"ވާނުވާ"ގެ ގައިދީންނަށް އިންސާފު ލިބޭނީ ކޮންއިރަކުބާ؟

"ވާނުވާ" ޖަހާފައި މީހުން ޖަލަށްލާ ވާހަކައަކީ ފަހަކަށްއައިސް ވަރަށްބޮޑަށް އިވެގެންދާ އަޑެކެވެ. ޚާއްސަކޮށް ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު މިވާހަކަ ވަރަށްބޮޑަށް އިވުނެވެ. އެއްވެސް ޝަރީޢަތެއް ނުކޮށް މުއްދަތެއް ނޭނގޭގޮތަށް އެތައްބަޔަކު ޖަލުގައި ތިބިކަމުގެ ވާހަކައަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ޔާމީންގެ ސަރުކާރަށް ފާޑިކިޔަމުންދިޔަ އެންމެބޮޑު އެއް މައްސަލަވެސް މެއެވެ. އަދި މިއީ ޤާނޫނީ ބޭފުޅުންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރައްވާ ބޭފުޅުންވެސް ދެކޮޅު ހައްދަވާ ކަމެކެވެ.

"ވާނުވާ"އަކީ ކޮބާ؟

ވާނުވާ ނުވަތަ ވާނުވާ ޖަހާފައި ތިބުމޭ ބުނުމަކީ ވަކިއްމުއްދަތެއް ނެތްގޮތަށް މީހުން ޖަލުގައި ބަންދުކޮށްފައި ބޭއްތިއްބުމެވެ. މިހެން ބުނެ އުޅެނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރުކުރުމުން ތަހްޤީޤު ނިމެންދެން ނުވަރަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުުރުމުންނެވެ. މިކަމަށް ވާނުވާ ޖެހުމޭ ކިޔަންފެށީ ޖަލުގެ ޤައިދީންނެވެ. އޭގެފަހުން އެމީހުންގެ ވަކީލުންނާއި ސިޔާސީ ބޭފުޅުންނާއި ޢާއްމުންގެ މެދުގައިވެސް "ވާނުވާ" މަޝްހޫރުވެގެން ދިޔައެވެ.

ވާނުވާ ޖެހުމުން ވަނީ ކިހިނެތް؟

ޢާއްމު އުސޫލުން ބަލާނަމަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 24ގަޑިއިރުއެވެ. އެއަށްވުރެ އިތުތަށް އޭނާ ބަންދުގައި ބަހައްޓަން ތަހްޤިޤުކުރާ ފަރާތުން ބޭނުންވާނަމަ އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރުކުރަން ޖެހެއެވެ. މިފަދަ ޙާލަތުގައި ބޮޑެތި ކުށްތަކުގައިވެސް އެންމެ ގިނަވެގެން ބަންދަށް އިތުރުކޮށްދެނީ 15 ދުވަހެވެ. އެހެންކަމުން ބަންދުކުރެވޭ މީހާ ތަހްޤީގަށް ނުވަތަ ޝަރީޢަތުގެ މަރުހަލާގައި އެންމެ ގިނަވެގެން ބަންދުގައި ހުންނަންޖެހޭނީ 15 ދުވަހެވެ. އެއަށްފަހު އިތުރަށް އޭނާ ބަންދުގައި ބަހައްޓަން ބޭނުންވެއްޖެނަމަ އަނެއްކާވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރުކޮށް އިތުރަން ބަންދުކުރަންޖެހޭ ސަބަބުތައް ހާމަކުރަންޖެހޭނެއެވެ. މިނިޒާމުގެ ސަބަބުން ބަންދުކުރެވޭ މީހާއަށް ލިބޭ ފުރުސަތަކީ އޭނާ ބަންދުކުރަން ނުޖެހޭކަމަށް އަމިއްލައަށް ޤަބޫލުކުރެވޭނަމަ އެކަން ފަނޑިޔާރުގެ ކުރިމަތީގައި ހާމަކޮށް ވާހަކަދެއްކުމުގެ ފުރުސަތު އޭނާއަށް ލިބުމެވެ. އެހެންނަމަވެސް "ވާނުވާ"ގައި ބަންދުގައި ތިބޭ މީހުންނަށް މިފުރުސަތު ނުލިބޭއިރު، ބަންދުން ދޫކޮށްލާނެ އިރެއް ޝަރިޢަތް ފަށާނެ އިރެއް ތަހްޤީޤު ނިމޭނެ އިރެއް ނޭނގެއެވެ.

ވާނުވާގެ ތެރެއިން ބަންދުކޮށްފައިވާ މީހުންނާއި، ޙުކުމެއް ތަންފިޒުކުރުމަށް ޖަލުގައި ބަންދުކޮށްފައިވާ މީހުނާމެދު ޖަލުގައި ޢަމަލުކުރާ އުސޫލުތަކާއި މިދެބައިމީހުންނަށް ލިބިދޭ ޙައްޤުތަކާއި ޢިނާޔަތްތަކުގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ. އެގޮތުން ޢާޢިލީ ބައްދަލުވުންތައް ލިބުމުގައި އޮންނަ ތަފާތުތަކާއި، ވާނުވާގައި ތިބޭ މީހުންނަށް އެކަހެރި ބައްދަލުވުން ނުލިބުމާއި، ކަސްރަތުކުރުމަށް ލިބޭ ފުރުސަތުގެ މަދުކަންފަދަ އަސާސީ އެތައް ކަމެއް ވަރަށްބޮޑަށް ހަންޏެވެ.

ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކޮންމެ މީހަކަށް އޮންނާނީ ދެގޮތެކެވެ. އެއްގޮތަކީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުނުވުމެވެ. އަނެއްގޮތަކީ ސާބިތުވުމެވެ. ސާބިތުވެއްޖެނަމަ އޭނާ ބަންދުކުރާނީ އެކުށަކަށް ކަނޑައެޅިފައި އޮންނަ މުއްދަކަށެވެ. އޭނާ ތަހްޤީޤު މަރުޙަލާގައި ބަންދުކުގެ ހުރި މުއްދަތުން އެމުއްދަތު ކަނޑައެވެ.

އެހެންނަމަވެސް ވާނުވަގައި ހުންނަ މީހެއްގެމައްޗަށް ކުށް ސާބިތު ނުވެއްޖެނަމަ އޭނާ މުޅިން މިނިވަންވީއެވެ. އެއާއެކު އެއީ ވާނުވާގައި ދިގު މުއްދަތަތެއްގައި ޖަލުގައި އޮތް މީހެއްކަމަށްވާނަމަ އެމީހަކަށް ޢިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބޭނެއެވެ.

ވާނުވާގައި ކިހާ މުއްދަތެއް؟ ކިހާ ބަޔެއް؟

ބައެއް ޤާނޫނީ ވަކީލުން މަޢުލޫމާތު ދެއްވާގޮތުގައި އެބޭފުޅުންގެ ބައެއް މުވައްކިލުންގެ ތެރެއިން އެއްބަޔަކު ވާނުވާގައި 3 އަހަރު، އަނެއްބަޔަކު 5 އަހަރު އަދި 7 އަހަރު ވެފައިވާ މީހުންވެސް އެބަތިއްބެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ދާދިފަހުން ހެއްދެވި، ޖަލުތަކާބެހޭ އޮޑިޓް ރިޕޯޓުގައި ވާގޮތުން 140 އަށްވުރެ ގިނަ މީހުން ޖަލުގައި "ވާނުވާ"ގައި އެބަތިއްބެވެ.

ކުށުގެ ތުހުމަތުގައި މީހަކު ބަންދުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި އެމީހާގެ ތަހްޤީޤު ނިންމައި މައްސަލަ ޝަރީޢަތަށް ފޮނުވައި ޝަރީޢަތް ފަށައި ނިންމުމަށް ކަނޑައެޅިފައިވާ އުސޫލުތަކެއް ވެއެވެ. އެކަމަށް އެކަށީގެންވާ މުއްދަތުތަކެއްވެސް މިދެންނެވި އުސޫލުތަކުގައި ހިމަނާފައިވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމެއް ކޮންމެ މައްސަލައެއްގައި ކަނޑައެޅިފައި އޮންނަ އުސޫލުން އެ މުއްދަތުގައި ނުހިނގައެވެ. އެކަން ހިންގުމުގެ އެއްވެސް ބާރެއް އިޚްތިޔާރެއް، ތުހުމަތެއްގައި ހައްޔަރުކުރެވޭ މީހާއަށް ނޯންނައިރު، ބޭއިންސާފުން އެތައް ދުވަހަކު ޖަލުގައި އޮންނަން މިޖެހެނީ އޭނާއެވެ.

ނަތީޖާއަކީ ކޮބާ؟

ނަތީޖާ ވަރަށްގޯހެވެ. ވަރަށް އާދައިގެ ކަންކަމުގެ ތުުމަތުގައި ވާނުވާ ޖަހާފައި ޖަލަށްލުމަށްފަހު އެތައްދުވަހެއްކޮށްފައި ދޫކޮށްލާ ބައެއްމީހުން އޭނާ ކުރިން ނުކުރާ އެތައްކުށެއް ކުރާ ކުށްވެރިޔަކަށް ބަދަލުވެފައި އެބަހުއްޓެވެ. އަދި މުޅި މީހާގެ މިޒާޖާއި އުޅުން ބަދަލުވެ އޭނާއަކީ މުޖުތަމަޢަށް ކުރިއަށްވުރެ ނުރައްކާ މީހަކަށްވެސް ވެފައި އެބަހުއްޓެވެ.

މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއްކަމަކީ، ދާދިފަހުން ޖަލުގައި ހިނގި ހަމަނުޖެހުންތަކެވެ. މިކަމުގެ ނުރައްކާތެރިކަމާއި، އެކަން ބޮޑުވެގެންދިޔަ މިންވަރު މީޑިއާތަކުން އެވަނީ ހާމަކޮށްފައެވެ. އަދި އެކަންކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ވެސް ވަރަށް ތަފްސީލުކޮށް ދެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިގޮތުގައި ޖަލުގައި މިފަހުން ހިނގި ހަމަނުޖެހުންތައް ހިންގުމުގައި އިސްކޮށް އުޅުނީ ވާނުވާގައި ތިބި ޤައިދީންނެވެ.

"ވާނުވާ"ގައި ބައިތިއްބާފައިވާ 140 އަށްވުރެ ގިނަ މީހުންނަކީވެސް އިންސާނުންނެވެ. އެމީހުންގެ މައްސަލަތައް ވީ ހިސާބެއް ޝަރީޢަތްތައް ކުރިއަށް ނުދަނީ ކީއްވެގެންކަމެއް، އެމީހުން ޖަލުގައި ހޭދަކުރަންޖެހޭނީ ކިހާ ދުވަހެއްކަމެއް އެމީހުންނަކަށް ނޭނގެއެވެ. ރުޅުވެސް އަންނާނެއެވެ. އެކަމުގެ ނަތީޖާ ކޮންމެފަހަރަކު ނުކުންނާނީ ޖަލުބަލަހައްޓާ މީހުން އުންމީދުކުރާ ގޮތަކަށް ނޫނެނެވެ. މިފަހަރުގެ ހަމަނުޖެހުމުގައި މިވީ މިހެންނެވެ.

"ވާނުވާ"އަށް އިންސާފެއް ނެތީބާ؟

ހަމަ ގައިމުވެސް މިހާރުގެ ހޯމް މިނިސްޓަރަކީ ޖަލުގެ މިޙާލަތު ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި އެކަން ތަޖުރިބާ ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. މިހާރުގެ ސަރުކާރާއި ރައްޔިތުގެ މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މި ބޭއިންސާފު ނެތިކޮށް އިންސާފު ޤާއިމުކޮށްދެއްވާނެކަމުގެ ވަޢުދު ވެވަޑައިގަންނަނަވަމުން ބާރުވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނެވެ. އެހެންކަމުން އިންސާފު ލަސްވުމަކީ ރައްޔިތުން ތަޙައްމަލުކުރާނެކަމެއް ނޫނެނެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. "އިންސާފު ލަސްވުމަކީ، އިންސާފު ނުލިބުމެވެ."

ކިޔުންތެރިންގެ ހިޔާލު