ސަގާފީ ތަރިކައިގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި

ސަގާފީ ތަރިކައިގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މަޖިލީހުން ބުނީ އެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންްވާ ފަރާތްތަކުން. [email protected] އަށް މެއިލް ކޮށްގެން ނުވަތަ މަޖްލިސް އިދާރާއަށް ސިޓީ ފޮނުވައިގެންވެސް ހިޔާލު ހުށަހެޅިދާނެކަމަށެވެ.

ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިމަހު 16 ވަނަ ދުވަހާ ހަމައަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލް މަޖިލީހަށް ބަލައިގެނެ ކޮމެޓީއަށް ފޮނުވާފައިވަނީ މިމަހު 8 ވަނަ ދުވަހުއެވެ.

ބިލް އިތުރަށް ދިރާސާކުރަން މަޖިލީހުން ފޮނުވާފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށެވެ.

ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲއެވެ.

"ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ގެ ނަންދެވިފައިވާ ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ސަގާފީ ތަރިކަތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުން ހިމެނެއެވެ. އަދި މި ތަރިކަތަކާއި ބެހޭ ދިރާސާތައް ކުރުމާއި ތަރިކަތައް ބެލެހެއްޓުމާއި ގުޅޭ ހުރިހާ އުސޫލެއް ކަނޑައެޅުން ވެސް މި ބިލުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު