ސަރުކާރުގެ މަގާމެއްގައި ހުރެ ކޮރަޕްޝަންގެ އަމަލެެއް ނުހިންގޭނެ: ރައީސް

ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ "ސްޓްރެންތްނިންގ އޮފް ކޯޕަރޭޓް ގަވަރނަންސް" ގެ ނަމުގައި މިއަދު ހަވީރު ނެޝަނަލް އާރޓް ގެލެރީގައި ފެށި މާހަސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަނަށް މަގުފަހި ވުމަށް އޮތް މައިގަނޑު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ޕްރޮކިއުމަންޓާއި ބިޑުތައް ހުޅުވާލާ ހިސާބަކީ ކޮރަޕްޝަނަށް އެންމެ ބޮޑަށް މަގުފަހިވެގެންދާ ހިސާބުކަމަށެވެ. އެހެންކަމުން ކުންފުނިތަކުގެ ޕްރޮކިއުމަންޓާ ބިޑްކުރުމުގެ ކަންކަން މިހާރަށްވުރެ ހާމަކަންބޮޑުކޮށް، ދެ ފުށް ފެންނަގޮތަށް ކުރިޔަށް ގެންދެވުމަށް ކުންފުނިތަކުގެ ވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ކުންފުނިތައް ހިންގެވުމަށް، ޤާނޫނީ އިންތަކަކާއި އޮނިގަނޑުތަކެއް ކަނޑައެޅިފައި ހުރިކަން ހަނދުމަކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާ އެއްގޮތަށް ކުންފުނިތައް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ފައިސާގެ މުޢާމަލާތްތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކުގައި ހިންގެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ކުންފުނިތަކުގެ ވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ކުންފުނިތަކާއި އާންމު ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކުރުމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯޕަރޭޓް ގަވަރނަންސް ކޯޑް އިފްތިތާޙް ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު