ބީއެމްއެލް އިން މަޖްލިސް ކޮމެޓީއަށް 'ދޮގު މައުލޫމާތު' ދިނީބާ؟

ބޭންކް އޮފް މޯލްޑްވިސް، ބީއެމްއެލް އިން މަޖިލީހުގައި 'ދޮގު މައުލޫމާތު' ދީފައިވޭތޯ ސުވާލު އުފެދިއްޖެއެވެ.

މި ސުވާލު އުފެދިފައިވާ އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރާ ގުޅޭގޮތުން ބީއެމްއެލްގެ އިސް ދެ މުވައްޒަފަކު ކުރެއްވި ތުހުމަތުތައް އޭނާ ދޮގު ކުރެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިއަދު ވަނީ ބީއެމްއެލްގެ އިސްވެރިން ހާޒިރު ކޮށްފައެވެ.

އެ ކޮމެޓީން އަންނަނީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އެސްއޯއެފްގެ އެކައުންޓުތަކަށް ގިނައަދަދެއްގެ ފައިސާ ވަންނާތީ އެކަން ރިޕޯޓު ކުރުމުގެ ގޮތުން ޝައްކު ކުރެވޭ ކަންކަން ހުރުމުން އެސްއޯއެފުގެ އެކައުންޓުތައް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށާއި، އެކަމަކު އެގޮތަށް އެކައުންޓު ފްރީޒު ކުރުމުގެ ބާރު ބޭންކަށް ލިބިގެން ނުވާ ކަމަށް އެފްއައިޔޫ އާއެކު" ފޯނުން ކުރި މަޝްވަރާތަކުގައި" އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު، އެފްއައިޔޫ ގެ ވެރިން ފާހަގަކުރި ކަމަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެސްއޯއެފުން ބޮޑެތި އަދަދުތަކުން ކުރަމުން ދިޔަ މުއާމަލާތްތަކާއި މެދު ޝައްކު އުފެދި، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު" (އެސްޓީއާރް) ފޮނުވި ކަމަށެވެ.

އެގޮތަށް އެންގެވި އެފްއައިޔޫގެ ވެރިންގެ ނަންތައް ހާމަކުރެއްވުމަށް މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ޝަރީފު (މަވޯޓާ) އެދިވަޑައިގެންނެވުމުން ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކުރޫގެ ނަމެވެ.

ނަމަވެސް މިރޭ އެމްއެއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ ވަނީ ބީއެމްއެލްއަށް އެފަދަ ލަފައެއް ދީފައި ނުވާނެކަމަށް ވިދާޅުވެ ނޫސް ބަޔާނެއް ނެރުއްވާފައެެވެ.

މިހެންކަމުން ބީއެމްއެލްއިން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ދޮގު މައުލޫމާތު ދިންތޯ މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް "ދޮގު މައުލޫމާތުު" ދިނުމަކީ ގާނޫނީ ކުށެކެވެ.

ނީޒާ އެމްއެމްއޭގައި އަދާ ކުރައްވަމުން ގެންދެވި މަގާމުން 21 އޮގަސްޓު 2017 ވަނަ ދުވަހު އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ނަން ފޮނުއްވުމަށްފަހު އަނބުރާ ގެންނަވައި އެހެން ބޭފުޅެއްގެ ނަން ކުރީގެ ރައީސް އަބްދުﷲ ޔާމިން މަޖިލީހަށް ފޮނުއްވުމުންނެވެ.

ނީޒާ ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެމްއެމްއޭގައި މަސައްކަތް ކުރައްވާފައެވެ. އިސްތިއުފާ ދެއްވި އިރު ހުންނެވީ އެމްއެމްއޭގެ ފައިނޭންޝިއަލް ސްޓެބިލިޓީ ކަންތައްތައް ބަލަހައްޓާ އިސްވެރިއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު