އަންހެނަކާ ދިމާލަށް ހަޑިހުތުރު ބަހުން މުހާޠަބު ކުރި ފަނޑިޔާރު މަގާމުން ވަކިކޮށްފި

ެގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވ.

ފަނޑިޔާރުކަމުން އިބްރާހިމް ރަޝީދު ވކިކުރައްވާފައިވަނީ މިއަދު އެކަަމަށް ނެގުނު ވޯޓްގައި ބައިވެރިވި ހުރިހާ މެމްބރުންގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. މިވޯޓްގައި ބައިވެރވި 70 މެމްބަރުންވެސް ވަނީ އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ވޯޓް ދެއްވާފައެވެ. މިއީ މިގޮތަށް ފަނޑިޔާރެއް ވަކި ކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.

އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްސަލައިގައި ބުނެފައިވަނީ އޭނާ ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ މުހާޠަބުކޮށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު އެންމެންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

ޖޭއެސްސީގެ ނިންމުމުގައި ބުނެފައިވަނީ މިމައްސަލައަށް އިބްރާހީމް ރަޝީދު އިންކާރުކުރައްވާފައިވާތީ މައްސަލަ ނިންމާފައިވަނީ ޝަރުއީ މިންގަނޑުން ޝަކުވާގެ މައުޟޫއު ރައްދުވާ ދެފަރާތުގެ ހެކި ބަސް ނެގުމަށްފަހު ކަމަށެވެ. މިމައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތަށް ވެސް ރިއާޔަތްކޮށްފައިވާނެ ކަމަށާއި މެޖިސްޓްރޭޓެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އާންމު ފަރުދަކާ ދިމާލަށް އެއްޗެތި ގޮވާ ހަޅޭއްލެވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ގާޒީ އިބްރާހީމް ރަޝީދުގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކާ ގުޅިގެން ޖޭއެސްސީން މީގެ ކުރިން ވަނީ އޭނާ ވަޒީފާއިން ވެސް ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން އޭނާ ސަސްޕެންޑް ކުރީ 2016 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު