ލަންކާގައި ޖައްލާދު ކަމަށް 100 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

 

ސްރީލަންކާގައި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކޮއްފައިވާ ހަތަރު ގައިދީން ދަންޖައްސަން ނިންމާފިކަމަށް އެގައުމުގެ ރައީސް މައްތިރިޕާލާ ސިރިސޭނާ އިއުލާނު ކުރެއްވުމާ ގުޅިގެން އެގައުމުގެ ސަރުކާރުން ދެ ޖައްލާދުން ހޯދުމުގެ މަސައްކަތް ފެށުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެ ވަޒީފާއަށް ކުރިމަތިލައިފިއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރަން 2 ޖައްލާދުން ހޯދަން ސްރީލަންކާގައި ވަނީ އިއުލާން ކޮއްފައެވެ. ޝަރުތުތަކު ތެރޭގައި ސްރީލަންކާގެ ރައްޔިތަކަށް ވުމާ، އުމުރުން 18-45 ދެމެދުގެ މީހަކަށް ވުމާއި ހަމަބުއްދި ފިލާފައިވާ މީހަކަށް ނުވުން ހިމެނެވެ.

މި މަގާމަށް މިހާތަނަށް 100މީހުން ކުރިމަތި ލާފައިވާކަމަށްވެސް ސްރީލަންކާގެ ހަބަރުތަކުން ބުނެއެވެ. ޖަލުގެ ތަރުޖަމާނު ބުނެފައި ވާ ގޮތުގައި މިތަނުން ހޮވާލެވޭ 2 މީހުން 2 ހަފްތާގެ ދިގު މުއްދަތަކަށް ކުރިޔަށް ގެންދާ ޓްރޭނިން އެވެސް ހަދަން ޖެހޭނެއެވެ.

ސްރީލަންކާގައި އެންމެފަހުން މަރުގެ ހުކުމް ތަންފީޒު ކޮއްފައިވަނީ 1976ގައެވެ، އެއީ މީގެ 43 އަހަރު ކުރިއެވެ. އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައި މިވަނީ ގާނޫނުތަކަށް ގެނެވުނު ބަދަލަކުންނެވެ.

އެންމެފަހުން ލަންކާގައި މަސައްކަތް ކުރި ޖައްލާދު މަގާމުން ދުރުކުރެވިފައިވަނީ  އޭނާއަށް ނަފްސާނީގޮތުން ބަލިކަށިވުމުގެ ސަބަބުންނެވެ. އެޔަށްފަހު މަގާމަށް ހޮވާފައިވާ މީހާ މަގާމު އަދާކުރާކަށް ނުކުމެފައެއް ނުވެއެވެ.

ސިރީލންކާގައި މީހުން މެރުމަށާ، ރޭޕް އަދި މަސްތުވާތަކެތި އެތެރެ ކުރާމީހުންނަށް އޮންނަ ހުކުމަކީ ދަންޖައްސައިގެން މެރުމެވެ. ނަމަވެސް ފާއިތުވެ ދިޔަ 43 އަހަރުތޭރޭ މިކަން މި ގޮތަށް ހިނގާފައެއްނުވެއެވެ.

ސްރީލަންކާގެ ބައެއް ސިޔާސި ބޭފުޅުން ބުނާ ގޮތުގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އެގައުމުގެ ރައީސް ސިރިސޭނާ އަށް ކުރިޔަށް އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު އިތުރުކުރުމަށް ޖައްސާ ސިޔާސީ ސްޓަންޓެކެވެ.

ރައީސް ސިރިސޭނާ ބުނެފައިވާ ގޮތުގައި މި ހުކުމް ތަންފީޒުކުރަން ސޮއެ ކޮއްފައިވާ ވީނަމަވެސް، މި ހަތަރު ގައިދީންނަށް މިކަން އަންގާފައެއް ނުވެއެވެ. ސަބަބަކީ ހާމަ ކޮއްފިނަމަ ޖަލުތެރޭ އުފެދިދާނެ ހަމަނުޖެހުން ތަކަކަށް ބަލާފައެވެ. އަދި ސްރީލަންކާގައި 200،000 މީހުންނަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ތިބިމީހުންނެވެ. ޖަލުގެ 60 އިންސަތައަކީ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރެވިފަ ތިބި ގައިދީންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، މަރުގެ ހުކުމް އިއްވާފައިވާ ގާތްގަނޑަކަށް 1،300 މީހުން މިވަގުތު ކަންކާގައި އެބަ ތިއްބެވެ.

 

 

ކިޔުންތެރިންގެ ހިޔާލު