ކޮމަން ވެލްތުން ވަކިވެފައި އޮތުމަކީ ލުތުފީ އަނބުރާ ގެންނަން އޮތް ހުރަހެއް

ކޮމަންވެލްތުން ވަކިވެފައި އޮތުމަކީ ހާޖަރާގެ ޢަބްދުﷲ ލުޠުފީ އަނބުރާ ގެންނަން ދިމާވި ހުރަހެއް ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއް ގައި ބުނީ ފާއިތުވި ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެޖިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައި ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފައިވާ ކަމެއް ކަމަށެވެ.

"އަމިއްލަ އިޚްތިޔާރުގައި ހާޟިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއިއެކު، މިކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވާނީ ވަގުތުން ޙިއްސާކުރެވިފައެވެ. އަދި އެހިނދުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ޤާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ" ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިގޮތުން، ޢަބްދުﷲ ލުޠުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް ހުއްޓެވެ. އަދި، ސްރީލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ސައްޙަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ހުރިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ޙަވާލާދެވުނު ގޮންޖެހުންތައް ހުރިނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ. އަދި އެކަށައެޅިފައިވާ ބައިނަލްއަޤްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުންދާ ވާހަކަ މިފުރުސަތުގައި ތަކުރާރުކުރާ" ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ލުތުފީ އަކީ 3 ނޮވެމްބަރު ގައި ދިން ޓެރަރިސްޓު ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ދިވެއްސެކެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެވެ.

ކިޔުންތެރިންގެ ހިޔާލު