އިދިކޮޅުގަ ހަރުދަނާ ސިޔާސީ ޕާޓީއެއް ނެތުމަކީ ބޮޑު ގޮންޖެހުމެއް

'އިދިކޮޅު ކޯލިޝަނުން' ސިޔާސީ ހަރަކާތެއް ބޭއްވުމަށް ނިންމައި، ކާނިވާ ސަރަހައްދު އެމީހުންނަށް ދީގެން މިއަދު އޮތީ އެ ވާހަކަ ދެއްކުމެވެ.

އެހެން ނަމަވެސް ހަގީގަތަކީ މިއަދު ދިވެހިރާއްޖޭގައި 'ހަރުދަނާ' އަދި ގިނަ ރައްޔިތުންނަށް އިތުބާރު ކުރެވޭ އިދިކޮޅު ޕާޓީއެއް އެބައޮތްތޯ އެވެ؟

އިދިކޮޅުގައި އޮތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވްސް، ޕީޕީއެމް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ އެވެ.

މި ދެ ޕާޓީގެ ރައީސުންގެ ގޮތުގައި ތިއްބެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަދި ކުރީގެ ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއް ރަހީމް (އަދުރޭ) އެވެ.

2019 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ރައްޔިތުން ދިފައި އޮތުމަކީ، އިދިކޮޅު ޕާޓީތަކަށް ރައްޔިތުންގެ ހިތުގައި އިތުބާރު ނެތްކަން ހާމަކޮށްދޭ އެއް ހެއްކެވެ.

ދެން އޮތީ ޖުމްހޫރީ ޕާޓީއެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ އިދިކޮޅު ބޭފުޅެއްކަމެއް ސަރުކާރު މެމްބަރެއްކަމެއް ހުދު ގާސިމް އިބްރާހިމަށް ވެސް އެނގިލައްވާހެނެއް ހިޔެއް ނުވެއެވެ.

"އަޅުގަނޑު މި ކޮމެޓީގަ މީނީ އިދިކޮޅު މެމްބަރެއްގެ ހައިސިއްޔަތަކުން ނޫން. އަޅުގަނޑުމެން މިނިސްޓަރުން ވެސް އެބަތިބި ސަރުކާރުގަ،" އިއްޔެ ބޭއްވި ހާރިޖީ އަދި ގައިމީ ސަލާމަތާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

ގާސިމް އަކީ ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރެއް ކަމަށް އެ ކޮމެޓީގައި ވިދާޅުވި ނަމަވެސް "އަވަހަށް ނިންމައި ދިނުމަށް" އެދި ސަރުކާރުގެ ފަރާތުން ހުށަހެޅި އިންޑިއާގެ އެއްބަސްވުން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނުފެންނަކަމަށް ގާސިމް ވޯޓު ދެއްވިއެވެ.

މިއީ އެއް މިސާލެވެ. އެމަނިކުފަނުގެ މިނިސްޓަރުންނާ، ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ނައިބު ރައީސް ފައިސްއާ ވެސް ގާސިމްގެ ގުޅުން ހީނަރުވެފައިވާކަން ޔަގީނެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ގާސިމާ ދެމެދު ހިނގާ ދިޔަ އަރާރުންތަކުގެ ސްކްރީން ޝޮޓުތައް ޝޯޝަލް މީޑިއާގައި ދައުރުވިއެވެ.

ހަރުދަނާ އިދިކޮޅު ޕާޓީއެއް މުހިންމުވަނީ ކީއްވެ؟ 

ޑިމޮކްރަސީއެއްގައި އެންމެ މުހިންމު އެއް އަސާސަކީ ޗެކް އެންޑް ބެލެންސް ސިސްޓަމެކެވެ. ނުވަތަ އެއް މުއައްސާއިން އަނެއް މުއައްސާގެ ކަންކަން ބަލައި އެބަޔަކު ޒިންމާދާރު ކުރުމެވެ. އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއާއިން ފެށިގެން، ދައުލަތުގެ ހުރިހާ ބޭފުޅުންނާ، ހުރިހާ މުއައްސަސާތަކާ ސިޔާސީ ޕާޓީތަކަށް ހިމެނޭނެއެވެ.

ނަމަވެސް މިއަދު ވެރިކަމުގައި އެމްޑީޕީ އޮތް އިރު، މަޖިލިސް ކޮންޓްރޯލް ކުރަނީ އެ ޕާޓީން ނެވެ. ކޮމެޓީތަކުގެ މެޖޯރިޓީ އޮތީ އެބޭފުޅުންގެ އަތުގައެވެ. މަޖިލީހުގެ ތަޅުމުގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށެވެ.

މިހެންކަމުން މަޖިލީހުގެ ތެރެއިން، ސަރުކާރު ޖަވާބު ދާރީ ކުރުމަށް މާ ބޮޑު ފުރުސަތެއް ހަގީގަތުގައި އިދިކޮޅަކަަށް ނެތެވެ.

އިދިކޮޅު ސިޔާސީ ޕާޓީގެ ނުވަތަ ޕާތީތަކުގެ މައްސޫލިއްޔަކަށް ވާންވާނީ ސަރުކާރާ ދައުލަތުގެ ތެރޭގައި ހިންގާ ކަންކަމަކީ، ކަރަޕްޝަނާ ފަސާދައިން ރައްކާތެރި ކުރެވިފައިވާ ތަންތަނަށް ހެދުމެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރި ޕޮލިސީތައް ސާރުކާރުން ހިންގުމަށް ބާރު އަޅައި އެފަދަ ޕޮލިސީތައް ސަރުކާރަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމެވެ.

ނަމަވެސް މިއަދު މި ފެންްނަ މަންޒަރަކީ މަޖިލިސް ތެރެއިން މަސައްކަތެއް ކުރެވެން ނެތް އިރު ރައްޔިތުންނަށް ފައިދާ ވާނެ މާބޮޑެތި އެޖެންޑާތަކެއް އިދިކޮޅު ފަރަތްތަކަށް ތިލަކޮށްނުލެވިގެން އުޅޭތަނެވެ.

ރާއްޖެއަށް 1988 ވަނަ އަހަރު ދިން ހަމަލާގެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ތާއީދު ހޯދަން ކުރާ މަސައްކަތައް މާ ބޮޑު ނަތީޖާއެއް ފެންނާނެކަމަކަށް ނުބެލެއެވެ.

އޭގެ ބަދަލުގައި 19 ވަނަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ނެރުނު "އެޖެންޑާ 19" ވެސް އަދިވެސް މާ ބޮޑަށް ރައްޔިތުންގެ ގާތުގައި ހިނގައެވެ.

އޭޖެންޑާ 19 ގައިވާ ޖުޑީޝަރީ އިސްލާހުކުރުމާ، ބޯހިޔާވަހިކަމުގެ ވައުދުތަަކަކީ އެންމެ ބޮޑަށް ހިނގާ ވައުދުތަކެވެ.

ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީތަކެއް ނުވަތަ ކޯލިޝަނެއް މިއަދު ދިވެހިރާއްޖޭގައި ނެތުމަކީ ސަރުކާރާއި ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ގުގުރާން

    އެޓޭކްއަށް ނުވަތަ މިޑްފީލޑަށް ކުޅެން ކިތަންމެ މޮޅަކަސް ޑިފެންސަށް ކުޅެން ނެގިދާނެ!