މި ސަރުކާރުން ޒީރޯ ޓޮލަރެންސް މާނަކުރާ ގޮތެއް ނޭގެ: އާޒިމާ

ސަރުކާރުން ޒީރޯ ޓޮލަރެންސް މާނަކުރާ ގޮތެއް ނޭގެކަމަށް  ކުރީގެ ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ވެސް ދައުލަތުން ވަނީ އާޒިމާގެ މައްޗަށް އުފުލާފަ އެވެ. އާޒިމާގެ މައްޗަށް މިދައުވާ އުފުލާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާ ކަމަށް ބުނެ އެވެ.

"މިއަދު އަޅުގަނޑުގެ މައްޗަށް މި ދައުވާ ކުރައްވަނީ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންއަށް އަޅުގަނޑު އެސިސްޓު ކޮށްދިނީއޭ، އެސިސްޓް ކޮށްދިން އިރުގައި އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އޭސީސީއަށް ސިޓީއެއް ފޮނުވީމައޭ، އެހެންވީމާ އަޅުގަނޑު ހަމަ ގަބޫލު ކުރަމުން މިއަންނަނީ އެއަށްވުރެ މާ ބާރުގަދަ މަގާމުތަކުގައި ހުރެފަ ފައިސާގެ މައްސަލައެއް ނެތިފަ. ސަރުކާރުން ޒީރޯ ޓޮލަރެންސް ޓު ކަރަޕްޝަން މާނަކުރާގޮތެއް އަޅުގަނޑަކަށް މިހާރު ނޭގެ،" އާޒިމާ މިއަދު ކޯޓުގެ ލިޔުންތަކާ ހަވާލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މި މައްސަލާގައި އާޒިމާއާ ޗިޓު ހަވާލުނުކޮށް ގިނަ ދުވަސް ވެފައިވަނީ، އޭނާ ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. ނަމަވެސް އޭނާ ރާއްޖެއަށް ދުރުވި ފަހުން ވެސް ޗިޓު ހަވާލުނުކޮށް ގިނަ ދުވަސް ވުމުން ބައެއް މީހުން ދިޔައީ އެ ސުވާލު ކްރިމިނަލް ކޯޓާ ކުރިމަތިކުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު