ޕްލާސްޓިކާ ދެކޮޅަށް ސްކޫލުތަކުން ހުށަހެޅި ގަރާރު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފި

ސަތާރަ ސްކޫލެއްގެ ދަރިވަރުން އިސް ނަގައިގެން ދިވެހިރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލުމަށް، ހުށަހެޅި ގަރާތަށް މަޖިލީހުގައި ބަހުސް ކުރާތަން ބަލަން އެ ސްކޫލުތަކުގެ ދަރިވަރުން މިއަދި މަޖިލީހަށް ހާޒިވެ ތިއްބައި އެ ދަރިވަރުން ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅައިދެއްވީ ތިމާވެއްޓާ ބެހޭ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

ދަރިވަރުން މި ގަރާރު ހުށަހަޅާާފައިވަނީ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމެޓީއަށެވެ. އެ ކޮމެޓީއަށް ދަރިވަރުންގެ ހުށަހެޅި ހުށަހެޅުން ބަލައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ.

އެ ގަރާރުގައި ވަނީ 2020 ވަނަ އަހަރުގެ ކަނޑައެޅޭ ތާރީގެއްގައި ދިވެހިރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުން ކުރުން ހުއްޓާލުމަށެވެ. އޭގެ ތެރޭގައި ޕްލާސްޓިކު ކޮތަޅާ ޕްލާާސްޓިކު ފުޅިވެސް ހިމެނެއެވެ.

މީގެ އިތުރުން 2025 ގެ ނިޔަލަށް މުޅި ރާއްޖޭގައި އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޕްލާސްޓިކު ބޭނުން ކުރުހުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.

އަހަރެއްގެ 87 މިލިއަނަށްވުރެ ގިނަ ޕްލާސްޓިކު ފުޅި ބޭނުންކުރާކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ. އަދި މިތަކެތި މޫދަށް އުކާލުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދާއި ރައްޔިތުންގެ ސިއްހަތަށް ނުރައްކާވާނެކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މި ގަރާރަށް ސަރުކާރުގެ މެމްބަރުންނާ، އިދިކޮޅު މެމްބަރުންވެސް ވަނީ ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

ގަރާރު ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިނި 64 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު