ފަސް މަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު މާދަމާ ޖަޒީރާ ހޮޅުއަށި ފަށަނީ

ފަސް މަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު އަނެއްކާވެސް ޖަޒީރާ ހޮޅުއަށި ޕެނަލް ޑިސްކަޝަންތައް މާދަމާ ފަށަން ނިންމައިފިއެވެ.

މަދަމާ ބާއްވާ ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ "މަސްވެރިކަމުން ނަފާ އިތުރުކުން" މި މައުލޫއަށެވެ. އަދި މި ޑިސްކަޝަން ކުރިއަށް ދަނީ ގދ. ތިނަދޫގައި މާދަމާ ރޭ 20:30 ގައެވެ.

ޖަޒީރާ ހޮޅުއަށީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2018 ވަނަ އަހަރުގެ  ނޮވެންބަރު 5 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

ފުރަތަމަ ބައްދަލުވުމުގައި  ރައީސް ސާލިހުގެ އިތުރުން ކޯލިޝަންގެ ލީޑަރުންގެ ތެރެއިން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބުދުﷲ އާއި، ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމް އަދި ރައީސް މައުމޫނުގެ ފަރާތް ޕުޅުން އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސިލްސިލާގެ ދެވަނަ ބައްދަލުވުންް އޮތީ ލާމަރުކަޒީ ނިޒާމަށް އަމާޒުކޮށްގެން މިއަހަރުގެ ޖެނުއަރި 31 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ވެސް ރައީސް ސާލިހު ބައިވެރިވެ ވަޑައިގަތެވެ. މި ބަައްދަލުވުމުގައި ކުރިންް ބައިވެރިވެ ވަޑައިގެންނެވި ސަރުކާރު ކޯލިޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިއެއް ނުގަނެއެވެ. ނަމަވެސް ދައުލަތުގެ  ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ.

"ޖަޒީރާ ހޮޅުއަށި" ނަމުގައި ރައްޔިތުންނަަށް ދިމާވާ ތަފާތު މައްސަލަތައް ދެނަގަނެ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންނާ މަޝްވަރާ ކުރަން ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ރައީސް ސާލިހުު ނިންމެވީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސަރުކާރުގެ އިންތިގާލީ މަރުހަލާގެ ތެރޭގައެވެ.

މި ބައްދަލުވުންތައް ބާއްވަން ރައީސް ސާލިހު ނިންމެވީ "ކޯލިޝަން ސަރުކާރުން އަބަދު ވެސް ކަންކަން ކުރަނީ ރައްޔިތުންގެ އަޑުއަހައި މަޝްވަރާކޮށްގެން" ކަމަށް ވިދާޅުވަމުންނެވެ.

"ރައްޔިތުންގެ އަޑުއަހާފައި އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭން އާއި އެ ހުރިހާ އެއްޗެއް އިތުރަށް ޕޮލިސީތަކުގެ ތެރެއިން ފުޅާކުރެވިގެންދާނެ،" ރައީސް ސާލިހު އިންތިގާލީ ރައީސްގެ ގޮތުގައި ހުންނެވިއިރު އެމަނިކުފާނުގެ ސްޕޯކްސް ޕާސަންކަން ކުރެއްވި ކުރީގެ މައްޗަންގޯޅި އިތުރު ދާރިރާގެ މެމްބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މި މަޝްވަރާ ބައްދަލުވުންތަކާ ގުޅޭގޮތުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު