ހާރިޖީ ވަޒީރު ނޭޕާލަށް ތައުޒިޔާގެ ވިދާޅުވެއްޖެ

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ނޭޕާލުގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތައް ހިނގައި، ގިނަ ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ނޭޕާލުގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލަންސީ ޕްރަދީޕް ކުމާރް ގިޔަވާލީއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ފާއިތުވި 3 ދުވަހު ނޭޕާލަށް ކުރި ބޯވިއްސާރައިގައި ފެންބޮޑުވެ، ބައެއް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއިއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މިހިތާމަވެރި ވަގުތުގައި ނޭޕާލް ރައްޔިތުންނާއި ސަރުކާރާއި ޚާރިޖީ ވަޒީރަށް، އަދި ވަކިން ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށް ވިދާޅުވިއެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރިގަތުމަށް ކުރެވޭ މަސައްކަތަށް ކާމިޔާބީއަށް މިނިސްޓަރ ޝާހިދު އެދިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު