"މަސައްކަތް ކުރާނެ ދިވެހިން ނެތިއްޖެ ނަމަ ރާއްޖޭގެ އާމްދަނީ ދަނީ ގާދޫކޮލުން ބޭރަށް"

ފޮޓޯ: ރައީސް އޮފީސް

މަސައްކަތް ކުރާނެ ދިވެހިން ނެތިއްޖެ ނަމަ ރާއްޖޭގެ އާމްދަނީ ދަނީ 'ގާދޫކޮލުން ބޭރަށް' ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެކަމަށެވެ.

މިއަހަރު ނިމޭއިރު، 533،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެކަމަށާއި  އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީންކަމަށް ރައީސް ވިދާޅުވިއެވެ.

"އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބޭ. ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް، އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާކަމީވެސް ފެންނާން އޮތް ޙަޤީޤަތެއް،" ރައީސް ސާލިހު ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގެވެސް އެންމެ އަގުބޮޑު ޚަޒާނާއަކީ، އެ ޤައުމެއްގެ ރައްޔިތުން ނުވަތަ އާބާދީކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް ލިބޭ ކުރިއެރުމާއި ތަރައްޤީގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ބަލަންޖެހެނީ، އާބާދީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ ދާއިރާތަކާއި ގޮތްތަކަކީ ކޮބައިތޯ؟ އެކަންކަމަށް ވިސްނާއިރު، ކޮންމެ ފަރުދަކީ، ޤާބިލް، އުފެއްދުންތެރި، ހުނަރުވެރި އަދި އީޖާދީ މީހަކަށް ހެދޭފަދަ ގޮތަކަށް، ތަޢުލީމީ ސިޔާސަތު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޤައުމީ ތަރައްޤީގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރަނގަޅު ކާނާއާއި، ދުޅަހެޔޮ ޞިއްޙަތުގެ ޒަރީޢާއިން ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކުރަންޖެހޭނެ،" ރައީސް ސާލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު