ޓެސްޓުގަ ކޮޕީކުރި މެޖިސްޓްރޭޓުގެ, ޖިންސީ ފުރައްސާރައިގެ ތަހުގީގު ފަށައިފި

ޓެސްޓުގައި ކޮޕީކުރި މެޖިސްޓްރޭޓު މުހައްމަދު ރާޣިބު މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން މިއަދު ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ތަހުގީގު ފަށާފައިވަނީ މެޖިސްޓްރޭޓް މުހައްމަދު ރާޣިބުގެ ކ. އަތޮޅު ކޯޓުތަކުގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެވެ.

ގދ. ގައްދޫ ކޯޓްގެ ސީނިއާ މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވިއިރު ޓެސްޓުގައި ކޮޕީ ކުރިކަމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޖޭއެސްސީއަށް 2013 ވަނަ އަހަރު ވަނީ މައްސަލައެއް ފޮނުވާފައެވެ.

ރާޣިބު އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާކަމށް ތުހުމަތުކޮށް ޖޭއެސްސީއަށް އާ މައްސަލައެއް މިމަހު ވަނީ ވައްދައިފިއެވެ.

މުހައްމަދު ރާޣިބު އަހުމާދާ މެދު ފިޔަވަޅު އަޅަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2013 ވަނަ އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވާފައިވީނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް ޖޭއެސްސީން އެޅިކަމެއް ހާމައެއް ނުކުރެެއެވެ.

އޭނާއަށް ފިޔަވަޅު އަޅަން އެދުނީ ޝަރީއަތާއި ގާނޫނު ޑިޕްލޮމާ ކޯހުގެ އިމްތިހާނުގައި މަކަރު ހެދުމުގެ ސަބުން ކޯހުން ވަކިކޮށްފައި ވަނިކޮށް ކުއްލިއްޔާގެ ދަރިވަރުންގެ ގަވައިދާ ހިލާފަށް އަލުން ކޯހުގައި ބައިވެރިކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

އޭސީސީން މައްސަލަ ނިންމިުމަށްފަހު އޭސީސީން ޖޭއެސްސީއަށް ފޮނުވި މައްސަލާގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ގައިވާ ގޮތުގެ މަރިން ރާޣިބު ޓެސްޓ ހަދަން އިނީ ޖަވާބު ކަރުދާހެއް ހިފައިގެންކަން އޭނާގެ ތަހުގީގު ބަޔާނާއި އިންވިޖިލޭޓަރާއި ކުއްލިއްޔާގެ އެކަޑަމިކް ބޯޑުގެ މެންބަރުންގެ ބަހުން ސާބިތުވާތީ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުގެ އުސޫލު ތިނެއްގެ 3.1 އާއި 3.2 ގައި ފަނޑިޔާރުންގެ ސްލޫކް ބަހައްޓަން ވާނީ އެ މީހުންގެ ތެދުވެރި ކަމާއި އިހުލާސްތެރި ކަމާއި އަމާނާތްތެރި ކަމާމެދު އާންމުންގެ މެދުގައި އިތުބާރު ކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައިވާއިރު ރާޣިބުގެ އެ އަމަލަކީ އެ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެހެން ކަމުން އެކަން ތަކުރާރުނު ނުވާނެހެން ރާޣިބަށް ޔަވަޅު އަޅައި ދިނުމަށް ޖޭއެސްސީއަށް ފޮނުވީ ކަމަށެވެ.

ރާޣިބުއާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ކ. އަތޮޅު ކޯޓުތަކުގެ ބައެއް އަންހެން މުވައްޒަފުން މައްސަލަ ހުށަހަޅާފައި ވަނީ އަންހެން މުވައްޒަފުންނާ މާ ބޮޑަށް ގައިގޯޅިވާ ކަމަށް ތުހުމަތުކޮށެވެ.

އަންހެން މުވައްޒަފުންގެ ގައިގައި އަތްލާ ހަދާ ކަމަށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ތުހުމަތުކޮށްފައިވެއެވެ.

ރާޣިބު އަކީ މިހާރު ކ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ. އޭގެ ކުރިން އޭނާގެ މައްޗަށް ޓެސްޓުގައި ކޮޕީ ކުރިކަމުގެ ތުހުމަތު ކުރެވިފައިވަނިކކޮށް އޭނާ ވަނީ ވ. އަތޮޅުގެ އިސް މެޖިސްޓްރޭޓުކަމަށް ވެސް ބަދަލުކޮށްފައެވެ.

ގދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުން މުހައްމަދު ރާޣިބު އަހްމަދު ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ބަދަލުކުރެއްވި ނަމަވެސް އޭނާއާ ބެހޭ ގޮތުން ބަލަމުންދާ ޝަކުވާއަށް އެކަމުގެ އަސަރު ނުފޯރާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ 2013 ވަނަ އަހަރު ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު