ދިހަ އަހަރުތެރޭގައި އިންޑިއާގެ 271 މިލިއަން މީހުން ފަގީރު ހާލަތުން އަރުވާފައިވާ ކަމަށް ޔޫ.އެން އިން ބުނެފި.

2006 ވަނަ އަހުރުން ފެށިގެން 2016 ވަނަ އަހަރާ ދޭތެރޭ އިންޑިއާއިން އެގައުމުގެ 271 މިލިއަން މީހުން ފަގީރު ހާލަތަކުން އަރުވާފައިވާކަމަށް ޔޫ.އެން އިން ބުނެފައިވެއެވެ.

ޔޫ.އެން އިން ބުނެފައިވާ ގޮތުގައި މިއީ މަލްޓިޑައިމެންޝަން ޕޮވެޓްރީ އިންޑެކްސް ( އެމް.ޕީ.އައި) ހިސާބުގައި ދަށްކޮށް ލެވުނު ރިކޯޑް މިންވަރެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ޔޫ.އެން ޑެވެލޮޕްމެންޓް ޕްރޮގުރާމްއިން ނެރެފައިވާ ދުނިޔޭގެ އެމް.ޕީ.އައި 2019 ރިޕޯޓުގައި ބުނެފައިވާ ގޮތުން 101 ގައުމު ދިރާސާ ކޮށްފައިވާ އިރު، 31 ގައުމުގެ އާމްދަނީ ދަށް ކަމަށާ، 68 ގައުމު މެދުމިނުގެ އާމްދާނީ ލިބޭ ކަމަށާ އަދި 2 ގައުމެއްގެ އާމްދަނީ ލިބޭ މިންވަރު މަތިކަމަށް އެރިޕޯރޓްގައި ބުނެފައިވެއެވެ. ނަމަވެސް ހުރިހާ ގޮތަކުން ބަލާއިރު އަދިވެސް ދުނިޔޭގެ ފަގީރު ހާލަތުގައި އުޅޭ މީހުންގެ އަދަދު 1.3 ބިލިއަނުގެއި އުޅޭ ކަމަށާއި، އެހެން ކަމުން ފަގީރު ކަމަކީ އާމްދަނީގެ ސަބަބުން އެކަނި ދިމާވާ ކަމެއް ނޫން ކަމަށާ މިކަމުގެ ތެރޭގައި ބައިވަރު ކަންތައް ހިމެނޭ ކަމަށްވެސް މި ރިޕޯރޓްގައިވެއެވެ. މި ގޮތުން ރަނގަޅު ސިއްހީ ފަރުވާ ނުލިބުމާއި، މަސައްކަތުގެ ފެންވަރު ދަށްވުމާއި، އަދި ބިރު ދައްކުވައިގެން ކަންތައް ކުރުވުން ހިމެނޭ ކަމަށެވެ.

ޔޫ.އެންގެ މި ރިޕޯޓުގައި 10 ގައުމަކުން އުންމީދު ނުކުރާހާ ފެންވަރަށް ފަގީރުންގެ އިންސައްތަ ދަށްކޮއްފައިވާ ކަމަށް ބުނެފައިވެއެވެ. މި ދިހަ ގައުމަކީ، ބަންގްލަދޭށް، ކެމްބޯޑިއާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އިތިއޯޕިއާ، ހައިތީ، އިންޑިއާ، ނައިޖީރިއާ، ޕާކިސްތާން، ޕެރޫ އަދި ވިއެޓްނާމް އެވެ.

މި ދިހަ ގައުމުތެރެއިން އެންމެ ރަނގަޅު އިންސައްތައެއް ދައްކުވާފައި ވަނީ ދެކުނު އޭޝިއާއިންނެވެ. އިންޑިއާއިން 271 މިލިއަން މީހުން ފަގީރު ހާލަތުން އަރާފައިވާ އިރު ބަންގްލަދޭޝް އިން 19 މިލިއަން މީހުން ފަގީރު ހާލަތުން އަރާފައިވާ ކަމަށްވެސް މިރިޕޯރޓް ބުނެއެވެ.

މި ރިޕޯޓުގައި ބުނާގޮތުން ފަގީރު ހާލަތުގެ ސަބަބުން ގެއްލުން ލިބޭ ބޮޑެތި މީހުންނަށް ވުރެ ކުޑަ ކުދިން ލިބޭ ގެއލުމުގެ މިންވަރު ބޮޑެވެ. އަދި ފަގީރު ހާލުގައި ތިބި 1.3 ބިލިއަން މީހުން ތެރޭގައި ދެބައި ކުޅަ އެއްބައި "663 މިލިއަނަކީ" ފަގީރު ކުޑަ ކުދިން ކަމަށާއި، ކޮންމެ 3 ކުއްޖަކުން 1 ކުއްޖަކީ ފަގީރު ކުއްޖެއް ކަމަށްވެސް އެރިޕޯރޓްގައިވެއެވެ. މިތަނުން 85 އިންސައްތަ ކުޑަ ކުދިން އުޅެމުން ދަނީ ދެކުނު އޭޝިއާ އަދި އެފްރިކާ ބައްރުގައެވެ.

ކިޔުންތެރިންގެ ހިޔާލު