"އެމެރިކާއިން ވަނީ މުޅި ދުނިޔޭގެ ލޯބި ހޯދާފަ" 

"އެމެރިކާއިން ވަނީ މުޅި ދުނިޔޭގެ ލޯބި ހޯދާފަ" ކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީ ފުޅެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ފޮނުއްވައިފިއެވެ.

އެމެރިކާގެ މިނިވަންކަމަށް 243 އަހަރު ފުރުމާ ގުޅިގެން ރައީސް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީ ފުޅުގައި ވަނީ އެމެރިކާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް އެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

" އެމެރިކާގެ ބާނީ ތޯމަސް ޖެފްރަސަން މީގެ ދެ ގަރުނުކުރިން ވިދާޅުވި ވާހަކަތަކާ އެއްގޮތަށް އެ އަސާސުތަކުގެ މަތީގައި އެގައުމުން އަދިވެސް ހިފަހައްޓަމުންދާ ކަން ފާހަގަ ކުރަން. މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ލޯތްބާއި އިހުތިރާމް ހޯދައިފައިވޭ،"

އެމެރިކާއިން ބައިނަލްއަގުމާމީ ދުނިޔޭގައި އަދާކުރަމުންދާ ބިނާކުރަނިވި ރޯލަށް  ތައުރީފްކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާ އެމެރިކާގެ ގުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ. 

" ރާއްޖެ ޑިމޮކްރެޓިކް ވެއްޓަކަށް ބަދަލުވަމުންދާއިރު އެމެރިކާގެ ތާރީހާއި ސަގާފަތުން އަޅުގަނޑުމެންވެސް އިބުރަތް ލިބިގަންނަން ޖެހޭ،"

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖެއާ އެމެރިކާގެ ގުޅުން ބަދަހިވާނެތަން ދެކެން ބޭނުންވެއްވާ ކަމަށާއި އަދި އެމެރިކާގެ ރައީސްއަށް ފުރިހަމަ ސިއްހަތަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު