"ލުތުފީ ފިލައިގެން އުޅުނުކަން ކުރީގެ ޑިފެންސް މިނިސްޓަރަށް ނޭގޭނެކަމަށް ބުނުމަކީ ލަދުވެތިކަމެއް"

ރާއްޖެ އަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިން ޓެރަރިސްްޓު ހަމަލާގައި ފަހަތުގައިވާ އަބްދުﷲ ލުތުފީ އަވަށްޓެރި ލަންކާގައި ދިރިއުޅެމުން ދިޔައިރު އެކަން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީގެ ދާއިރާގެ މެމްބަރު އަހްމަދު ޝަރީފަށް ނޭނގޭކަމަށް ވިދާޅުވުމަކީ ލަދުވެތިކަމެއް ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވިއިރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ފުލުހުންނަށް ލުތުފީގެ މައުލޫމާތު ލިބުނު ނަމަވެސް އޭނާ އަނބުރާ ރައްޖެ ގެނައުމަށް ފުލުހުން މަސައްކަތް ނުކުރި މައްސަލަ ތަހުގީގު ކުރުމަށް އަންގަވާފައެވެ.

ލުތުފީ ރާއްޖެ ނުގެނެސްގެން އެވާހަކަ ދައްކަވާ އެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ނަމަވެސް މިހާރު އަލަށް ހާމަވާ މައުލޫމާތުން ލުތުފީގެ މައުލޫމާތު އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައިވެސް ވަނީ ދިވެހި ސަރުކާރަށް ލިބިފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ލުތުފީ ރާއްޖެ ގެނައުން ލަސްވާކަމަށް ވިދާޅުވެ ކުއްލި ގަރާރެއް މަޖިލީހަށް ހުށަަހާޅާފައެވެ.

"ފުލުހުންނަށް އެ މައުލޫމާތު ލިބިފައިވާއިރު އޭރުގެ ޑިފެންސް މިނިސްޓަރަށް އެކަން ނޭނގި ހުންނާނެ ކަމަށް ގަބޫލު ނުކުރެވޭ. އެކަން ނޭނގޭ ކަމުގައި ވަނީ ނަމަ އެއީ މާ ލަދުވެތި ކަމެއް،" މިއަދު މަޖިލިސް ޖަލްސާގައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބޭނުމަކީ، ސަރުކާރު "ފަލީހަތް" ކުރުން ކަމަށެވެ.

ފިލައިގެން އުޅޭތާ 9 އަހަރު ފަހުން ލުތުފީ އަމާން ދީ ދިވެހު އެމްބަސީއާ ހަވާލުވެފައިވަނީ މޭ މަހު 1 ވަނަ ދުވަހުއެވެ.

އޭނާ ގައުަމުގެ މަސައްކަތް ފުލުހުންނާ ދިވެހި ސަރުކާރު ގުޅިގެން ކުރަމުން އަންނައިރު، އޭނާ ގެނައުމުގައި ލަސްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވެފައިވާތީ އެއްގައުމުން އަނެއްގައުމަށް ކުށްވެރިން ބަދަލުކުރުމަށް ވެފައިވާ ބައިނަލްއަގުވާމީ އެއްބަސްވުމާމެދު ބޭރު ގައުމުތަކުން ސުވާލު އުފައްދާތީއެވެ.

ދިވެހި ރާއްޖެ އަލުން ކޮމަންވެތްލާ ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. އެކަމަށް ދިވެހި ސަރުކާރުން އަންނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު