ވިޔަފާރީގެ އާއުފެއްދުންތަކާއި ކުދިވިޔަފާރިތަކަށް "އުނދަގުލަކަށް" ވެފައިވާ ދިވެހިންގެ ބޭންކް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އާ އުފެއްދުންތައް ކުރިއރުވުމަކީ ޤައުމެއް ކުރިއަރައި ދިއުމުގެ އަސްލެވެ. ވޭތުވެދިޔަ 30 ވަރަކަށް އަހަރު ތެރޭގައި ދިވެހި ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަބަދުވެސް ބޭންކް އޮފް މޯލްޑިވެސް ގެ ފަރާތުން ފިޔަފާރިތަކަށް ދިމާވާ އުނދަގޫތަކާއި ކުރިއެރުމަށް އަޅަމުންދާ ހުރަސްތައް ކަމަށް ކުދި ވިޔަފާރިވެރިން އަބަދުވެސް ބުނެއެވެ.

ދިވެހިންގެ ބޭންކް ނަމުގައި ރީތި އިޝްތިހާރާއި، ބޮޑެތި ބިލަބޯރޑް އަދި އަޑު އަހާލަން ފަސޭހަ ގޮތް ގޮތަށް ގެނެސްދޭ މެސެޖްތައް އުފެއްދުމުގައި ކުރިއަރާފައި ތިބި ބައެއް ކަމަށް ދެންނެވިދާނެއެވެ. އެހެން ނަމަވެސް ދިވެހިންގެ ތެރެއިން ބޭންކް ޙިދުމަތްތަކާއި މެދު ހިތްހަމަޖެހޭ މިންވަރާއި ބެހޭ ގޮތުން ސުވާލުކޮށްލުމުން ފާޑު ނުކިޔާނެ އެކަކުވެސް ހަމަ ދިމާނުވާނެއެވެ. މަކަރާއި، ވައްކަމާއި ހީލަތް ހެދުމުގައި ބޭންކް ކުރިއަރާފައިވާ މިންވަރު ވޭތުވެދިޔަ ވެރިކަމުގައި ދިވެހިތާރީހުވެސް ނުދެކޭނެ، ދުވަހަކުވެސް ދިވެހިންގެ ހިތުން އެކަން ނުފިލާނެ ވަރުގެ ބޮޑު ހިޔާނާތް ބާރު ހުރި ފަރާތްތަކުން (ސަރުކާރުގެ ވެރިން) ހިންގީ ސީދާ މިބުނާ ދިވެހިންގެ ބޭންކާއި ގުޅިގެންކަން އެއޮތީ ސާފޮކޮށް ފެންނާށެވެ. އެބޭންކުގައި ހުރި މުއައްޒަފަކު އެވާހަކަ ފަޅާ އަރުވާލުމުން އޭނައާމެދު ކަންތައް ކުރިގޮތާއި، އަދި ރައްޔިތުންނަށް މިބޭންކުން ކަންކުރާނެ ގޮތް ވަރަށް ބޮޑަށް މިވަނީ ސާފްވެފައެވެ.

ދުނިޔޭގައި ކުރިއަރަމުން އަންނަ މޯބައިލް ޕޭ ގެ ޙިދުމަތް ރާއްޖޭގައި މިހާ ބީރައްޓެހިވެގެން މިއުޅެނީ ރާއްޖޭގައި އެފަދަ ޙިދުމަތް ދޭނެ ބަޔަކު ނެތިގެން ހެއްޔެވެ.؟ ނުވަތަ ކަމާއި ބެހޭ އިދާރާތަކުން މިކަމަށް ހުރަސް އަޅާތީހެއްޔެވެ.؟ ސައުތު އޭޝިއާގައި ނިސްބަތުން އެންމެ ގިނަ މީހުން އިންޓަރނެޓް ބޭނުން ކުރާ ޤައުމަކީ ރާއްޖެ ކަމަށްވާއިރު މިފަދަ ޙިދުމަތެއް ރާއްޖޭގައި ނުދެވެނީ ބާރުގަދަ ފަރާތްތަކެއްގެ ހުރަސްތަކާހެދި ކަމަށް ޤަބޫލު ކުރެވޭނެ ޖާގަ އެބައޮތެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭންކުގެ ޙިދުމަތް ދެމުން އަންނަ އެންމެ ދުވަސްވީ ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) އިން "މޯބައިލް-ޕޭމަންޓް" ގެ ޙިދުމަތް ދެއެވެ. 2016 އިން ފެށިގެން ދެމުން އަންނަ އެހިދުމަތް އެބޭންކުން ދެނީ އެބޭންކްގެ ކަސްޓަމަރުންނަށް އެކަންޏެވެ. ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ފޯނުން ލާރި ދެއްކޭނެ ހިދުމަތް ދިންކަމުގައިވިއަސް، ބޭނުން ކުރަން ފަސޭހަ ނުވުމުގެ ސަބަބުން ބީއެމްއެލް މޮބައިލް ޕޭ ބޭނުން ކުރަނީ މަދު ދިވެހިންނެވެ. އަދި މިހިދުމަތް ބީއެމްއެލްގެ ޕީއޯސް ނެތްތަނަކުން ނުލިބުމަކީވެސް ވަރަށް ބޮޑު ދައްޗެކެވެ.

ދިވެހި ރާއްޖޭގައި މޯބައިލް ފޯން މެދުވެރިކޮށް ލާރި ދެއްކޭ ނިޒާމްތައް ވަރަށް މަދެވެ. ބޭންކް ކާރޑަކާއި ނުލައި ފޯނު މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި މުއަމަލާތް ކުރެވޭނެ ގޮތް ފަހި ނުކުރެވެނީ ބޭންކް އޮފް މޯލްޑިވެސް އިން އެކަމަށް ހުރަސް އަޅާތީ ކަމަށް މިހިދުމަތް ދިނުމަށް މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ބުނެއެވެ. ބޭންކުން މިކަމަށް އެއްބާރުލުން ނުދެނީ މިކަން ކުރުމުގެ ސަބަބުން އެބޭންކްގެ ރީޓެއިލް ވިޔަފާރި ފައިދާ ކުޑަވެދާނެ ކަމަށް ޤަބޫލުކުރެވޭތީ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ރާއްޖޭގައި މޯބައިލް ފޯން މެދުވެރިކޮށް ވިޔަފާރި ކުރެވޭ ގޮތަށް ފޯން އެޕްލިކޭޝަން (އެޕް) ތައް ހެދިފައި އެބަހުއްޓެވެ. އެގޮތުން ދިރާގު ޕޭ، އުރީދޫ އެމް.ފައިސާ، ޕޭޔަރ، ފަހިޕޭ، ފަސޭހަ ރީޗާޖް ފަދަ އެޕް ތަކުން މޯބައިލް ޕޭމަންޓްގެ ހިދުމަތް ދިން ކަމުގައިވިޔަސް މިއެޕްތަކުނެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ފަސޭހަކަމާއެކު ބޭންކް އެކައުންޓްގައި ހުންނަ ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ބޭނުން ކުރެވޭނެ އެއްވެސް ގޮތެއް ނެތުމެވެ. މިކަމަށް ބޭންކް އޮފް މޯލްޑިވެސް އިން އެއްވެސް ގޮތަކަށް ކުރާކަށް ބޭނުންވާ ކަމެއް ނޫން ކަމަށް މިފަދަ އެޕްތަކުގެ މޭސްތިރިން ބުނެއެވެ.

މިހާރު ދިވެހިރާއްޖޭގައި ހެދިފައިވާ މޮބައިލް މަނީ ރެގިއުލޭޝަން އަކީ މުއާސަލާތީ ޙިދުމަތްދޭ ފަރާތްތަކަށް އެކަނި ހިދުމަތް ދެވޭ ގޮތަށް އެމް.އެމް.އޭ އިން ހަދާވަފއިވާ ޤަވާއިދެކެވެ. އެހެން ނަމަވެސް ރާއްޖޭގައި މުއާޞަލާތީ ޙިދުމަތްދޭ ދެކުންފުނި ކަމަށްވާ ދިރާގު އަދި އޫރީދޫ އިން މިހާރުވެސް ތަޢާރަފްކޮށްފައިވާ އެޕްލިކޭޝަންގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކައިރި ފިހާރައަކަށް ގޮސް އެޕް އަށް ވަކިން ލާރި އަޅައިގެން ބޭނުން ކުރަންޖެހޭތީއެވެ.  އޭގެ ބަދަލުގައި އެފަރާތްތަކަށްވެސް ބޭންކް އެކައުންޓް މެދުވެރިކޮށް ލާރި އެޅޭނެ ގޮތް އިންނަނަމަ ވަރަށް ފަސޭހަވެގެން ދާނެއެވެ. ދިރާގު އަދި އޫރީދޫ ފަދަ ބޮޑެތި ކުންފުނިތަކަށް މިފަދަ ހިދުމަތެއް އެކަށިގެންވާ ގޮތެއްގައި ނުދެވެނީ ބޭންކުން އެއްބާރުލުން އެކަށީގެންވާ ގޮތުގައި ނުލިބޭތީ ކަމަށް ޤަބޫލު ކުރަން ޖެހެއެވެ.

އެޕް ޑިޒައިނަރެއް ކިޔައި ދިން ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އެފަދަ އެޕްލިކޭޝަންތަކާއި ވަރަށް ބޮޑަށް ދެކޮޅެވެ. އެބޭފުޅުން އެއްވެސް ވަރަކަށް މިފަދަ ސިސްޓަމެއް ރާއްޖެ އައުމަކަށް ނޭދޭ ކަމަށެވެ. ސަބަބަކީ ބޭންކަށް މިލިއަނުން ލިބޭ ފައިދާ ކުޑަވެ ރައްޔިތުންނަށް މިކަމުގެ ފައިދާ ބޮޑުވެ ފަސޭހަކަމާއި އެކު ފައިސާގެ މުއާމަލާތް ހިންގިދާނެތީ ކަމަށްވެސް އެފަރާތުން ސިފަކުރެއެވެ. ބޭންކުން މިފަދަ އެޕްތަކާއި ބޭންކް އެކައުންޓް "އިންޓަގްރޭޓް" ނުކުރެވޭތީ އަދި މިކަން ކަމަށް ޤަވާއިދު ތަކެއްވެސް ހެދިފައި ނުވާކަމީ، މިހިދުމަތް ދިނުމަށް ދިމާވާ އެންމެ ބޮޑޮ ދަތިކަން ކަމަށްވެސް އެފަރާތުން ކިޔައި ދިނެވެ. ބޭންކް އޮފް މޯލްޑިވެސް އަށް މިކަން ކުރެވޭނެ ކަމަށާއި އެފަރާތުން މިކަން ނުކުރަނީ އެކުންފުންޏަށް ކާރޑް ޕޭމަންޓްތަކުން ލިބޭ ބޮޑު ފައިދާ ނުލިބިދާނެ ކަމުގެ ބިރަށް ކަމަށް ބެލެވޭ ކަމަށްވެސް އެފަރާތުން ކިޔައިދިނެވެ.

ކާރޑް ޕޭމަންޓް ތަކަށް 2.5 އާއި 4 ދެމެދުގެ އިންސައްތައިގެ ފީއެއް ބޭންކުން ނަގައެވެ. އެހެން ކަމުން މިއީ ވަރަށްވެސް ބޮޑު އާމްދަނީ އެއް ބޭންކަށް ލިބޭނެ އެއްޗެކެވެ. އަދި މޯބައިލް ޕޭމަންޓްއިން މި އިންސައްތަ 0.5 އަށްވެސް ދެވޭނެއެވެ. ކާރޑް ޕޭމަންޓްއާއި ހިލާފަށް މޯބައިލް ޕޭމަންޓްގެ ސަބަބުން ޓްރާނސެކްޝަން ތަފްސީލް ވަގުތުން ވަގުތަށް ލިބޭނެއެވެ. އަދީ މާ ފުރިހަމަވެސް ވާނެއެވެ. ކާރޑް ޕޭމަންޓްގައި މި ހިދުމަތް ލަސްވާނެއެވެ. ޓްރާންސެކްޝަން ތަފްސީލް ވަގުތުން ލިބުނަސް ބޭންކުން އެޓްރާނސްސެކްޝަން ޔަގީންކޮށް ލާރި ލިބެންޖެހޭ ފަރާތައި ލާރި ހަވާލުކުރުމުގައި ދެދުވަސް ނަގައެވެ. މޯބައިލް ޕޭމަންޓްގަ ވަގުތުން ހިދުމަތް ލިބި ޓްރާނސެކްޝަންވެސް ޔަގީންކުރެވި ޙިދުމަތް ވަގުތުން ލިބެއެވެ. އަދި ވިޔަފާރި ކުރާ ފިހާރަތަކުގައި މިހާރު ބޭނުންކުރާ ޕީއޯއެސްތަކުން ކުރާ ވިޔަފާރިއަށް ބޭންކަށް ދައްކަންޖެހޭ ފީ ބޮޑުތަނުންކުޑަވާނެއެވެ.

ދުނިޔޭގެ ގައުމުތަކުގެ އެތެރޭގައި ގިނަ ގައުމުތަކުގައި މިހާރު މޯބައިލް-ޕޭމަންޓް ގެ ހިދުމަތަކީ ފުޅާ ދައިރާއެއްގައި ބޭނުންކުރާ އިތުބާރުހުރި ހިދުމަތްތަކެކެވެ. ކާރޑް ޕޭމަންޓް ތަކަކީ ގައުމުން ބޭރުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި ބޭނުންކުރާ އެއްޗަކަށް މިހާރު ދަނީ ބަދަލުވަމުންނެވެ.

ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި މިހުދުމަތަކީ ވަރަށް ފުޅާކޮށް ގިނަ ބަޔަކު ދެމުން އަންނަ ހިދުމަތެކެވެ. ރާއްޖޭގައި މިހިދުމަތް ދިނުމަށް ދިމާވެފައިވާ ހުރަސްތަކުގެ ތެރޭގައި މިކަމަށް ޤާނޫނުތަކެއް ހެދިފައިވެސް ނެތުންވެސް ހިމެނެއެވެ. އެންމެ އަވަށްޓެރި އިންޑިއާގައި މިހިދުމަތަކީ ވަރަށް ފުޅާކޮށްދެމުން އަންނަ ޙިދުމަތެކެވެ. އެގޮތުން ޕޭޓީއެމް އަކީ އިންޑިއާގައި އެންމެ ފުޅާކޮށް ކަމިޔާބު ކަމާއިއެކު މި ހިދުމަތްދޭ އެއް ފަރާތެވެ.

ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ޙިދުމަތް ދެނީ ބޭންކްތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެންނެވެ. އެއާއި ޙިލާފަށް ރާއްޖޭގައި ފެންނަނީ އަމިއްލަ ވިޔަފާރިތަކަށް މިފަދަ ފުރުޞަތު ނުދީ ބޭންކުން އަމިއްލައަށް މިކަންކަން ކުރަން އުޅޭ ތަނެވެ. އެހެން ވުމުގެ ސަބަބުން އުފެއްދުންތެރި ކަމުގެ ދާއިރާއިން ރާއްޖެ އަބަދުވެސް ފަހަތުގައި އުޅެންޖެހޭ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުރަސް އަޅާކަމީ ޤަބޫލުކުރަން ޖެހޭ ހަޤީގަތެކެވެ.

ކުދި ވިޔަފާރިތަކާއި އުފެއްދުންތެރިކަން ކުރިއަރުވާ ވާހަކަ އަބަދުވެސް ސަރުކާރުތަކުން ދެއްކިޔަސް ރައްޔިތުންނަށް ނުފެންނަ ބޮޑުމަންޒަރަކީ މިދފަދަ ވިޔަފާރިތަކާއި އާ އުފެއްދުން ތަކަށް އަބަދުވެސް ނުފޫޒު ގަދަ ފަރާތްތަކާއި ކުންފުނިތަކުން އަތް ބާނައި ހުރަސްއަޅާ ކަމެވެ. މީގެ ސަބަބުން އެތައް ވިޔަފާރި ރާއްޖޭގައި ބަނގުރޫޓް ވެގެން ގޮސްފައި އެބަހުއްޓެވެ.

ރާއްޖޭގައި ފައިސާގެ މުޢާމަލާތްތައް އެއްފަރާތުން އަނެއްފަރާތަށް އިލެކްޓްރޯނިކަލީ ބަދަލު ކުރެވޭނެ ޚަރުދަނާ ޒަމާނީ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. މި ނިޒާމުގެ ސަބަބުން މޯބައިލް ޕޭމަންޓްތައް ބޭންކް މެދުވެރިކޮށް ފެށިގެން ދާނެ ކަމަށް މޯބައިލް ޕޭމަންޓްގެ ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުން އުއްމީދުކުރެއެވެ. އެމްއެމްއޭ އިން މިމަސައްކަތް ކުރަމުންދާތާ 2 އހަރު ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.  މިމަސައްކަތް ލަސްކުރުމަށްވެސް ތަފާތު ގޮތްގޮތުން ބޭންކް ހުރަސް އަޅާ ކަމަށްވެސް ވިޔަފާރިވެރިން ތުހުމަތު ކުރެއެވެ.

ދުނިޔޭގައި އިންސާނީ ވަޞީލަތްތައް އަންނަނީ ހީވެސްނުކުރާ ބާރު ސްޕީޑްގައި ކުރިއަރަމުންނެވެ. ދިވެހިރާއްޖެއަކީ 80 އިންސައްތައަށްވުރެ ގިނަ މީހުން ސްމާރޓް ފޯން ބޭނުން ކުރާ ޤައުމެކެވެ. ދިވެހިންގެ އުފެއްދުންތެރިކަމާއި ދިވެހި ޒުވާނުންގެ ޤާބިލްކަން ޓެކްނޮލޮޖީއާއި އެއްވަރަށް ރާއްޖޭގައިވެސް އަންނަނީ ކުރިއަރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

  1. ބުރޯ

    ތި ބޭންކްކަކީ ކޮރަޕްޝަން ގެ ބޮޑުތަނެއް

  2. ރާޒުވާ ހަލީމް

    އެއްވެސް އިންޑަސްޓްރީ އެއް ހިސާބަށް ވުރެން ބޮޑަށް މޮނޮޕޮލައިޒްވާން ފުރުސަތު ދިނީމަ ވާނެ ގޮތް މިފެންނަނީ. ބެންކް އޮފް މޯލްޑިވްސްގެ ރުހުން ނެތި އެމް އެމް އޭ އަކަށް ޕޮލިސީ އެއް ނޫނީ ރެގިއުލޭޝަން އެއް ހެދޭ ކަމަކަށް ނުވޭ..

  3. އެސް ބީ އާއި މާލެ

    މުންޖޭ ވެސް ލިޔުނީމަ ލިޔެވިދާނެ.

    1
    4
    • ހަސަނު

      ހާދަ ރުޅިއައިސްގެން، ބީއެމްލެއް ކުއްޖެއް ދޯ؟