'އާޒިމާ ޝަކޫރު ވެސް 'ފިލައިފި

ފޮޓޯ: ޝޯޝަލް މީޑިއާ

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް އެނާ ވެސް 'ފިލައިފި'އެވެ.

އޭނާ 'ފިލާފައިވާތީ' މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އާޒިމާގެ މައްސަލައިގެ ލިޔުންތަކާއި ޗިޓު ހަވާލުކުރަން މަސައްކަތް ކޮށްފައިވީނަމަވެސް އޭނާ އާ ޗިޓު ހަވާލު ނުކުރެވޭ ކަމަށް ދިވެހި މީޑިއާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މީޑިއާއަށް މައުލޫމާތު މިއަދު ބުނެފައިވަނީ އާޒިމާ ކޯޓު ޗިޓާއި ލިޔުންތައް ހަވާލުކުރަން ކްރިމިނަލް ކޯޓުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާޒިމާ އެނބުރީ ރާއްޖެ އައި ފަހުން މަހެއްހާ ދުވަހެއް ވެއްޖެ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެއެވެ. އެހެން ކަމުން އަދިވެސް އޭނާ އާ ކޯޓު ޗިޓު ހަވާލު ނުކުރެވި އޮންނާނީ އޭނާ ފިލައިގެން އުޅޭތީކަމަށް ވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.

އާޒިމާ 'ފިލައިގެން' އުޅެނީ ހުޅުމާލޭގައި ކަމަށް ވެސް ބައެއް މީހުން ޝޯޝަލް މީޑިއާގައި ބުނެއެވެ.

މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއާއި ފުލުހުން ސީރިއަސް މައްސަލަތަކެއް ތަހުގީގުކުރަމުން ގެންދަނިކޮށް، ސަސްޕެންޑުކޮށްފައި ހުރި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް "ފިލާފަ" އެވެ.

އަބްދުﷲ ދީދީގެ ފަހަތުން ފުލުހުންގެ ޓީމެއް ފޮނުވިކަން ނުވަތަ ނޫންކަން އަދި ހާމައެއް ނުކުރެއެވެ.

މިހާ ގިނަ މީހުން 'ފިލާފައި' ވާއިރު، މީގެ ނުވަ އަހަރު ކުރިން ފިލި 1988 ވަނަ އަހަރުގެ ޓެރަރިސްޓު ހަމަލާގައި ހިމެނޭ އަބްދުﷲ ލުތުފީ ވެސް އަދިވެސް ހުރީ ލަންކާގައެވެ. އެނާގެ މައުލޫމާތު 2012 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންނަށް އޮތީ ލިބިފައެވެ. އެނާގެ މައުލޫމާތު އެނގި ހުރެ އެނާ އަނބުރާ ރާއްޖެއަށް ގެނައުމަށް މަސައްކަތް ނުކުރި މައްސަލަ ބެލައި ތަގުގީގު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު