އިސްލާމީ ޔުނިވާސިޓީތަކުގެ މަންހަޖު ބަދަލުކުރުމަށް އަންނަނީ ފިއްތުންތަކެއް ކުރިމަތިކުރުވަމުން: އީދު ހުތުބާ

އިސްލާމީ ޔުނިވާސިޓީ ތަކުގެ މަންހަޖު ބަދަލުކުރުމަށް ފިއްތުންތަކެއް ކުރިމަތިކުރުވަމުން އަންނަކަމަށް އީދު ހުތުބާގަ ބުނެފިއެވެ.

ހުތުބާގައި ބުނީ ރާއްޖެ އަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮވެގެން ނުވާނެކަމަށް އަޑުއުފުލަމުން އަންނަ ކަމަށެވެ.

"މުސްލިމު ޢިލްމުވެރިން ގެ ގަދަރު ދަނީ ވައްޓާލަމުންނެވެ. އިސްލާމީ ޔުނިވާސިޓީ ތަކާ މަތީ ތަޢުލީމު ދޭ މަރުކަޒު ތަކުގެ މަންހަޖު ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތިކުރުވަމުން ނެވެ. އިސްލާމް ދީން މިވަނީ އެ ދީނުގެ ވަތަނުގައި ބީރަށްޓެހިކޮށްލާފައެވެ. ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮވެގެން ނުވާނެކަމަށް ދަނީ އަޑުއުފުލަމުން ނެވެ. " އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްގެން މުޅި ރާއްޖޭގައި ކީ އީދު ހުތުބާގައި ބުނެފައިވެއެވެ.

ޔުނިވާސިޓީތަކުގެ މަންހަޖު އިސްލާމް ދީނާ ދުރުވާނެގޮތައް ބަދަލުކުރަން މަސައްކަތް ކުރަނީ ކާކުކަމެެއް ހުތުބާގަ ނުބުނެ އެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ މާފުކުރުމާ، ހަދިޔާ ބަދަލު ކުރުމާ އީދު ސަލާން ކުރުން ފަދަ ކަންކަން ގިނަ ކުރުމަށް އިލްތިމާސް ކޮށްފައެވެ.

"އަޅުގަނޑުމެންގެ އީދަކީ މިނިވަންކަމުގެ އީދެވެ. އަޅުގަނޑުމެންގެ އީދު ވާންޖެހޭނީ ނަފްސު ގެ ޝަހުވަތްތަކުން  މިނިވަންކޮށްދޭ އީދަކަށެވެ."

ޢީދު ހުތުބާގައި ވަނީ މައިން ބަފައިން ކިޔަމަންވުމަށާ ރަހިމުގެ ގުޅުމާ ރަހުމަތްތެެރިކަމުގެ ގުޅުން ވެސް އާލާކުރުމަށް ގޮވާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު