އެމެރިކާއިން ޓައިވާނަށް ވިއްކާލަން އުޅޭ 2.2 ބިލިއަން ޑޮލަރުގެ ހަތިޔާރު ވަގުތުން ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި.

އެމެރިކާއިން ޓައިވާނަށް ވިއްކާލަން ހަމަޖެހިފައިވާ 2.2 ބިލިއަން ޑޮލަރުގެ ހަތިޔާރު ޓައިވާނަށް އެމެރިކާއިން ވިއްކައިގެން ނުވާނެކަމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފިއެވެ.

ޗައިނާގެ ފޮރިންމިނިސްޓްރީ ސްޕޯކްސްޕާސަން ގެންގް ޝުއަންގް އިއްޔެގެ ވަގުތެއްގައި ބުނެފައިވަނީ އެމެރިކާއިން މި ވިޔަފާރީ ވަގުތުން މެދުކަނޑާލުމަށާއި ޗައިނާގެ ރުހުން ލިބިގެންވާ ކަމެއް ނޫން ކަމަށެވެ.

ސަބަބަކީ ޗައިނާއިން ދެކޭ ގޮތުގައި މިވިޔަފާރިން ދޭހަވަނީ އެމެރިކާއިން ޗައިނާގެ އެތެރޭގައި ނުނިމި ހުރި މަސްލަހަތު ތެރެއަށް ވަނުން ކަމަށާއި މި ވިޔަފާރީގެ ސަބަބުން ޗައިނާގެ އިސްތިގްލާލަށް އަދި ސަލާމަތަށް ގެއްލުން ލިބިގެން ދާނެކަމަށެވެ.

މި ހަތިޔާރު ވިޔަފާރީގެ ތެރޭގައި ބެޓުލް ޓޭންކު އަދި އެންޓި އެއާކުރާފްޓު މިސައިލް ހިމެނެއެވެ. މި ވިޔަފާރިވެގެން ދާނީ ދިހަވަރަކަށް އަހަރު ފަހުން އެމެރިކާ ޑިމޮކްރެޓި ސަރުކާރަކާ އަސްކަރީ ގޮތުން ވިޔަފާރި ކުރާ ފުރަތަމަ ފަހަރަށެވެ.

ޗައިނާގެ ދާހިލީ ހަނގުރާމަ 1949 ވަނަ އަހަރު ނިމިގެން ޗައިނާއިން ޓައިވާން ބަލަހައްޓަމުން އަންނަނީ ދެތަނެއްގެ ގޮތުގައެވެ. ނަމަވެސް ޗައިނާގެ މައި ސަރުކާރުން ދެކޭގޮތުން ޓައިވާނަކީ ޗައިނާގެ ސަރަހައްދެއްކަމަށެވެ. ނަމަވެސް ޓައިވާނުގެ 2016 ވަނަ އަހަރު ރައީސް ކަމަށް ހޮވި ވަޑައިގަތް ޓިސައި އިންގް ވެންގެ ޕާޓީ، ޑިމޮކުރެޓިކް ޕާޓީ ދެކޭގޮތުގައި ޓައިވާނަކީ ' ވަން ޗައިނާ ' ސަރަހައްދުގައި ހިމެނޭތަނެއް ނޫން ކަމަށެވެ.

ޔޫ.އެސް ޑިފެންސް ސެކިއުރިޓީ ކޯއޮޕަރޭޝަން އެޖެންސީ (ޑީ.އެސް.ސީ.އޭ) އިން ބުނާގޮތުގައި މި ވިޔަފާރިއަކީ ޓައިވާނުގެ ސަލާމަތީ ބާރު އަދި ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށް އެމެރިކާއިންވާ އެހީ އެއްކަމަށެވެ. މި ކަމުގެ ސަބަބުން މިރީޖަންގައި އަސްކަރީ ބާރުތަކަށް ބަދަލެއް ނާންނާނެކަމަށާއި އެމެރިކާގެ މަޖިލީސް ކޮންގްރެސް އަށް ވާނީ މިކަން އަންގާފައިކަމަށް ޑީ.އެސް.ސީ.އޭ ބުނެފައިވެއެވެ.

މި ހަތިޔާރުގެ ފިޔަވާރި ބިލް ބާތިލު ކުރުމަށް އެމެރިކާގެ މަޖިލީސް މެމެބަރުންނަށް އަދި 30 ދުވަސް އެބައޮތެވެ. ނަމަވެސް ހަބަރުތަށް ލިބޭ ގޮތުގައި އެމެރިކާއިން މިބިލް ބާތިލް ނުކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު