ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ އަހަރު މެދުތެރެއަށް ބަދަލުކުރަނީ

ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ އަހަރު މެދުތެރެއަށް ބަދަލުކުރުމަށް މަސަައްކަތް ކުރަމުން އަންނަކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާމަކުރައްވައިފިއެވެ.

އަލީވަހީދު މިކަން ހާމަކުރެއްވީ، އިއްޔެ ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ، ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅުގައި އޮންނައިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ޗުއްޓީ ނަގައި އަލާއިލާއެކު އެ ދުވަސްވަރު ހޭދަކުރަން ވަރަށް ފުރުސަތު ދަށްކަމަށެވެ.

ސްކޫލް ކުދިންގެ ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު އެދިފައިވާކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެެވެ.

"އެކަން ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް އެބަގެންދޭ. އެކަން ނިމުމުން ސަރުކާރުގެ މުއައްސަސާތަކަށާއި، މި މަޖިލީހަށް އެކަން އަންގާނަން. އަދި އެކަން ކުރެވޭނެކަމަށް ޤަބޫލުކުރަން. " މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ސްކޫލް ކިޔެވުން ބަންދު ވުމަށްފަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބެނީ އަހަރުގެ ފަހުކޮޅު ނޮވެމްބަރ އަދި ޑިސެމްބަރުގައެވެ. މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނަައިން ފަތުރުވެރިން އަންނަ އެއް ދުވަސްވަރެވެ.

ކިޔުންތެރިންގެ ހިޔާލު