ވަޒީފާ އަދާކުރާ އާބާދީގައި ގިނައީ ފިރިހެނުން

ރާއްޖޭގެ ސިވިލް ސަރވިސްގެ ގާތްގަނޑަކަށް 61 އިންސައްތައަކީ އަންހެނުން ނަމަވެސް، ޕްރައިވެޓް ސެކްޓަރ ހިމަނައިގެން ބަލާއިރު، ވަޒީފާ އަދާކުރާ އާބާދީގައި ގިނައީ ފިރިހެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އާބާދީގައި، އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް،" ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ބޭވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެފަހުގެ ބޯހިމެނުން ދައްކާގޮތުން، ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތައެވެ. ފިރިހެނުންގެ ނިސްބަތަކީ 63 އިންސައްތައެވެ. 

ރައީސް ސާލިހު ވިދާޅުވާގޮތުން ދެ ޖިންސުގެ ތަފާތު މިހާ ބޮޑުއިރުވެސް، ދިރިއުޅުމުގެ ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތްވެސް އެހާ މަތިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، ނުވަތަ ދަރިޔަކު ލޭ ހިސާބުން އަންހެނުން ވަޒީފާ ދޫކޮށްލާތީއެވެ. 

ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި، ވިހާ މަރުވާ ނިސްބަތް އަޅައިކިޔުމުން ފެންނަނީ، 2054 ވަނަ އަހަރާ ހަމައަށް ދާއިރު، ޢުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ! އާބާދީގެ 14 އިންސައްތައަކީ، ދޮށީ ޢުމުރުގެ މީހުންނަށް ވެގެންދާނެ. އެހެންކަމުން، މިހާރު ރާއްޖޭގައި އޮތް، މަސައްކަތްކުރާ ޢުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަޤާފަތް އަށަގަންނުވަން، މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ،"

ރާއްޖޭގެ މިހާރުގެ އާބާދީގެ 36 އިންސައްތައަކީ ޒުވާނުންނެވެ  އަދި މަސައްކަތްކުރާ ޢުމުރުފުރާގެ މީހުންގެ ނިސްބަތަކީ އާބާދީގެ 67 އިންސައްތައެވެ. އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު، 2054 ވަނަ އަހަރާ ހަމައަށް ދާއިރުވެސް މަސައްކަތު އާބާދީގެ އިންސައްތަ ބެހިފައި އޮންނާނީ މިހާރު އޮތް ގޮތައްކަަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"މިއިން އެނގެނީ، މިހާ މަތީ މިންވަރުގެ އުފެއްދުންތެރި އާބާދީއަކާއެކު، ޤައުމު ތަރައްޤީ ކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، އާދެ! އިތުރު 35 ވަރަކަށް އަހަރުގެ މުއްދަތެއް، ރާއްޖެއަށް ތަނަވަސްވެފައި އެބައޮތްކަން. ނަމަވެސް ހިތާމައަކީ، އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް، ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިޔުން،"

ކިޔުންތެރިންގެ ހިޔާލު