ހުޅުމާލޭގައި މީހުން ދިރިއުޅޭ އިމާރާތަކުން ގަދަކަމުން އެމީހުން ނެރި ތަޅު އަޅުވައިފި

“ރެއިޒް ކްރައުން” ކުންފުނީގެ މުވައްޒަފުންނަށް ހަމަލާ ދޭ ވީޑިއޯގެ ސްކްރީން ޝޮޓެއް

ހުޅުމާލޭ ގެއެއްގައި މީހުން ދިރިއުޅޭ އިމާރަތަކުން އެމީހުން ނެރި ތަޅުއަޅުވައިފިިއެވެ.

ތަޅު އެޅުވި މީހުން ތަކެއްޗަށް ގެއްލުންދީ ބައެއް ތަކެތި ވަގަށް ނަގާފައިވާކަމަށް އެ އިމާރާތުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި، ހުޅުމާލޭ ލޮޓް ނަންބަރު 11325 އިމާރަތުގައެވެ.

މި އިމާރާތަކީ "ރެއިޒް ކްރައުން" ކިޔާ އަމިއްލަ ކުންފުންޏަކުން ކުށްޔަން ނަގާފައިވާ އިމާރާތެކެވެ.

އިއްޔެ 4:00 އިން ފެށިގެން މިއަދު މެންދުރު ހުކުރު ނަމާދު ވަގުތާ ޖެހެންދެން ވެސް އެ ކުންފުނީގެ މުވައްޒަފުންނާ ގޭގައި ދިރުއުޅޭ ބައެއް މީހުން ތިބީ ހުޅުމާލޭ ޕޮލިސްޓޭޝަން ދޮށުގައެވެ. އަދި މިއަދު ހަވީރު 4:00 އިން ފެށިގެން އެ ކޮންޕެނީގެ މުވައްޒަފުން އަނެއްކާވެސް ވަނީ ހުޅުމާލޭ ޕޮލިސްޓޭޝަން ދޮށަށް އެއްވެފައެވެ.

ފުލުހުން ގޮސް ތަޅުލާފައި ހުރި ދޮރުތައް ހުޅުވީ މިރޭ 10:19 ހާއިރުއެވެ.

އެ ކުންފުނީގެ ފަރާތުން މިއަދު ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގެ ކޮޕީވެސް އެމްވީ ޓައިމްސް އަށް ވަނީ  ލިބިފައެވެ.

މި ސިޓީގައި އެ ކުންފުނިން ބުނެފައިވަނީ އިމާރާތައް ވަދެވެން ހުރި މައިދޮރުގެ ތަޅާ، އިމާރަތުގެ އެކިއެކި ފަންގި ފިލާތަކުގެ މައި ދޮރު ތަކުގައި ހަރުކޮށްފައި ހުރި ތަޅުތައް ހަލާކުކުުރުމަށްފަހު ދޮރުތަކުގެ ތަޅުތައް ބަދަލުކޮށް އެ ކުންފުނިން އިމާރާތުގައި މަސައްކަތް ކުރަމުން ގެންދިޔަ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ލަފާކުރެވޭ ގޮތުގައި މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ގޭގެ ވެރި ފަރާތް ނުވަތަ އެ ފަރާތް ފޮނުވައިގެން އަންނަ ބަޔަކު އަޅުގަނޑުމެންނަށް ގެއްލުން ދިނުމުގެ ބޭނުމުގައި ކުރަމުން އަންނަ ކަންތައްތަކެކެވެ،" އެ ސިޓީގައި ބުނެފައިވެއެވެ.

އަދި އެގޭގެ ދޮޮރުތައް ހަލާކުކޮށް އެ ގޭގައި ކުއްޔަށް ދިރިއުޅެމުން އަންނަ މީހުން ގަދަކަމުން ނެރެފައިވާކަމަށް ވެސް ސިޓީގައި ފާގަފަކޮށްފައިވެއެވެ.

އަދި ކުންފުނީގެ މުވައްޒަފުންނަށް މާރާމާރީ ހިންގާ ތަޅާ އަނިޔާކޮށްފައިވާކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ. މިގޮތަށް ހިންގި މާރާމާރީއެއްގެ ވީޑިއޯވެސް ވަނީ އެމްވީ ޓައިމްސްއަށް ލިބިފައެވެ.

އިމާރާތުގެ ދޮރުތައް ހުޅުވުމަށްފަހު އެ އިމާރާތުން "ވަގަށް ގެންސްފައިވާ" ތަކެއްތީގެ ލިސްޓެއް ދިނުމަށް ފުލުހުން އެދިފައިވާކަމަށް ކުންފުނިން ބުނެއެވެ.

އިމާރާތް ހުސްކުރަން އިމާރާތުގެ ވެރިފަރާތުން އެންގުމުން ކުންފުނީގެ ފަރާތުން ވަނީ އެ މައްސަލަ މާޗް މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަން އަށް ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން، އިމާރާތުގެ ޕްލޯތަކުގެ ތެރެއިން ކޮމްޕެނީގެ ބެލުމުގެ ދަށުގައި ހުރި ފްލޯތައް ވެރިފަރާތާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރުނެވެ. ނަމަވެސް ކޮންޕެނީގެ ފަރާތުން ދައުވާ އަނބުރާ ގެންދިއުމުގެ ސަބަބުން ވަގުތީ އަމުރު ވަނީ ބާތިލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު