ދިރާގު "ސްޓޯމް" ކޮށްލި ކުދިން ކޮޅު ދިވެހި ތާރީހުގެ ތެރެއަށް! ސާބަސް! ސާބަސް!

ދިވެހިރާާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް އާ ދެކޮޅަށް ހުކުރު ދުވަހު ދިވެހި ޒުވާނުން ނުކުމެ ކުރި ސުލްހަވެރި މުޒާހަރާ "ސްޓޯމް ދިރާގު" ތާރީހީ އެއްވުމަކަށްވާ ބައެއް ސަބަބު އެބަހުއްޓެވެ.

ފުރަތަމަ ސަބަބަކީ މިއީ ބަޔަކު ދިރާގާ ދެކޮޅަަށް ތެދުވި ފުރަތަމަ ފަހަރެވެ. މި ހިސާބުން ވެސް މި ވާހަކަ ތާރީހީ ވީއެވެ.

ދެވަނަ ކަމަކީ ދިރާގާ ދެކޮޅަށް 'އެމްވީ ޓައިމްސް' ނޫނީ ބަހެއް ބުނަން ކެރޭބަޔަކު ނެތްކަން ޔަގީން ވެއްޖެއެވެ.

މިހާ ހިސާބުން ފުއްދާލަން ވީ ނޫންތޯއެވެ؟

ދިރާގުން ދިވެހިރާއްޖޭގަ ރައްޔިތުންނާމެދު ހިތު ހުރިގޮތަކަށް އަމަލުކުރަމުން އަންނަތާ 30 އަހަރު ވީއެވެ. މިކަމާ އެއްޗެއް ބުނަން ކެރުނު މަދު ކުދިންކޮޅަށް ސާބަހެވެ.

އެކުދިން ބުނާގޮތުން މިއީ ފެށުމެކެވެ. މީގެ ދެވަނަ އެއްވުމެއް މިއަށްވުރެ ވަރުގަދަކޮށް އޮންނާނެއެވެ.

ފޯނެއް ރިންގުވީތީ 2 ރުފިޔާ ކަނޑާލިއެވެ. ސިމްއެއް 500 ރުފިޔާއަށް ވިއްކިއެވެ. އިންޓަނެޓުގެ އަގު ފެށުނީއްސުރެ ދުނިޔޭގެ އެންމެ އަގު ބޮޑު ލިސްޓުގައެވެ. އެވާހަކަ ސިއްރު ސިއްރުން މީހުން ދައްކައެވެ. ދުވަހަކުވެސް ދިރާގާ ދެކޮޅަށް ފާޅުގަ ތެދުވެފައެއް ނުވެއެވެ.

ނަމަވެސް 2 އޮގަސްޓު 2019 ވީ ހުކުރު ދުވަހުގެ ހަވީރު 4:00 ގަ ދިރާގު ހެޑް އޮފީސް "ސްޓޯމް" ކޮށްލީ ޒުވާނުންގެ ތެރެއިން ހިއްވަރުގަދަ މަދު ބައެކެވެ.

"ލޯޑެއް ނުވޭ ލޯޑެއް ނުވޭ. އެއްވެސް ޖީއެއް ލޯޑެއް ނުވޭ،" އަޑު ހަރުކޮށް ގޮވަމުން ދިޔައީ ދިވެހި ރައްޔިތުންގެ ހައްގުގައެވެ.

މި އެއްވުމުގަ ބައިވެރިވާނެކަމަށް ބުނި މީހުންނަށްވުރެ ބައިވެރިވި މީހުންގެ އަދަދު މަދުކަމަށް ބުނެ ބައެއް މީހުން ފާޑުކިޔައެވެ. ނަމަވެސް ހަގީގަތަކީ ދުނިޔޭގެ ތާރީހު ދައްކާ ހަގީގަތަކީ ވެސް މަދު މީސްކޮޅެއް ނުކުމެގެންވެސް ބަދަލުގެނެވިދާނެކަމެެވެ.

އުތީމު ތިންބެއިންނާއި ދަންޑަހިލު ނުކުމެ ޕޯޗުގީޒުން ރާއްޖެއިން ބޭރުކުރީ ބޮޑު ފައުޖެއް އޮވެގެންތޯއެވެ؟

މީސްކޮޅު މަދު ނަމަވެސް މިފަހަރު ނުކުތް ޒުވާނުން ވަނީ ހަމަ ރަނގަޅަށްވެސް ދިރާގު "ސްޓޯމް" ކޮށްލާފައެވެ. އައްސަރިބަހާ ސާބަހެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ނަޖްވާ

    ދިރާގު 5ޖީ ލޯންޗު ކުރީ އައިޕެޑަކުން! އެކަމަކު، އެޕަލް އެއްވެސް ޕްރޮޑަކްޓެއްގައ އަދިއެތް 5ޖީ އެއް ބޭނުމެއް ނުކުރެވޭ! ވަރަށް ހެއްވާ އެހެންވީމަ! ވާވޭ ފޯނަކުން ކުރި ނަމަހީވެސް އޯކޭ!

    12
    2
  2. ދެދެއް

    މަރހަބާ

    4
    1
  3. އިބުރާހިމް ހަސަން

    މިކަމުގަ ބައިވެރިވި ކުދިންކޮޅު މަދަކަސް މީހަމަ ވަރައްގިނަ ބައެއްގެ އުދާސްތަކެއް އަދި ކަންބޮޑުވުމެއް. ހައްލު މިހާރުން މިހާރައްވެސް ބޭނުންވާކަމެއް.

    29
    1