ޖާބިރުގެ ނަން އިއްވައި މަޖިލީހުން ނެރެފި

ޖާބިރުކުރެއްވި ސުވާލަކީ މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯ ސުވާލުކޮށް މަޖީހުގައި އަޑުގަދަ ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވާ ރިޔާސަތުން ޖަލްސާގައި ކުރާނެ މަސައްކަތްތައް އިޢުލާންކުރައްވަމުން ގެންދަވަނިކޮށް ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

ނިޒާމީ ނުކުތާ ނަންގަވާ ޖާބިރު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސުވާލެއް ކުރައްވާފައެވެ. ޖާބިރުކުރެއްވި ސުވާލަކީ މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯއެވެ. އެއައެކު ޖާބިރުގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު ރިޔާސަތުން ވަނީ ޖާބިރުގެ ވާހަކަ ނިޒާމީ ނުކުތާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ޖާބިރުގެ ވާހަކަ މެދުކަނޑާނުލާ ތަޅުމުގައި ގެންދެވީ އަޑު ގަދަކުރެއްވަމުންނެވެ. މައިކު އަޑު ކަނޑާލުމުންވެސް ޖާބިރު ހުއްޓާނުލާ ވާހަކަ ކުރިއަށް ގެންދިއުމުން ރިޔާސަތުން ވަނީ އިށީނދެވަޑައިގަތުމަށް ތަކުރާރުކޮށް ޖާބިރަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޢަމުރަށް ނުކިޔަމަންތެރިވާނަމަ މެންބަރުގެ ނަން އިއްވަން ޖެހިވަޑައިގަންނަވާނެކަމަށްވެސް ރިޔާސަތުން ވިދާޅުވިއެވެ.

ރިޔާސަތުން ކޯފާއިސްވެ ޖާބިރު އިށީނދެވަޑައިގަތުމަށް ތަކުރާރުކޮށް އެދުމުން ކުޑަވަގުތުކޮޅަކަށް އިށީނުމަށްފަހު އަނެއްކާވެސް ޖާބިރު ތެދުވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވާފައެވެ. ރިޔާސަތުން ނަން އިއްވެވުމުން ޖާބިރު ވަނީ ތަޅުން ދޫކުރައްވާ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު