ހައްޖު ކޯޓާ މައްސަލަ: އޭސީސީގެ ލޯ ކަނު!

އޭސީސީގެ އާ ރައީސް މުއައްވިޒް

ހައްޖު ކޯޓާ ދޫކުރި މައްސަލާގައި އެންޓި ކަރަޕްޝަން ކޮމިޝަން، އޭސީސީ އިން ނިންމި ނިންމުމަކީ އިސްލާމިކް މިނިސްޓްރީއަށް "މާފުދީ ނިންމި، ނިންމި ނިންމުމެއްތޯ؟" ނުވަތަ މި މައްސަލާގައި ކަރަޕްޝަން ނުހިމެނޭކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ "ކަނު ލޮލަކުން ބަލައި" ނިންމާފައިވާ ނުންމުމެއްތޯ ސުވާލު އުފެދެއެވެ.

އޭސީސީގެ ގާނޫނު ބުނާގޮތުން، ކަރަޕްޝަން ހިމެނޭ ގޮތަށް އަމަލެއް ހިންގައިފިނަމަ ދެ ގޮތަކަށް އެ ކޮމިޝަނަށް އަމަލު ކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ، ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް ފެންނަކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމެވެ. ދެވަނަ ގޮތަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅާންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމެވެ.

އޭސީސީން "އޭ.ސީ.ސީ.އިން ތަޙްޤީޤުކޮށްފައިވާ، 1440ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދިއުމާގުޅޭ މައްސަލަ" ނިންމާފައިވަނީ ހަމައެނި އަޅަންޖެހޭ ފިޔަވަޅުތައް އެކަނި އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްގެނެވެ.

މިގޮތުން ފާހަގަ ކޮށްފައިވާ ކަންތައް ސީރިއަސް ނަމަވެސް، އެކަަންކަމުގައި ދައުވާކުރަން ނުފޮނުވީ ކީއްވެތޯ؟ ސުވާލު އުފެދެއެވެ.

ބޮޑެތި އިހުމާލުތަކެއް އިސްލާމިކް މިނިސްޓްރީން ވެފައިވާކަަން އެސީސީން ތަހުގީގުކޮށް ނިންމައި ނެރުނު ރިޕޯޓުން ހާމަވެއެވެ.

އޭސީސީ ތަަހުގީގުގައި ފާހަގަކޮށްފައިވާ ސީރިއަސް މައްސަލަތައް: 

  • ޕްރޮޕޯސަލްތަކާއެކު ހުށަހަޅަންޖެހޭކަމަށް ލާޒިމްކުރާ ލިޔުމެއް ނެތްނަމަ ވެސް ޕްރޮޕޯސަލް ބަލައިގެންފައިވުން،
  • ޕްރޮޕޯސަލް ހުށަހެޅި ޕްރައިވެޓް ކުންފުންޏަކުން "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު 1440" ބަޔާންކޮށްފައިވާ އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވުން،
  • އެހެން ކުންފުންޏަކުން އިސްވެރިޔާއާއި އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވުން،
  • ބާޠިލްކުރަންޖެހޭ 2 ޕްރޮޕޯސަލް ބާތިލްކޮށްފައި ނުވުން،
  • ޕޮއިންޓްދީފައިވާ ބައެއް ދާއިރާތަކުގެ ސަބްކެޓަގަރީތަކަށް ދީފައިވާ ޕޮއިންޓަކީ ރަނގަޅަށް ދީފައިވާ ޕޮއިންޓްކަން ޕްރޮޕޯސަލްއާއެކު ހުށަހަޅާފައިވާ ލިޔުންތަކުން ކަށަވަރު ނުކުރެވުން،

މިފަދަ ސީރަސް މައްސަލަތަކެއް ފެންމަތި ވެފައި ވީނަމަވެސް، އޭސީސީން ނިންމާފައިވަނީ، "މި މައްސަލައިގައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުމާ މަނާކުރުމުގެ ޤާނޫނު)ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނަ" ކަމަށެވެ.

ކަރަޕްޝަން ނެތްކަމަށް ނިންމު ނަމަވެސް އެ ކޮމިޝަނުން ވަނީ ރިކޮމަންޑޭޝަންތަކެއް ހުށަހަޅާފައެވެ.

ރިކޮމަންޑޭޝަންތައް: 

  • ކޮންމެހެން ބަލަންޖެހޭނެކަމަށް އުސޫލުގައި ބުނާ ލިޔުންތައް ވަކިވަކިން ބަލައި ލިޔުންތައް ކަށަވަރުކޮށްފައި މެނުވީ ޕްރޮޕޯސަލްތަކާ ޙަވާލުނުވުން.
  • ޕްރޮޕޯސަލްތަކާ ގުޅިގެން މީގެފަހުން ތައްޔާރުކުރާ ހުރިހާ ޗެކްލިސްޓްތަކުގައި ޗެކްކުރި މުވައްޒަފު ސޮއިކޮށް ތާރީޚާއި ގަޑި ލިޔެ، ލިޔުންތައް ބެލެހެއްޓުން.
  • ސަބްޖެކްޓިވްކޮށް ދަރަޖަކޮށްގެން ޕޮއިންޓް ދިނުމުގެ ސަބަބުން ޕޮއިންޓް ދިނުމުގައި ހަމަހަމަ އުޞޫލެއް ނެތި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލުކުރެވޭތީ، މީގެފަހުން މިފަދަ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދޭނެ މިންގަނޑު ކަނޑައަޅާއިރު، ސަބްޖެކްޓިވްކޮށް މާކްސް ދޭންޖެހޭ ގޮތަށް ކަނޑައެޅުމުގެ ބަދަލުގައި މަޢުލޫމާތު ޝީޓުގައި ތަފްޞީލްކޮށް ޕޮއިންޓް ދޭނެގޮތް ބަޔާންކުރުން.

އިސްލާމިކް މިނިސްޓްރީން ހައްޖު ކޯޓާ އެވަލުއޭޓު ކުރުމުގައި މާކްސްދީފައިވަނީ، "ދެރަ"، "މެދުމިން"، "ރަނގަޅު" އަދި "ވ.ރަނގަޅު" މިގޮތަށް ދަރަޖަކޮށްގެނެވެ.

ރަައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަރަޕްޝަންނަށް ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވިނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައިވެސް ކަރަޕްޝަނުގެ އަމަލުތައް ހިންގާފައިވަނީ މިނިވަން މުއައްސަސާތަކުން އެކަށީގެންވާ ނިންވަރަށް ފާރަވެރިވެ މަައްްސަލަތައް ނިންމިފައިނުވާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު