"ނާޒިމްްގެ ބިލަކީ އިތުރު ބަގަވާތެއް ރާވަން ހުށަހެޅި ބިލެއް"

ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ބިލަކީ އިތުރު ބަގާވާތެއް ރާވަން ހުށަހެޅި ބިލެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ނާޒިމް ހުށަހަޅުއްވާފައިވާ ބިލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތް އިތުރަށް ބޮޑުކުރުމަށްް ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލާ ގުޅޭގޮތުން ބަހުސް ކުރައްވަމުން އިބްރާހިމް ރަޝީދު ވަނީ، "އެއްވެސް ޝަރުތެއް ނެތި އިސްތިއުފާ ދޭން ގޮވާލެއްވާ އެތައް ބަޔެއްގައިގައިތަޅާ އަނިޔާކުރި އިރު އިހުސާންތެރިކަން" ކޮބަރިތޯ ސުވާލު ކުރައްވާފައެވެ.

ނާޒިމް އަކީ 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ސިފަންގެ ދޮރުމަތީގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެއްވެސް ޝަރުތެއް ނެތި އިސްތިއުފާ ދިނުމަށް ގޮވާލާފައިވާ ބޭފުޅެކެވެ.

"މިހާރު މި ރޭވެނީ އަނެއްކާވެސް ބަގާވާތެއް. ފިތުނައެއް އުފައްދައިގެން މީގެން އަނެއްކާވެސް އެއްޗެއް ނެރެވޭތޯ މިބެލެވެނީ،" ނާޒިމް ހުށަހެޅުއްވި ބިލަށް ނިސްބަތްކުރައްވާ މާފަންނު މެދު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އެ މެމްބަރު އިތުރަށް ވާހަކަފުޅު ތަފްސީލު ކުރައްވަމުން ވިދާޅުވީ، ނާޒިމްގެ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ބަލައިގަނެވޭނެ ބިލެއް ނޫންކަމަށެވެ.

"ސަރުކާރުންވެސް ބޭނުންހާ ހަރަދެއް ނުކުރެވޭނެ،" ރަޝީދް ވިދާޅުވިއެވެ.

ދައުލަތަށް މިވަގިތު ބޮޑެތި ހަރަދުތައް ކުރެވެން ނެތީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ދައުލަތުގެ ދަރަނި އެތައް ގުނަނަށް ބޮޑުކޮށްފައިވާތީކަން އެނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ މެމްބަރުން ވަނީ މި ބިލާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޒް ފަހުމީ ވެސް ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފައިސާ ދީގެން ހުރިހާކަމެއް ނުފެދޭނެކަމަށެވެ. އޭގެ ބަދަލުގައި އެމީހުންނަށް ބޭނުންވާ ހިދުމަތްތައް ވެސް ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު