ރާއްޖޭގަ ރަލާ އޫރު މަސް ވިއްކުން މަނާކުރަން މަޖިލީހަށް ގަރާރެއް

ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ޖާބިރު ވިދާޅުވެފައިވަނި މިއަދު ހުށަހެޅުއްވި ގަރާރުގައި "ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު އިސްލާމްދީނުގައި ހަރާންކޮށްފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ރިސޯޓުތަކުގައި ރަލާއި އޫރު މަސް ވިއްކަން ހުއްދަ ދެވިގެން ނުވާނެ" ކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

ޖާބިރު ގެންދަވަނީ ރާއްޖޭގައި ކެސީނޯ އެޅުމަށް މަސައްކަތް ކުރައްވަަމުން: 

ރާއްޖޭގައި ކެސީނޯ އަޅަން ހުއްދަ ނުދޭނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވުމުން ޖާބިރު ވަނީ އެކަމަ ވަރަށް ބޮޑަށް މިދިޔަ ބުދަ ދުވަހު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން،  ބުދަދުވަހު އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ކެސީނޯ ހިންގަން ހުއްދަ ނޯންނަކަމަށެވެ. އަދި މި ސަރުކާރުން ކެސީނޯ ހިންގަން ތާއީދު ނުކުރާ ކަމަށެވެ.

"މި ސަރުކާރުގެ ސިޔާސަތެއް ނޫން ކެސޯނޯ ހިންގުމަށް ހުއްދަދިނުމަކީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ޖާބިރު ކުރެއްވި ދެވަނަ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ބަނގުރަލާ އޫރުމަސް ވިއްކަން ފެށީ މި ސަރުކާރަކުންނެއްނޫނެވެ. އަދި އެކަން ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހެދިފައި ހުރި ގާނޫނާ ގަވާއިދުގެ ތެރެއިންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިހެން ވިދާޅުވުމުން ޖާބިރު ވަނީ ތަކުރާރުކޮށް އެ ސުވާލު ކުރައްވައި ގޮނޑި ތެދުވެ ވަޑައިގެން ބަނގުރާ ވިއްކަނީ ކޮން ގާނޫނެއްގެ ދަށުންތޯ ސުވާލު ކުރައްވާފައެވެ.

އަދި "ކަލޭމެން ބަނގުރާ ވިއްކަނީ. ކެސީނޯ ނާޅާންްވީ ކީއްވެ؟ އަޅުގަނޑު ބޭނުން މިގައުމުގަ ބަގުރަަލާ އޫރުމަސްވެސް ވިއްކުން ހުއްޓާލަން" މިހެން ވިދާޅުވަމުން ޓާޓާ ކިޔާ ޖާބިރު ކޮމެޓީން އެދުވަހު ނުކުމެވަޑައިގަތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

  1. ހޭޅިކަޅޭ

    . ކެސިނޯ ވާހަކަ އިހަށް ބާއްވާފައި ސަރުބަތު ބެއްލެވޭނެގޮތް ހައްދަވައި.

  2. ރެކިފުތާ

    ޖާބިރަށް ހީވަނީ މަޖިލީހުގައި ޖާބިރުގެ އަނގަމައިތިރި ކުރަން ދެތިން ފަޅުރަށާއި ވޯލްޑްބޭންކުން ލޯނު ކޮންމެހެން ހަދާފަވެސް ދޭނޭކަމަށް. މި ސަރުކާރަށް ކަހައިރުވަކެކޭވެސް ހީނުވާނެ. މި ސަރުކާރަށް ޖާބިރު އަތުން ނަގާނީ ޓެކުސް. އެ ނުދައްކާން ކިތަންމެ ހަޅޭކެށްލިޔަސް އަތުލާނަން އެހެންނޫނީ އޮތީ ޖަލުގޮޅި.