މަޖިލިސް ގަ ހިންގާ ރިލްވާން ގެ ތަހުގީގަށް އެއްބާރުލުން ދޭން ތައްޔާރު: އެމްޑީއެން

ވަގައްނަގާ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ‏ރިލްވާން އަށް އިންސާފުހޯދުމަށް ކުރާ މަސައްކަތް މޯލްޑިވިސް ޑިމޮކްރަސީ ނެޓްވާކް( އެމްޑީއެން) ޖަމްޢިއްޔާއިން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުން ހިންގާ ތަޙުޤީޤަށް ދޭން ޖެހުނު އެއްބާރުލުމެއް އެ ޖަމްޢިއްޔާއިން ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

‏ރިލްވާން ގެއްލުވާލުމުގައި ތުޙުމަތުކުރެވޭ މީހުން ތަޙްޤީޤްކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި، އެޖަރީމާ ހިންގުމުގައި ކުރީ ސަރުކާރުގެ އިސްފަރާތްތަކުގެ އަތެއްވާކަމަށް ޝައްކުކުރެވޭކަން ރިލްވާންގެ އާއިލާއިން ތަކުރާރުކޮށް ބަޔާންކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

‏ރިލްވާން ގެެއްލުވާލުމާއި ބެހޭގޮތުން މިޖަމްޢިއްޔާއިން ވާނީ 2014 ގައި ރިޕޯޓެއް ޝާއިޢުކޮށްފައެވެ. އެ ރިޕޯޓު ގައި ވަނީ ރިލްވާން ގެއްލުވާލި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ ވެސް އާންމުކޮށްފައެވެ.

ރިޟުވާނު ވަގަށް ނެގި މައްސަލަ ތަހުޤީޤު ކުރުމާއި އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް ކޮމެޓީއަށް ފުލުހުންގެ އިސްވެރިން ހާޟިރު ކުރުމަށް ނިންމީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

މިގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެން އެންމެ އަވަހަށް އޮންނަ ކޮމިޓީ ބައްދަލުވުމަކަށް ފުލުހުންގެ އިސްވެރިން ހާޟިރު ކުރުމަށާއި އެކަމާއި ގުޅޭ ރިޕޯޓު 30 ދުވަހުގެ ތެރޭގައި ކޮމިޓީން ނިންމުމަށެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ފުރިހަމަ ރިޕޯޓު ލިބިލައްވާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު