"ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން"

ކަންކަން ފޮރުވުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫންކަމަށް، އެމްޑިޕީގެ ޗެއާޕާސަން، އަދި އެޕާޓީގެ މަޖްލިސް މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިއަދު ވަނީ ދެ މައްސަލައެއްގައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރުމަށް މޯލްޑްވްސް ޕޮލިސް ސާވިސް އަށް ގޮވާލާފައެވެ.

ފުރަތަމަ މައްސަލައަކީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލިގެން ހޯދަމުން އަންނަ ޝައިމް އަބްދުﷲ ގެ މައްސަލައެވެ.

"ޝައިމް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މަސައްކަތަަކެއް ކުރަމުން އަންނަ ނަމަ އެކަން ހާމަކޮށްދޭން ޖެހޭ،" ހަސަން ލަތީފް މިއަދު ވިދާޅުވިއެވެ.

އަދި ކޮމިޝަނާ އޮފް ޕިލިސް މުހައްމަދު ހަމީދު ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވަނީ 1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާގައި ހިމެނޭ ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރަމުން އަންނަ މަސައްކަތައް ވެސް ހާމަކުރުމަށް ހަސަން ލަތީފް ގޮވާލެއްވިއެވެ.

ލުތުފީ ފިލައިގެން އުޅޭތާ 9 އަހަރު ފަހުން ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އޭނާ ދައުލަތާ ހަވާލުވެފައިވަނީ މޭމަހު 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން ލުތުފީ ހުރީ ލަންކާގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކުޑަކުދިންގެ ހިޔާގައި ހުރި ޝައިމް،14 ގެއްލިގެން ހޯދާތާ ދެ ހަފްތާ ވެއްޖެއެވެ. އޭނާ ހޯދުމަށް ތިން ގެއެއް ބަލައި ފާސްކުރިކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން އެ ކުއްޖާ ހޯދަމުށް ކުރާ މަސައްކަތް ހުއްޓާ ނުލާއި ކުރިއަށް ގެންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވެސް އަންނީ ޝައިމް އަބްދުﷲ ގެއްލުނު މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށެގެނެވެ. ސަބަބަކީ ޝައިމްއަކީ ކުޑަކުއްޖަކަށްވާތީއެވެ.

ރޭ މަޖިލީހަށް ޖެންޑާ މިނިސްޓާ ސިދާތާ ސަރީފް ވެސް ހާޒިރުކޮށްފައިވެއެވެ.

ގިނަބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ "ޝައިމްގެ ސެންސިޓިވް މައުލޫމާތު" ޖެންޑާ މިނިސްްޓާ މީޑިއާއަށް ހާމަކުރެއްވިކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު