"އޮސްޓްރޭލިޔާ އަކީ ދިވެހިރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއް"

އޮސްޓްރޭލިޔާ އަކީ ދިވެހިރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ދިހިރާއްޖެއާއި އޮސްޓްރޭލިޔާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްވިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޑިފެންސް، މާރިޔާ އަޙްމަދު ދީދީ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު، ހޮޓެލް ޖެންގައި އޮތް ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ ދެޤައުމުގެ ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. މިގޮތުން، އޮސްޓްރޭލިޔާގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބޭ ތަފާތު ދާއިރާތައް ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، އޮސްޓްރޭލިޔާ އަކީ ދިވެހިރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ އޮސްޓްރޭލިޔާއަކީ ރާއްޖެއާ ފަސްހާހެއްހާ މޭލު ދުރުގައި އޮތް ޤައުމެއް ކަމަށް ވިޔަސް، މި ދެޤައުމަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ދެ ޤައުމުކަމަށް ވުމުން، މިއީ އަވަށްޓެރި ދެޤައުމުކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާގެ ސިޔާސީ ގުޅުމަށް 45 އަހަރުފުރުމާ ގުޅިގެން، މިއަދު ހެނދުނު، އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ހޮލީ ވަނީ މިނިސްޓަރ އޮފް ޑިފެންސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މީގެ އިތުރުން، ދެޤައުމުގެ ސިޔާސީ ގުޅުމަށް 45 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި، އޮސްޓްރޭލިޔާގެ އެޗް.އެމް.އޭ.އެސް ބެލަރެޓް ނަމަކަށް ކިޔާ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ޕޯލް ޖޯންސަންގެ ދަޢުވަތަކަށް، މިއަދު މެންދުރުފަހު، އެކަމަނާ ވަނީ އެމަނަވަރަށް ޒިޔާރަތްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު