އެކު ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނަމުންނެވެ. ޔޫތު މިނިސްޓްރީންވެސް މިކަން ދިރުވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޒުވާނުން އުއްމީދުކުރެއެވެ.

"މިބާވަތުގެ މަސްވެރިކަމަކީ ފަރުތަކާއި އެންމެ ރައްޓެހި މަސްވެރިކަން. ކަންވާރު ބޭނުންކޮށްގެން ކުރާ މަސްވެރިކަމުގެ ސަބަބުން އެތައް ފަރެއް ހަލާކުވޭ. ދަގނަޑު ޖަހައިގެން ކުރާ މަސްވެރިކަމުން ފަރަކަށް ގެއްލުމެއް ނުވާނެ. އަހަންނަށް ރަނގަޅީ ފަރު ހެދުނު ވަރަކަށް. އޭރުން މަސްތައް އެތަންތަނުގައި އާލާވާނީވެސް. އަހަރެމެން ދުވަހަކުވެސް ކުދި މަހަށް، އަދިހިމާޔަތް ކޮށްފައި ހުންނަ މަހަކަށް ބަޑި ނުޖަހަން. އެކަމަކު ކަންވާރުގައި ބާނާ އިރު މަނާ މަހެއްކަން އެނގޭނީވެސް ބާނާ ފަހުން. އެތައް މަހެއް ކޮންމެ ދުވަހަކު މިގޮތަށް އެބަމަރުވޭ. އެހެންވީމަ މަނާ ކުރަންވީ ކޮން ބާވަތެއްގެ މަސްވެރިކަމެއްކަން ނޭނގުނު." ބަޑި ޖަހައިގެން މަސް ހިފާ މީހަކު ކިޔައި ދިނެވެ.

"ސްޕިއަރފިޝިންގ" މަސްވެރިކަން ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިމަސްވެރިކަމަކީ ވަރަށް ގަޔާވެގެން އަގުބޮޑެތި ވަޞީލަތްތައް ބޭނުންކޮށްގެން ކުރާ މަސްވެރިކަމެއް ކަމުން އެއްވެސް މީހަކު އެމީހަކު ގެންގުޅޭ އެއްވެސް އެޗެއް ނުގަވާއިދުން ބޭނުންކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. މާނައަކީ ހަތިޔާރެއްގެ ގޮތުގައި މީހަކަށް އަނިޔާއެއް ދިނުމަށް ބޭނުން ނުކުރާނެއެވެ.

ދިވެހި ފަތުރުވެރިކަން ހުއްޓިފައިވަނީ ރާއްޖޭގެ ރަށްތަކުގެ ދޮންވެލި ތުނޑިތަކާއި ހިސާބަށް ކަމަށް ޤަބޫލުކުރާ ވިސްނުން ދޫކޮށްލަން ވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި މިއަށްވުރެ ބޮޑަށް ފުޅާވާން ޖެހެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ބައިނަލް އަޤުވާމީ މަސްވެރިކަމުގެ ސިނާއަތުގައި ކުރަމުން އަންނަ "ސްޕިއަރފިޝިންގ" ގެ ދޮރު ހުޅުވެން ވެއްޖެއެވެ. ތިމާވެއްޓާއި ރައްޓެހި މި މިސްވެރިކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް ހުރި ފުރުޞަތުތަކަށް ދީލާލަން ނުވޭތޯއެވެ.؟ "ސްޕިއަރފިޝިންގ" އަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު އަގުބޮޑު މަސްވެރިކަމެކެވެ. މިކަމަށް ދިވެހި ޒުވާނުން ތިބީ ކެތްމަދުވެފައެވެ. ޒުވާނުން ޝައުގުވެރިވާ މިފަދަ ކަންކަމަށް ކަމާބެހޭ ވުޒާރާތަކުން އިސްނަގައި ފުރުޞަތު ތަނަވަސްކޮށްދީ، ޒުވާނުންނަށް ކުރިޔަށް ދިއުމުގެ ހިތްވަރު ދޭން ނުވޭތޯއެވެ؟. ޒުވާނުން ޝައުގުވެރިވާ ކަންކަން މަނާކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ކުރެވޭނެ ގޮތްތައް ތަނަވަސް ކޮށްދިނުމަކީ ތަހުޒީބު ޤައުމުތަކުގައި ކަންކުރާ އުސޫލެއް ނޫންހެއްޔެވެ؟ ޒުވާނުން ކުރިއެރުވަމަކީ ޤައުމެއްގެ ކުރިމަގަށް މުހިންމު ކަމަކަށް ދިވެހިރާއްޖެއަށް ނުވަނީހެއްޔެވެ.؟ ޒުވާނުން ކުރިއަރަންވާނީ އޮފީސްތަކުގެ މޭޒުކައިރީގައި އެކަނި ކަމަށް ގަބޫލު ކުރެވޭނަމަ އެއީ ޤައުމެއްގެ ހަޔާތުގަ ކުރިޔަށް އެޅޭ ފިޔަވަޅަކަށް ވުރެ ބޮޑަށް ފަހަތަށް އެޅޭ ފިޔަވަޅަކަށް ނުވާނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

  1. މާހިރު

    މިހާރުވެސް ކެތް މަދުވެފައި! ސްޕެއަރ ފިށިން ހުއްދަ ނަމަ މިރާއްޖޭގައި ޒުވާނުން
    ކުރާނެ ކަމެއް ނޭއަންގިފައި ނުތިބީސް! ބުނަން މިއުޅޭ ވާހަކައަކީ ވަށައިގެން ކަނޑު
    އޮންނަ މި ކުޑަ ރާއްޖޭގައި (ސްޕެއަރ ފިށިން) ކަހަލަ މޫދު ކުޅިވަރުތައް ނޫން އެހެން ކުޅިވަރުތަކެއް ކުޅެން މާ އަޢުލާކަން ބޮޑުހޭ ؟