އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާގެ ބަދަލު ބީއެމްއެލް އިން ނެގުން ބުއްދިވެރި!

ފޮޓޯ ދި އެޑިޝަންް:–

މިއުޅެނީ ދިވެހި ދައުލަތުން 1,200,000,000 އަށްވުރެ ގިނަ ރުފިޔާ ބަޔަކު ވަގަށް ނަގައިގެނެވެ.

މި ފައިސާ ހޯދާނެ ކޮންމެވެސް ގޮތެއް ވެސް އޮންނަންވާނެއެވެ.

މި ފައިސާ ދިވެހި ދައުލަތުން ގެއްލުމުގައި ބޭންކް އޮފް މޯލްޑްވިސްގެ އިހުމާލު އޮތްކަންކަމަށް ދެކެވޭ ވާހަކަތަކަށް ދުވަހެއް ދުވަހަކަށް މި އަންނަނީ ބާރު ލިބެމުންނެވެ.

"މާލިއްޔަތު ގާނޫނުގައި"  48 ވަނަ މާއްދާ ބުނާގޮތުންް، ދައުލަތުގެ މުދަލެއް ގެއްލުވާލުމުގެ އަމަލެއް ހިންގި ފަރާތެއް ދައުލަތަށް ލިބުނު ގެއްލުމާ އެއް މިންވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް ޖޫރިމަނާކޮށް އޭނާގެ މައްސަލަ ޝަަރީއަތަށް ފޮނުވުމުގެ ބާރު ސަރުކާރަށް ނުވަތަ ފިނޭންސް މިނިސްޓަރަށް ލިބިގެންވެއެވެ.

ވީމާ ބީއެމްއެލްގެ ތުހުމަތު ކުރެވޭ އިހުމަލާކާއެކު ގެއްލުނު ފައިސާ ހޯދަން އެންމެ އެކާށީގެންވަނީ އެ ބޭންކުމެދުވެރިކޮށެވެ.

ދައުލަތައް ލިބެންޖެހޭ 1.2 ބިލިއަން އަށްވުރެ ގިނަ ރުފިޔާ ގެއްލުމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ގެ ދައުރެއް އޮޮތްކަމަށް ކުރެވޭ ތުހުމަތުތައް އެ ބޭންކުން ތަކުރާރުކޮށް ދޮގު ކުރެއެވެ.

ކަންކަން ފޮރުވަން އުޅުމުގެ ނަތީޖާ ހިތި: 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އަންގާާރަ ދުވަހު ބީއެމްއެލްގެ އިސް ދެ މުވައްޒަފުން ހާޒިރުކޮށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބީއެމްއެލްގެ ދައުރެއް އޮތްތޯ  ސާފުކުރިއެވެ.

މަޖިލީހުގެ މި ކޮމެޓީ ބައްދަލަވުމުން ބީއެމްއެލްއިން ވަނީ އެމްއެމްޕީއާރުސީން 'އެންޑޯޒް ކޮށްފައިވާ ޗެކުތައް' އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުން ނުހުއްޓުނީ އެމްއެމްއޭގެ އިސްވެރިންް "ފޯނުން ގުޅައި" އެސްއޯއެފްގެ އެކައުންޓުތައް ފްރީޒް ނުކުރަން އެންގިކަމަށް ބުނެފައި އޮތުމުންްނެވެ.

އެގޮތަށް އެންގީ އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު، އެފްއައިޔޫ ގެ ކުރީގެ ވެރިޔާ އާތިފް ޝަކުރޫކަމަށް ބީއެމްއެލްއިން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސްޑެޕިއުޓީ ގަވަރުނަރު ނީޒާ ވަނީ ބީއެމްއެލްއަށް އެފަދަ ލަފައެއް ދީފައި ނުވާނެކަމަށް ވިދާޅުވެ ނޫސް ބަޔާނެއް ނެރުއްވާފައެެވެ.

މިހާ ހިސާބުން ބީއެމްއެލްއިން މަޖިލީހަށް ދިނީ 'ތެދު މައުލޫމާތުތޯ؟' މިވަނީ ސުވާލު އުފެދިފައެވެ.

މި ހިސާބުންް ބީއެމްއެލްއިން މަޖިލީހުގަ ދިނީ ދޮގު މައުލޫމާތުކަމުގައި ވާނަމަ އެ ކުރީ ވަރަށް ބޮޑު ކުށެކެވެ.

ތުހުމަތުގެ އިނގިލި ދިއްކުރާ މީހުން ގިނަވެއްެޖެ: 

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެފައިވާގޮތަށް "ކުށެއް ކުރެވިފައިވާނަމަ އެކަން ސިއްރުކުރަން މަސައްކަތް ކޮށްގެން ދިވެހި ރައްޔިތުންނާ ބައިނަލްއަގުވާމީ ދުނިޔޭގައި ބީއެއްމެލްގެ އަގު އިތުރަށް ވެއްޓޭނީ" އެވެ. އަދި އީސަ ވިދާޅުވާ ގޮތަށް ކަރަޕްޝަންގެ އަމަލުތައް ކޮށްފައިވާ ފަރާތްތައް ފޮރުވަން އެއްވެސް މިންވަރަކަށް ބީއެމްއެލްއިން މަސަައްކަތް ކޮށްގެނެއެއް ނުވެއެވެ.

މީގެ އިތުރުންވެސް އޭސީސީން ވެސް އަންނަނީ ތުުހުމަތުގެ އިނގިލި ބީއެމްއެލްއަށް ދިއްކުރަމުންނެވެ.

އަދި ފުލުހުން ހޯދަން ބޭނުންވާ މައުލޫމާތުތައް ވެސް ބޭންކުން ހޯދަން ދަތިތަކެއް ކުރިމަތިވެފައިވާކަން މަޖިލީހުގެ ކޮމެޓީތަކުގައި ފުލުހުން ދައްކާފައިވާ ވާހަކަތަކުން ހާމަވެއެވެ.

ބީއެމްއެލްއިން އޮންނަނީ ރާއްޖޭގެ ގިނަ މީޑިއާތައް މަދު ފައިސާކޮޅަކަށް "ގަނެލާފަ"  އެވެ. ބީއެމްއެލްއާ އެދޭ ގޮތަށް ނޫން ގޮތަކަށް ބަހެއް ބުނާނެ މީޑިއާއެއް މިވީތަނަކަށް ނެތެވެ. ނަމަވެސް މިއަދު ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުންތަކެއް ބީއެމްއެލްއަށް ފާޑުކިޔަން ފެށުމުން ބައެއް މީޑިއާތަކުންވެސް ސިއްރު ސިއްރުން އޮޅުވާލާފައި ބީއެމްއެލްއާ ދިމާލަށް އިނގި ދިއްކޮށް ބައެއް ވާހަކަތައް މިހާރު އަންނަނީ ދައްކަމުންނެވެ.

އެފްއައިޔޫގެ މެންޑޭޓުގައި އޮންނަނީ ފޯނުން ގުޅައި ކަންކަން އެންގުމެއްނޫން: 

ދިވެހި ދައުލަތުގެ އެކައުންޓަކަށް ވަންނަންޖެހޭ ޗެކުތައް ޖަމާކުރި އަމިއްލަ ކުންފުނީގެ އެކައުންޓުތައް ފްރީޒް ނުކުރެވުނީ އެފްއައިޔޫގެ އިސްވެރިން "ފޯނުން ގުޅައި" އެގޮތަށް އެންގުމުންކަމަށް ބީއެމްއެލްއިން ބުނާއިރު، އެ ޔުނިޓު މެންޑޭޓުގައި "ފޯނުން ގުޅައި" ކަމެއް ކުރަން ނުވަތަ ނުކުރަން އެނގުމެއް ނޯވެއެވެ.

އެ ޔުނުޓުގެ މެންޑޭޓުގައި ބުނެފައިވަނީ ޝައްކު ކުރެވޭ ކަމެއް ހިނގާނަމަ އެކަންކަން ބަލަހައްޓާނެ ގައިޑުލައިންތައް އެފްއައިޔޫ އިން އެކުލަވާލަންޖެހޭނެކަމަށެވެ. އަދި ގާނޫނުގައި އެ ބުނާފަދަ ގައިޑްލައިނެއް ފޯނުން ގުޅައިގެން އެފްއައިޔޫއިން ބީއެމްއެލްއަށް ކިޔައިދީފާނެކަމަކަށް ނުބެލެވެއެވެ. އަދި އެއީ ބުއްދި ގަބޫލުކުރާ ޒާތުގެ ވާހަކައެއް ވެސް ނޫނެވެ.

"މަނީ ލޯންޑަރިން އަދި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު" ގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ "އާދަޔާ ހިލާފަށް ހިނގާ ބޮޑެތި މުއާމަލާތްތަކާ އަދި އާދަޔާ ހިލާފަށް ކުރެވޭ މުއާމަލާތްތަކާ އަދި އާދަޔާ ހިލާފަށް ކުރެވޭ މުއާމަލާތްތަކަކީ އޭގައި އިގްތިސާދީ ބޭނުމެއް ނެތި ނުވަތަ ގާނޫނު ހުއްދަކުރާ ބޭނުމެއް ނެތި ކުރެވޭ މުއާމަލާތަކެއް ކަމަށް ފެންނަ ނަމަ، އަދި ގާނޫނީގޮތުން ހުއްދަކުރާ ބޭނުމެއް ނެތި ކުރެވޭ މުއާމަލާތްްތަކެއް ކަމަށް ފެންނަ ނަމަ، އެފަދަ މުއާމަލާތައް ކުރުމުގައި ރިޕޯޓުކުރަންޖެހޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަންވާނެ،" ކަމަށެވެ.

ދައުލަތުގެ އެތައް ބިލިއަން ރުފިޔާއެއް އަމިއްލަ ކުންފުންޏަކަށް ޖަމާވިއިރު މިފަދަ ނަޒަރަކުން އެ ކުންފުންޏާމެދު ބަލައި، އަދި އެ ކުންފުނިން ހިންގަނީ މަނީ ލޯންޑަރިންކަމަށް ތުހުމަތުކުރެވޭއިރު، ހަމައެކަނި "ފޯނު ކޯލަކުން" ފުއްދާލައިގެން ބީއެމްއެލްއިން ހުރުމަކީ ފުރިހަމައަށް ޒިންމާ އަދާނުުކުރެވޭކަން ދޭހަކޮށްދޭކަމެކެވެ.

މީގެ އިތުރުން "ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު" ގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ" އާދައިގެ މަތިން ހިނގާ މުޢާމަލާތުގައި ބޭންކަކަށް ރައްދުވާ ޗެކަކަށް، ނުބައި ނިޔަތެއް ނެތި ފައިސާދީފައި ވަނިކޮށް، އެޗެކްގައިވާ އެންޑޯސްކުރުމަކީ މަކަރު ހަދައިގެން ނުވަތަ ހުއްދަނެތި ކުރެވިފައިވާ އެންޑޯސްކުރުމެއް ކަމުގައި ވީނަމަވެސް، އެޗެކާ ގުޅޭގޮތުން ބޭންކް ޒިންމާވާކަށް ނުޖެހޭނެ" ކަމަށެވެ.

ޒިމަން ނަގަން ނުޖެހޭނެކަމަށް ބީއެމްއެލް އިން ބުނި ނަމަވެސް، ބޭންކުން ދިވެހި ދައުލަތުގެ ޗެކުތަކެއް އަމިއްލަ ކުންފުންޏަކަށް ޖަމާކުރުމުގައި "ނުބައި ނިޔަތެއް" ނެތްކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. މި ދައްކަނީ އެންމެ ރުފިޔާއެއްގެ ވާހަކައެއް ނޫނުނެވެ. 1,200,000,000 ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ ރުފިޔާގެ ވާހަކައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ގެއްލިފައިވާ އެންމެ ރުފިޔާއެއް ވެސް އަލުން އަނބުރާ ނުހޯދިގެން އުޅޭއިރު، މިފައިސާ އަނބުރާ ހޯދުން އެންމެ އައުލާކަން ބޮޑީ ބޭންކް އޮފް މޯލްޑްވިސްއިންނެވެ. ބޭންކުން މިކަމުގައި އިހުމާލުވެފައިވާ މިންވަރު ބޮޑުތަނުން މިފެންނަނީއެވެ. ދައުލަތުގެ ގިނަ ރައްޔިތުން ތުހުމަތު ކުރަނީ ބީއެމްއެލްގެ އިހުމާލު މިކަމުގައި ބޮޑުކޮށް އޮތް ކަމަށެވެ.

ރައްޔިތުންގެ ފައިސާއަށް މިހާބޮޑު ހިޔާނާތެއް ބަޔަކު ވެގެން ދިޔަ އިރު އެއީ ބޮޑު ކަމަކަށް ނުހެދި ބަޔަކަށް ރައްޔިތުންގެ ފައިސާ ބެލެހެއްޓުމުގައި ރައްޔިތުން އިތުބާރެއް ނުކުރާނެއެވެ. ބީއެމްއެލް އާއި ގުޅޭ ގޮތުން އަބަދުވެސް ކުރެވޭ ތުހުމަތުތައް މިއަދު ރައްޔިތުންނަށް މިވަނީ ޤަބޫލުކުރަން މަޖުބޫރުވެފައެވެ.

ދައުލަތުގެ ފައިސާއަކީ ބީއެމްއެލްގެ މުއައްޒަފުން ބޭނުންހާ ބަޔަކަށްދީ އެކަން ކުރީ ތިމަންނާމެން ނޫނޭ ބުނުމަކުން ނިންމާލެވޭ ވަރުގެ މައްސަލައެް ނޫނެވެ. ދައުލަތުގެ ހަޒާނާއިން މިގެއްލުނު ފައިސާ ބީއެމްއެލް އިން ސަރުކާރުން އަތުލަންވެސް ޖެހެއެވެ. ބީއެމްއެލްގެ ފަރުވާ ކުޑަކަމުން ލިބުނު ގެއްލުމުގެ ބަދަލު އެފަރާތުން ހޯދާ، ރައްޔިތުންނަށް އެކަން ކޮށްދިނުމަކީ މިއަދު ބީއެމްއެލް އިން ކުރަން ޖެހޭނެ ކަމެކެވެ. ބަހަނާ ދައްކައިގެން ރެކެވޭނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ކޮއްކޮ

    ނަގަންވީ މާލަސްވެއްޖެ