ބަޣާވާތެއް ތަކުރާރު ނުވާނެތޯ ޔަގީން ކުރުމަށް ހޯމް މިނިސްޓަރާ ސުވާލުކުރަނީ

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް 2012 ފެބުއަރީ 7 ވަނަ ދުވަހު ސިފައިނާ ފުލުހުން އަދި އިިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނަށް އެއްވެފަ: ފޮޓޯ ސަން

"ހަތެއް ފެބުރުއަރީ"' ފަދަ ބަޣާވާތެއް ތަކުރާރުވެދާނެތޯ ސުވާލުކުރުމަށް ހޯމް މިނިސްޓާރ އިމްރަަނާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ހޯމް މިނިސްޓަރަށް ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ "ހަތެއް ފެބްރުއަރީ ދުވަހު ގައިރުގާނޫނީ އަމުރެއް ކުރި ކަމަށްބުނެ، ފުލުހުންގެ އަމުރަށް ކިޔަމަންތެރި ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވެ، ހިނގާ ދިޔަ ހަމަނުޖެހުންތަކެއްގެ ސަބަބުން އޭރުގެ ރައީސް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. 7 އަދި 8 ފެބްރުއަރީގައި ބަޔަކު ނުކުމެ މާލެއާއި ރަށްރަށުގެ ފުލުސް ސްޓޭޝަންތަކުގައި ހުޅުޖަހާފައިވާ ކަމަށާއި، އެކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލަކީ ކޮބައިތޯ ކަމަށާއި، އެކަމުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ؟" ސުވާލު ކުރުމަށް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު  ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވީ "ގަން ޕޮއިންޓްގައި" ހުރެގެންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް އުފުއްލި ކާނަލް މުހައްމަދު ނާޒިމާ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންްނެވެ. މި ދެ މީހުންް ސިޓީ އުފުލިއިރު މި ދެ މީހުންނަކީ މަޖިލީސް މެމްބަރުންނެއް ނޫނެވެ. އެހެންކަމުން ސިޓީ އުފުއްލީ ކޮން ހައިސިއްޔަތަކުންތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ފުރޮޅާލީ ޖުމްހޫރީ މައިދާނާއަށް ސިފައިންނާ ފުލުހުން އަދި އިދިކޮޅު ފަރާތްތުން އެއްވެ ކުރި ހަޅުތާލުގައެވެ. ރައީސް ނަޝީދަށްފަހު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ނަޝީދުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަނެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. ވަހީދަށް ލިބިވަޑައިގަތީ %5 ވޯޓެވެ. ރަައީސް ނަޝީދަކީ 2019 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އަދި އެމްޑީޕީގެ ވެސް ރައީސް އެވެ.

ހޯމް މިނިސްޓަރު އިމްރާންް އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އޭރު ރައީސް ނަޝީދާ އިދިކޮޅަށް ނުކުންނެވި ބޭފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު